އެމެރިކާ ވެރިކަމުގެ، ކޯޅުމެއް ގައި އޮތްވައި ދުނިޔޭގައި އެހެން ގައުމުތަކުން އެމެރިކާ ވަށާލަނީހެން ހީވާފަދައެވެ. ސޫދާނުގައި ރަޝިޔާގެ ވަރުގަދަ އަސްކަރީ މަރުކަޒެއް ހެދުމަށް ނިންމުމަށްފަހު ރަޝިޔާއިން މިސްރާބު ޖަހާފައިވަނީ އެމެރިކާއިން ބާރު ދައްކަމުން ގެންދާ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށާއި ކެރީބިއަން، ދެކުނު އެމެރިކާ ސަރަހައްދަށެވެ.
ސޫދާންގައި ރަޝިޔާއިން ހަދާ އަސްކަރީ މަރުކަޒުގައި ނިކްލިއަރ މަނަވަރުތަކާއި 300 ސިފައިންނަށް އެއްފަހަރާ ތިބެވޭނެއެވެ. މި 300 ސިފައިންނަކީ އެއްގަމުގައި ތިބޭ މީހުންކަމަށް ބަލައިފިނަމަ، މަނަވަރުތަކުގައި ތިބޭ މީހުންނާއެކު ޖުމުލަ އަދަދު އެތައް ހާހަހަކަށް އަރާނެއެވެ.
ސޫދާންގައި ހަދާ މަރުކަޒަކީ، ރަޝިޔާގެ ސަރަހައްދުން ބޭރު ރަޝިޔާއިން ހަދާ ދެވަނަ މަރުކަޒެވެ.
ސޫރިޔާގައި ސައޫދީ އަރަބިއްޔާއިން ފަށައިދިން ހަނގުރާމައިން ރަޝިޔާއަށް ވަނީ ބޮޑު ފައިދާއެއް ކޮށްފައެވެ.
2015 ގެ ސެޕްޓެމްބަރު މަހުން ފެށިގެން ރަޝިޔާއިން ދަނީ، މެޑިޓެރޭނިއަން ކަނޑަށް އޮންނަ ސޫރިޔާގެ ލަތާކިޔާ ބަނދަރުގައި ކަނޑުގެ ސިފައިންގެ މަރުކަޒެއް ހަދައި މަނަވަރުތައް ބާއްވާފައެވެ. އަދި ލަތާކިޔާ ކައިރީގައި އޮންނަ ޚުމެއިމިން ގައި ރަޝިޔާއިން ވަނީ ވައިގެ ސިފައިންގެ މަރުކަޒެއް ހަދާފައެވެ.
ސްޓްރެޓެޖިކް ކޮށް ރަޝިޔާއިން ދަނީ ވިސްނައިގެން ރަޝިޔާގެ ނުފޫޒު ގަދަކޮށް އަސްކަރީ ގޮތުން ރަޝިޔާގެ ދުޝަމަނުންނަށް ވާން ތިބި ގައުމުތައް ވަށާލުމަށް މަސައްކަތް ކުރަމުންނެވެ.
އެފްރިކާގައި ރަޝިޔާއިން ނުފޫޒު ގަދަ ކުރުމަށް މަސައްކަތް ކުރުމަށް ރާވާފައިވެއެވެ. އެހެންނަމަވެސް އޭގެ ކުރިން ރަޝިޔާއިން ވަނީ އެފްރިކާގައި މިއަދާ ހަމައަށް ގައުމަކަށް ލިބުނު އެންމެ ނުރައްކާތެރި ހަތިޔާރަކީ ރަޝިޔާގެ ހަތިޔާރު ކަމުގައި ހަދާފައެވެ.
ރަޝިޔާއިން ވަނީ ނުރައްކާތެރި ބެލެސްޓިކް ޓެކްޓިކަލް ހަތިޔާރެއް ކަމަށްވާ އެލެގްޒެންޑަރ މިސައިލް އަލްޖަޒާއިރަށް ވިއްކާފައެވެ. މިއަދާހަމއަށް ރަޝިޔާއިން މި މިސައިލް ވިއްކާފައި ވަނީ ޖަޒާއިރުގެ އިތުރުން އަރމީނިއާއަށް އެކަންޏެވެ. ނަގޯރްނޯ ކަރަބާކް ހަނގުރާމައިގައި ރަޝިޔާއިން ވަނީ އޭގެ ފައިދާ ނަގައިގެން، އަރްމީނިއާއާއި އަޒަރްބައިޖާނަށް ރަޝިޔާ ސިފައިން މިދިޔަ ހަފްތާގައި ވައްދާފައެވެ.
އަލްޖަޒާއިރަށް ރަޝިޔާއިން ވިއްކާފައިވާ އެލެގްޒެންޑަރއަކީ، 500 ކިލޯމީޓަރަށް ދަތުރުކުރާ، އޭގެ އަމާޒަށް ފުރިހަމައަށް ވާސިލުވާ، އަދި ޖައްވުގައި އެސޮރު ކުރޫޒު ކުރަމުންދާއިރު ފާރަލާ މީހުންނަށް އަޅައި ނުގަންނަ ވައްތަރުގެ ނުރައްކަލެކެވެ.
ލީބިޔާގައި ނޭޓޯސިފައިން ދިން ހަމަލައަށްފަހު އަލްޖަޒާއިރުން ނިންމީ ފެންވަރު މަތީ ހަތިޔާރު ގަތުމަށެވެ. އެގޮތުން އަލްޖަޒާއިރުން ރަޝިޔާއަށް ޝޮޕިންގއަށް ދިޔައީއެވެ.
ރަޝިޔާގެ ކަނޑުގެ ސިފައިންގެ އަސްކަރީ މަރުކަޒުތައް ހުޅުވުމަށް 2015ގައި ރަޝިޔާ ޕާލަމެންޓްގައި ގައުމީ ސަލާމަތާއި އަސްކަރީ ކަންތައްތަކާ ބެހޭ ކޮމިޓީގައިވެސް ބަހުސްކޮށްފައި ވެއެވެ.
ރަޝިޔާއިން އަމާޒު ހިފާފައިވާ ވިއެޓްނާމާއި ކިއުބާއަކީ ރަޝިޔާއަށް ބީރައްޓެހި ދެތަނެއް ނޫނެވެ. ކޮމިއުނިސްޓް ރޫސީ ގުޅުމުން މިދެގައުމާ މޮސްކޯ ވަނީ ފިނި ހަނގުރާމައިގެ ދުވަސްވަރުން ފެށިގެން ގުޅިފައެވެ.
ވިއެޓްނާމާ އެކު ރަޝިޔާއިން ދަނީ މަޝްވަރާތައް ފެށުމަށް ތައްޔާރު ވަމުންނެވެ. ވިއެޓްނާމަކީ، ޗައިނާގެ ހަތުރެކެވެ. ދެކުނު ޗައިނާ ކަނޑުގައި އޮންނަ ވިއެޓްނާމްގެ ޖަޒީރާތައް ޗައިނާއިން ފޭރިގެންފައިވާ ކަމަށް ހެނޯއިން ދެކެއެވެ. އަނެއްކޮޅުން ވިއެޓްނާމަކީ، އިންޑިއާއާއެކު އަސްކަރީ ގުޅުމުން ގުޅިފައިވާ ގައުމެކެވެ. ވިއެޓްނާމާއި ރަޝިޔާގެ ނޭވީ މަރުކަޒުތައް އަލުން ހުޅުވިދާނެ ކަމާމެދު ޝައްކުގެ ނަޒަރަކުން ބަލަން ޖެހޭނެއެވެ.
ދެން އޮތީ ކިއުބާއެވެ. ރަޝިޔާއަށް ކެރީބިއަން ސަރަހައްދާއި ދެކުނު އެމެރިކާއަށް ނުފޫޒު ގަދަ ކުރަން ވަނީ މަޖުބޫރުވެފައެވެ. ރަޝިޔާގެ މަދަދު ލިބިފައިވާ، ވެނެޒުއެލާގެ ސަރުކާރާ އެމެރިކާއިން ދަނީ ތޮޅެމުންނެވެ. އަނެއް ކޮޅުން ބޮލީވިއާ ސަރުކާރަކީ ރަޝިޔާގެ ބައިވެރިއެވެ.
ކުރިއަށް އޮތް ފަސް އަހަރަކީ، ވަޔާއި ކަނޑުގެ ސިފައިންގެ ހަރަކާތްތައް އިތުރުވެ، ގައުމުތަކުން އެހެން ގައުމުތަކުގައި އަސްކަރީ މަރުކަޒުތައް ހަދާނެ ފަސް އަހަރެވެ. މިފަސް އަހަރު ބައްޓަން ވެގެންދާނީ މި އަސްކަރީ ގުޅުންތަކުގެ މައްޗަށެވެ. މިއާއެކު އުފެދޭނެ ސުއާލަކީ، ކުރިންވެސް މިގޮތަށް އަސްކަރީ މަރުކަޒުތައް ހަދައި ގުޅުންތައް ގުޅި ގައުމުތައް ކޭމްޕްތަކަށް ބައިބައިވެފައި އޮތް އިރު ގައުމުތަކުގައި އިންގިލާބު ތައް އިތުރު ވެގެން ދިޔަ ނޫން ހެއްޔެވެ؟ ދެންވެސް އެފަދަ ގޮތެއް މެދުވެރިވެދާނެ ހެއްޔެވެ؟