މިދުވަސްވަރަކީ ރާއްޖެއަށް ހޫނު މޫސުން ކަމުން މުޅިރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ ބޯފެނުގެ މައްސަލަ ކުރިމަތިވެފައެވެ. އެ މައްސަލަ ވަނީ ވެރިރަށް މާލެއަށް ވެސް ކުރިމަތިވެފައެވެ.

"އަޅުގަނޑުމެންގެ ފިހާރައިން ފެން ހުސްވެއްޖެ. އެކަމަކު ފެން ލިބޭ ގޮތެއް ނުވި. ފެން އުފައްދާ ވިއްކާ ފަރާތްތަކުން ވިދާޅުވަނީ "އައުޓު އޮފް ސްޓޮކް" ކަމަށް. ފިހާރައިގެ އިތުރުން ގޭގައި ވެސް ނެތް ބޯނެ ފެނެއް،" މާލޭގައި ފިހާރައެއް ހިންގާ މީހަކު ބުންނެވެ.

ދެވަނައަށް އާބާދީ އެންމެ ބޮޑު އައްޑޫސިޓީގައި ވެސް މިމައްސަލަ އޮތީ މިހެންނެވެ. ފުޅީގައި ބަންދުކުރި ފެން އައްޑޫއިން އެއްކޮށް ހުސްވެގެންދިއައެވެ. އެހެންނަމަވެސް މާދުވަހެއް ނުވެ އައު ޝިޕްމެންޓެއް ގެނެސް ޚިދުމަތް ދޭން ފެށިއެވެ. އެހެންނަމަވެސް ބޭނުންވާ ވަރަށް ފެން ނުލިބެއެވެ. 20 ކޭސް ފެނަނަށް ބުނުމުން ލިބެނީ 10 ވަރަކަށް ކޭސް އެވެ. "އަޅުގަނޑުމެން އަށް ކޭސް ފެންނަށް އެދުމުން ލިބުނީ އެންމެ ފެންކޭހެއް. އެއީ ވެސް ފަސް ސަތޭކައެމްއެލްގެ ކޭހެއް. ދެން އޮތް ގޮތަކީ އިސްކުރު ފެން ކައްކައިގެން ބޭނުން ކުރަން ފެށުން،" އައްޑު މީހަކު ބުންޏެވެ.

ރައްޔިތުންނާއި ފެނާއި ފިނިކުރި ކާބޯތަކެތީގެ ޚިދުމަތް ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުން ގެންދާ ހެޕީމާކެޓުގެ މެނޭޖިން ޑިރެކްޓަރ ޢަލީ އިޙުސާން ވިދާޅުވީ މިއީ ކޮންމެ އަހަރެއްގެ ވެސް ހޫނު މޫސުމުގައި ދިމާވާ މައްސަލައެއް ކަމަށެވެ. އެ މައްސަލަ މިފަހަރު އިތުރަށް ބޮޑުވެފައިވަނީ ހޫނު މޫސުމާއި ރޯދަމަހާ ދިމާވުން ކަމަށެވެ. "މިއީ ކޮންމެ އަހަރަކު ހޫނު މޫސުމުގައި ތަޖުރިބާ ކުރަންޖެހޭ ކަމެއް. މިފަހަރު ހޫނު މޫސުން ދިމާމިވީ ރޯދަމަހާ. އެހެން ވުމުން މީހުން އިތުރަށް ފެން ބޭނުންވާނެ. ވާރޭ ނުވެހި ގިނަދުވަސް ވުމުން އެންމެންވެސް މިހާރު ބޭނުންކުރަނީ ފުޅީގައި ބަންދުކުރި ފެން. ފުޅީގައި ބަންދުކުރި ފެން އާންމުކޮށް ބޭނުން ނުކުރާ މީހުން ވެސް ފެން ލިބުމުން ދަތިވުމުން ބޭނުން މިކުރަނީ ބަންދުކުރި ފެން. އިރާދަ ކުރެއްވިއްޔާ ރައްޔިތުންނަށް ފެން ލިބުމުގެ މައްސަލަ ހައްލުކުރުމަށް ވެވެންއޮތް މަސައްކަތްތަކެއް ކުރާނަން،" އިޙުސާން ވިދާޅުވިއެވެ.

ސަރުކާރުން ވެސް ގެންދަވަނީ ރަށްރަށުގައި ބޯފެން ރައްކާކުރާ ނިޒާމްތައް އުފައްދައި ހުޅުވަމުންނެވެ. އެހެންނަމަވެސް ހޫނު މޫސުމާ ކުރިމަތިލާއިރު އެއްވެސް ތަފާތެއް ނުއެއް ފެނެއެވެ.