ނަގޮރްނޯ ކަރަބާޚް އޮންނަނީ ޕާކިސްތާނާ 2000 ކިލޯމީޓަރު ދުރުގައެވެ. ޕާކިސްތާންގެ ޑިޕްލޮމެސީއަށް މިއީ މުހިހްމު އަސަރެއް ކުރާނެ ހަމަނުޖެހުމެއް ކަމަށް ތަހްލީލު ކުރެވެއެވެ.

ޑޯން ނޫހުން އިމްރާން ޚާނާ ހަވާލާދީ ރިޕޯޓް ކޮށްފައި ވަނީ މި ދުވަސްވަރު އިޒްރޭލާ ގުޅުން އުފެއްދުމަށް ޕާކިސްތާނަށް އިތުރު ފިއްތުންތައް ކުރިމަތި ކުރުވަމުންދާ ކަމަށެވެ. ފަރުދާގެ ފުރަގަހުގައި ހިނގާ ކަންކަން ބޮޑު ވަޒީރަކު މީޑިއާގައި އެގޮތަށް ހާމަ ކުރައްވާނީ ދެ ސަބަބަކާ ލައިގެންނެވެ. އޭނާގެ ނެއިވް ސޭކު ކަމުންނެވެ. ނުވަތަ ހިނގަމުންދާ ކަމެއް މީޑިއާއަށް ބޭޒާރުވުމުގެ ކުރިން އަމިއްލައަށް ޕީއާރް ފުއްޕާހަމެއްގެ ގޮތުގައި އަޖުމަ ބެލުމަށް އެވާހަކަ ފަތުރާލުމުގެ މަގްސަދުގައެވެ.

އޮކްސްފޯރޑްގެ ގްރެޖުއޭޓަކާ މެދު ހެޔޮކޮށް ވިސްނާމީހަކު ބުނާނީ ޚާންގެ ވާހަކަފުޅުގެ މަގްސަދަކީ މި ދެވަނަ ނުކުތާއަށް ފެތޭ ކަމެއް ކަމަށެވެ.

އަރްމީނިއާ އަޒަރުބައިޖާންގެ ސަރަހައްދީ ހަމަނުޖެހުމަކީ ޒަމާންވީ މައްސަލައެކެވެ. މީލާދީން އެއްވަނަ ގަރުނުގައި ހަވާރިއްޔަ ބޭކަލެއްގެ ފުށުން އެންމެ ފުރަތަމަ ނަސާރާ ދީން ފެތުރުނު ގައުމުތަކުގެ ތެރޭގައި ހިމެނޭ އަރްމީނިއާ އިން ބުނާ ގޮތުގައި ނަގޮރްނޯ ކަރަބާޚްއަކީ އެމީހުނަށް ތާރީޚީ ހައްގެއް ލިބިގެންވާ، އަބަދުވެސް އަރްމީނިއާއިން ވެރިކަން ކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.

އަނެއްކޮޅުން އަޒަރްބައިޖާނުން ބުނަނީ ނަގޮރްނޯ ކަރަބާޚްއަކީ މުސްލިމުން ވެރިކަން ކޮށްފައިވާ (އަރަބިން: "ޤުއްރާ ބާޣް" ގެ ނަމުން ނަންދީފައިވާ) ސަރަހައްދެއް ކަމަށެވެ. މިސަރަހައްދުގެ އާބާދީގެ ބޮޑު ބަޔަކީ، ޝީޢީ މުސްލިމުންނެވެ. އަރްމީނިއާގެ ބައިމަދު މުސްލިމުންނަކީވެސް ޝީއީންނެވެ. ވެރިރަށް ޔެރަވަންގައި ހުންނަ ހަމައެކަނި މިސްކިތަކީވެސް އީރާން އެމްބަސީން މަރާމާތުކޮށް، އިމާމަށް މުސާރަ ދީ ބަލަހައްޓާ މިސްކިތެކެވެ.

ދުނިޔޭގެ ގައުމުތަކުން ބަލައިގެންފައި ވަނީ ނަގޮރްނޯ ކަރަބާޚް އަކީ އަޒަރްބައިޖާންގެ ބިމެއް ކަމަށެވެ. އެހެންނަމަވެސް ރޫސީންގެ އަތްދަށުން ދެ ގައުމުވެސް މިނިވަންވި ފަހުން ނަގޮރްނޯ ކަރަބާޚްގައި ބާރުވެރި ފަރާތަކީ އަރްމީނިއާއެވެ.

ދެ ގައުމުން ހަނގުރާމަކުރުމަށް ފަހު ހަނގުރާމައާ ނުބެހި މާދުރުގައި އޮތް ރަޝިޔާއަށް މޮޅު ލިބިގެން މިހަމަލާތައް މިހާރު ވަނީ ހުއްޓުމަކަށް ގޮސްފައެވެ.

ރަޝިޔާއަށް ލިބުނު މޮޅަކީ، ރޫސީންގެ އަތްދަށުން މިހިސާބުގެ ގައުމުތައް މިނިވަން ވިފަހުން ރަޝިޔާ ސިފައިން ބޭތިއްބިފައި ނުވާ ހަމައެކަނި ގައުމުގައި ސިފައިން ބޭތިއްބުމެވެ. އަޒަރްބައިޖާން ގައި އެކަންޏެވެ. ރަޝިޔާއިން ދެފަރާތް ސުލްހަ ކުރުމަށް އެކުލަވާލި އެއްބަސްވުމުގެ ދަށުން، ރަޝިޔާ ސިފައިން އަޒަރްބައިޖާނަށް ފޮނުވާފައި ވެއެވެ.

ޕާކިސްތާނުން ނަގޮރްނޯ ކަރަބާޚްއަށް ސިފައިން ފޮނުވިކަމަށްވެސް މީޑިއާ ރިޕޯޓްތައް އުޅުނެވެ. ނަމަވެސް މުޅިން ތެދު ޚަބަރަކަށް އެވާހަކަ ނުވެއެވެ.

އަޒަރްބައިޖާނަށް މި ހަނގުރާމައިގައި މައިގަނޑު މަދަދްގާރަކީ ތުރުކީވިލާތެކެވެ. ޕާކިސްތާން ބޮޑު ވަޒީރަކީ ތުރުކީގެ ރައީސްގެ ހިޔަނި އެޅިފައިވާ ބޭފުޅެއްކަމުން ޕާކިސްތާނުން ފޯރިއާއެކު ބާކޫއަށް ތާއީދު ކުރުމުގައި ދެމި އޮތެވެ.

ރަޝިޔާއިން އެކުލަވާލި ސުލްހައިގެ އެއްބަސްވުމަށް ދެފަރާތުގެ ރުހުން ލިބުމުން ޕާކިސްތާނުން ބަޔާނެއް ނެރުނެވެ. "އަޒަރްބައިޖާންގެ އަޚުންގެ ބިންކޮޅު މިނިވަން ވުމުން" އެމީހުންނަށް މަރުހަބާ ކިޔާކަމަށް މި ބަޔާންގައި އޮތެވެ. އިތުރަށް އަދިވެސް ބުނެފައި އޮތެވެ.

"އަޒަރްބައިޖާންގެ ހަމަޖެހުމާއި ސުލްޙައަށް" މިކާމިޔާބީން ފަހި ވާނެ ކަމަށާއި "ވިއްސިވިހާލި ވެފައިވާ މީހުން އެމީހުންގެ މައިފުށުވަޒަނަށް އައުމަށް މިއެއްބަސްވުމުން ފަހިވެގެންދާނެ" ކަމަށްވެސް ބަޔާންކޮށްފައި އޮތެވެ.

ޝައްކެތް ނެތް މިންވަރަށް އަޒަރުބައިޖާނަށް އަރްމީނިއާ އާ ދެކޮޅަށް ޕާކިސްތާނުން ތާއީދު ކުރާކަމުގެ ސާފު ބަޔާނެކެވެ.

ޕާކިސްތާންގެ ހިސާބުތައްވެސް ރަނގަޅެވެ. ޕާކިސްތާނާއެކު އަރްމީނިއާގެ އެންމެ ގާތް އަވަށްޓެރިއާ، އީރާނުންވެސް ތާއީދު ކުރީ އަޒަރްބައިޖާނަށެވެ. ޕާކިސްތާނާއި އަޒަރްބައިޖާނާއި އީރާނަކީވެސް ތުރުކީ ސުންނީ ރައީސްގެ ސަޕޯޓަރުންނެވެ. އުރުދުޣާން މަސައްކަތް ކުރައްވަނީ، ސައޫދީ ލީޑަރޝިޕްގެ ބަދަލެއް އިސްލާމީ ގައުމުތަކަށް ދެއްކުމަށެވެ.

އަރްމީނިއާގައި ހީވެފައި އޮތީ ރަޝިޔާއިން އަރްމީނިއާއަށް ތާއީދު ކުރާނެ ކަމަށެވެ. އެކަމަކު ވެގެން ދިޔައީކީ އެހެނެއް ނޫނެވެ. އަސްކަރީ މައިދާނުގައި އަމަލީ މަސައްކަތްތައް ތުރުކީން ހިންގިއިރު، ރަޝިޔާ އޮތީ ބަލަބަލައެވެ. ސަބަބުތަކަކާ ލައިގެންނެވެ.

އީރާނަކީ ރަޝިޔާގެ ވަރަށް ގާތް ގައުމެކެވެ. އެގުޅުމަކީ ރަޝިޔާއިން ވަޒަން ކުރާ ގުޅުމެކެވެ. ޕާކިސްތާނަކީ، ރަޝިޔާއާ ޕާކިސްތާންގެ ކުރީގެ ވަޅޯ ގުޅުމަށް އާރޯކަމެއް ދީފައިވާ ގައުމެކެވެ. ރަޝިޔާގެ އަފްޣާނިސްތާން ސިޔާސަތަށް ފަހިވެގެން ދާނީވެސް ޕާކިސްތާނާއެކު އޮންނަ ގުޅުމުންކަމަށް ރަޝިޔާއިން ދެކެއެވެ.

އެމެރިކާއިން ހަތިޔާރު ގަތުމަސް ނިންމާފައިވާ ޕާކިސްތާނުން މޮސްކޯއަށް ޝޮޕިންގ ލިސްޓް ދީފައި ވެއެވެ. އަދި ދެގައުމުން ދާދި މިދާކަށް ދުވަހު ވަނީ ގުޅިގެން އަސްކަރީ ތަމްރީންތައް ބާއްވާފައެވެ.

މިހުރިހައި ކަމެއްގައިވެސް މިހުރިހައި ފަރާތެއްގެ އާދަޔާ ޚިލާފު ބައިވެރިއަކީ އިޒްރޭލެވެ. ދޮޅުމަސް ވަންދެން ކުރި ހަނގުރާމަ، އަޒަރްބައިޖާނަށް ކާމިޔާބު ކޮށްދީފައި ވަނީ އިޒްރޭލުންނެވެ.

އަޒަރްބައިޖާނަށް ކަނޑައަޅާފައިވާ އިޒްރޭލުގެ އެމްބެސެޑަރ ޖޯރޑް ޑީކް ވަނީ 25 އޮކްޓޯބަރުގައި ނަގޮރްނޯ ކަރަބާކްގެ ގަންޖާ ސިޓީއަށް ޒިޔާރަތް ކުރައްވައި އަރްމީނިއާ ސިފައިން ދީފައިވާ ގެއްލުން ބައްލަވައި ލައްވާފައެވެ.

(އަރްމީނިއާ އަކީ އެމެރިކާގެ ވަރަށް ގާތް ބައިވެރިއެކެވެ. ކައުކަސް ސަރަހައްދުގައި ހަދާފައިވާ އެމެރިކަން ޔުނިވަރސިޓީވެސް ހަދާފައިވަނީ އަރްމީނިއާގެ ވެރިރަށުގައެވެ. އަދި ގިނަ އަދަދަކަށް އަރްމީނިއާ މީހުން އެމެރިކާގައި ދިރިއުޅެއެވެ. ކިމް ކާރޑޭޝިއަން އަކީވެސް އަރްމީނިއާ ދަރިކޮޅުގެ މީހެކެވެ.)

މި ގެއްލުން ބައްލަވާ ލެއްވުމަށްފަހު ވަރަށް އަސަރުކުރައްވައިގެން އެމްބެސެޑަރު ވަނީ އިންސާނީ އެހީއާއި ބޭސްފަރުވާގެ ސާމާން އަޒަރްބައިޖާނަށް ފޮނުއްވާފައެވެ. މިފަދަ އެހީއެއް ބާކޫއަށް ދިން ދެވަނަ ގައުމަކީ ތުރުކީވިލާތެވެ.

އިޒްރޭލުން އަރްމީނިއާއަށް ވެސް އެހީދިނެވެ. ނަމަވެސް ނުރުހިވަޑައިގެންފައިވާ ބޮޑު ވަޒީރު ނިކޯލް ޕާޝީނިއާން ވަނީ "އިޒްރޭލުން ޓެރަރިސްޓުންނާއި ކުލީ ސިފައިންނަށް" އެހީދޭށޭ ވިދާޅުވެ އެތަކެތި އަނބުރާ ފޮނުއްވާފައެވެ.

އަދި ފާހަގަ ކޮށްލަން ޖެހޭ ކަމަކީ، އިޒްރޭލުގެ އަސްކަރީ އެހީ އަޒަރްބައިޖާނަށް ދިނުމުގެ މައްސަލަ ސިޔާސީ މައްސަލައަކަށްވެ، އެކަން އިޒްރޭލުގެ ޝަރުއީ ނިޒާމަށްވެސް ވަން ކަމެވެ. އިޒްރޭލު ހައިކޯޓުން ވަނީ އަޒަރްބައިޖާނަށް ހަތިޔާރު ވިއްކުމަކީ ސައްހަ ކަމެއްކަމަށް ޙުކުމް ކޮށްފައެވެ.

ނަތަންޔާހޫ، 2016 ގައި ޒިޔާރަތް ކުރެއްވި އަޒަރްބައިޖާނަކީ، އިޒްރޭލުން ދެކޭ ގޮތުގައި މޮޑެލް އިސްލާމީ ގައުމެކެވެ.

އިޒްރޭލުން އަޒަރްބައިޖާނަށް ދިން އެންމެ އަގު ބޮޑު އެހީއަކީ، އާންމުކޮށް ކިޔާނަމުން ނަމަ، އިސްރޭލުގެ ކަމިކާޒީ ޑްރޯން ތަކެވެ. މިއީ ގޮވާތަކެއްޗާއެކު ގޮސް އަމިއްލައަށް ހަލާކުވެގެން އޭގެ އަމާޒަށް ހަމަލަ ދޭ ޑްރޯންއެވެ. ނަމަކީ، އައިއޭއައި ހާރޮޕް އެވެ.

މިހުރިހައި ވާހަކައެއް ޖިގްސޯ ޕަޒްލްއެއްގޮތަށް ބަލާލައި، ޚާންގެ ވާހަކަ ފުޅާމެދު ވިސްނާލަމާ ހެއްޔެވެ؟