ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮކްޓަރުންގެ ދަތިކަން ޙައްލުކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން އަންނަ މެއި މަހުގެ ތޭރޭގައި 26 ޑޮކްޓަރެއް ކިއުބާއިން ގެންނަން ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޙާޒިރުވެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ކުރެންދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ ޑޮކްޓަރުން މަދުވުމުގެ މައްސަލަކަމަށެވެ. އަދި މިމައްސަލަ ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ފަހަކަށްއައިސް މިމައްސަލަ ބޮޑުވެގެން ދިޔަ އެއް ސަބަބަކީ ކޯވިޑާއެކު ކުރިމަތިވި ޙާލަތުގެ ސަބަބުން، އޭރު ރާއްޖޭގައި ޚިދުމަތްދެމުންދިޔަ ވަރަށްގިނަ ބޭރުގެ ޑޮކްޓަރުން ރާއްޖެ ދޫކޮށް ދިއުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިސަރަހައްދުން ޑޮކްޓަރުން ހޯދުމުގައި ދަތިތަކާ ކުރިމަތިވެފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިމައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތތުގެ ދަށުން މެއި މަހުގެ ތެރޭގައި 26 ސްޕެޝަލިސްޓް ޑިކްޓަރުން ކިއުބާއިން ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ މިމައްސަލައަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބޭނެ ފިޔަވަޅަކަށް ވާނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.