ޓެކްސީ ޑްރައިވަރު ޤާސިމް ހަސަން މަރާލި މައްސަލައިގައި ދައުވާލިބޭ އަދުހަމް މުހައްމަދުގެ ޑީއެންއޭ އެ ސަރަހައްދުން ފެނުނު ވަޅިން ފެނިފައިވާކަމަށް ޑީއެންއޭ ތަހުލީލުކުރި ފުލުސް މީހާ ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފިއެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ޑީއެންއޭ ތަހުލީލުކުރި ފުލުސްމީހާ ކޯޓުގައި ހެކިބަސްދެމުން ބުނެފައިވަނީ، އެ ސަރަހައްދުން ހޯދި ވަޅީގެ ތިލައިން ޤާސިމް އަދި އަދުހަމްގެ އިތުރުން އިތުރު ތިން ވަނަ މީހެއްގެ ޑީއެންއޭ ފެނިފައިވާކަމަށެވެ. ވަޅީގެ އިތުރުން ޓެކްސީގެ ތެރެއިންވެސް ޤާސިމް އާއި އަދުހަމްގެ ޑީއެންއޭ ފެނިފައިވާ ކަމަށް ހެކިބަސް ދީފައިވެއެވެ.

މީގެއިތުރުން ވަޅި ހޯދުމުގައި އުޅުނު ފުލުހަކުވެސް މިއަދު ކޯޓުގައި ހެކިބަސްދީފައިވެއެވެ. އެގޮތުން ހެކިބަސް ދެމުން އެ ފުލުސް މީހާ ބުނެފައިވަނީ ވަޅި ފެނިފައިވަނީ ފުލުހުން އެ ސަރަހައްދު ބަލަމުން ދަނިކޮށް ގަސްތަކުގެ ތެރޭގައި ހުރި ވަޅުގަނޑެއްގެ ތެރެއިން ކަމަށެވެ. އަދި ވީޑީއޯ ފުޓެޖްތައް އެނަލައިޒްކުރި ފުލުސްމީހާވެސް ހެކިބަސް ދީފައިވެއެވެ.

މިމައްސަލައިގައި ހިމެނޭ އިތުރު ބައެއްގެ ހެކިބަސް ނަގަންޖެހޭއިރު އޭގެތެރޭގައި މެޑިކޯ ލީގަލް ރިޕޯޓާއި ޑެތު ސަމަރީ ރިޕޯޓް ތައްޔާރުކުރި ޑޮކްޓަރުގެ ހެކިބަސް ހިމެނެއެވެ. އެހެންނަމަވެސް ޑޮކްޓަރު ރާއްޖޭގައި ނެތުމުން އެ ހެކިބަސް ނެގޭގޮތް އަދިވަނީ ނުވެފައެވެ. މީގެއިތުރުން އިތުރު ފުލުހަކާއި އިތުރު މީހެއްގެ ހެކިބަސް އަދި މިމައްސަލައިގައި ނަގަންޖެހެއެވެ.