އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލަން ނިންމައިފި އެވެ.

އެސްޑީއެފްސީން މިއަދު ބުނީ ދަނޑުވެރިކަމަށް ދޫކުރާ "ދަނޑުވެރި ނަފާ" ލޯނާއި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް ދޫކުރާ "ވިޔަފާރި އެހީ" ލޯނަށް އެދުމުގެ ފުރުސަތު މާދަމާއިން ފެށިގެން ހުޅުވާލާނެ ކަމަށެވެ. އަދި އެހެނިހެން ލޯނުތަކަށް އެދުމުގެ ފުރުސަތު އަންނަ މެއި މަހުން ފެށިގެން ހުޅުވާލާނެ ކަމަށް އެސްޑީއެފްސީން ބުނެ އެވެ.

ދަނޑުވެރި ނަފާގެ ލޯނަކީ އެސްޑީއެފްސީ އާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ގުޅިގެން ރާއްޖޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެކުލަވާލާފައިވާ ލޯނެކެވެ. ވިޔަފާރި އެހީގެ ލޯނަކީ ކުދި ވިޔަފާރިތަކަށް ކުރު މުއްދަތެއްގެ ތެރޭގައި ދަތިތަކާ ނުލައި ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމަށް ދޭ ލޯނެކެވެ.

އެސްޑީއެފްސީ އަކީ މި ސަރުކާރުގެ އެއް ވަޢުދު ކަމުގައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ޤާއިމްކުރެވިފައިވާ ކުންފުންޏެކެވެ.

މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމެވެ.