ތިމާ ވާންޖެހޭނީ ތިމާއަށް އެންމެ ހެޔޮއެދޭ، ތިމާއަށް ރައްކާތެރިކަންދޭ ފަރާތާއެކުގައިކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް، އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިޚް ޢިމްރާން މިހެން ވިދާޅުވީ ރޭ އިސްލާމީ މަރުކަޒު ހޯލުގައި އޮތް އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.

”ތިބާ ﷲ އާއެކު ވާށެވެ!” މި މަޢުޟޫއަށް މިރޭ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ އަޅުގަނޑުމެންނާއިއެކުގައިކަމަށާއި އަޅުގަނޑުމެން ވަނީ އެކަލާނގެއާއިއެކުގައިތޯ ސުވާލުކުރެއްވިއެވެ.

އެގޮތުން އިންސާނުންނަށް ބަލާއިރު ބައެއް ހާލަތްތަކުގައި، ގާތުގައި ފެންނަ ހިސާބުގައި ވިޔަސް އެއީ އެކުގައިވާ ފަރާތްތަކަށް ނުވާ ފަހަރު އަންނަކަމަށާއި ދުރުގައި، ނުފެންނަ ހިސާބެއްގައި ވިޔަސް އެކުގައިވާ ފަރާތްތައް ވާކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ކޮންމެ އިންސާނެއްވެސް ބޭނުންވާނީ އެމީހަކާއި އެންމެ ގާތުގައި ނުވިޔަސް، އެކުގައިވާ ފަރާތެއްކަމަށާއި އެފަރާތަކީ ތިމާއަށް މަތިވެރި އިއްޒަތްދޭނެ، ކޮންމެ ވަގުތެއްގައި ތިމާ ރައްކާތެރިކޮށްދޭނެ، އަދި ހެޔޮ އެދޭނެ ފަރާތަކަށް ވުމަށްކަމަށް ވިދާޅުވިއެވެ.

ޝައިޚް ވަނީ މާތްﷲ އާއިއެކުގައިވާން ބޭނުންވާ މީހާގެ ޢަމަލުތައް ބަހައްޓަން ޖެހޭގޮތުގެ މައްޗަށާއި މާތް ﷲ އާއެކުވާން ބޭނުންވާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

މި ފޯރަމްގައި ދެން ވާހަކަދެއްކެވި އައްޝައިޚް ޢަބްދުﷲ ރަޝީދު ވަނީ މާތް ﷲގެ ކުޅަދުންވަންތަކަމާއި މާތްﷲ ވޮޑިގެންވަނީ ކޮންތާކުކަން ތަފްސީލުކޮށްދެއްވާފައެވެ. އެގޮތުން އަޅުތަކުންނާއިއެކު މާތްﷲ ވޮޑިގެންވާކަމަށާއި، އެކަލާނގެ ބައްލަވާވޮޑިގެން ނުވާ އެއްވެސް އެއްޗެއް، އެއްވެސް މީހެއް، އެއްވެސް ތަނެއް މި ކާއިނާތުގައި ނުވާކަމަށް ވިދާޅުވިއެވެ.

މާތް ﷲ އާއިއެކުވާން ބޭނުންނަމަ ﷲގެ އަމުރުފުޅުތަކަށް ފުރިހަމައަށް ޢަމަލުކުރަންޖެހޭކަމަށާއި ﷲ އާއެކުވާ އަޅުންނަކީ ކޮންމެ ޙާލެއްގައިވެސް ﷲއަށް ވަކީލުކުރާ އަޅުންކަމަށް ވިދާޅުވިއެވެ.

މާތް ﷲ އާއެކުގައިވާން ބޭނުންވާނަމަ ﷲއަށް އެންމެ ހައްޤުގޮތުގައި އީމާންވާ މީހަކަށް ވާންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

މާތް ﷲ ވޮޑިގެންވަނީ ތަޤުވާވެރިންނާއެކުކަން ފާހަގަކުރައްވާ އެކަމުގެ ތަފްސީލުތަކަށްވެސް ވަނީ މި ފޯރަމްގައި ބައްލަވާލައްވާފައެވެ.

އިޙްޔާ ފޯރަމްތައް ކޮންމެ އާދިއްތަ ބުރާސްފަތި އަދި ހުކުރު ދުވަހަކު ބާއްވަމުން އަންނައިރު ދެން އެންމެ އަވަހަށް މިފަދަ ފޯރަމެއް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.