ފުވައްމުލަށް ސިޓީއަށް ގެންގޮސްފައިވާ 1.2 މެގަވޮޓުގެ އައު ޖެންސެޓް ބެހެއްޓުމަށް ބޭނުންވާ މަސައްކަތްތައް ފަށައިފިއެވެ. އެގޮތުން ޓްރާންސްފޯމަރ ހަޓްގެ ފުރާޅުގެ މަސައްކަތް ފަށައި މިހާރުދަނީ އެމަސައްކަތް ކުރެވެމުން ކަމަށް ފެނަކައިން ވިދާޅުވިއެވެ.
މީގެ އިތުރުން ޖެންސެޓް ބަހައްޓާ ބެޑްގެ ފައުންޑޭޝަނާއި ސާރވިސް ޓޭންކް ބަހައްޓާ ބެޑްގެ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައި ކަމަށް ވެސް ފެނަކައިން ވިދާޅުވިއެވެ.
މިނޫނަސް ބައެއް ރަށްރަށުގައި ފެނަކައިން މިހާރު ހިންގާ ބައެއް މަސައްކަތްތަކުގެ އަޕްޑޭޓް ވެސް އެކުންފުނީން ވަނީ ހާމަކޮށްފައެވެ. އެގޮތުން ބ. ދޮންފަނު ކަރަންޓު ހާލަތު ރަނގަޅު ކުރުމަށްޓަކައި 250 ކޭވީ ޖެންސެޓެއް އެ ރަށަށް ވަނީ ފޮނުވައިފައި ކަމަށް ފެނަކައިން ވަނީ ވިދާޅުވެފައެވެ. އެ ޖެންސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މިއަދު މި މަސައްކަތް ނިންމާލެވި ޖެންސެޓް ހިންގާލެވޭނޭ ކަމަށް ވެސް އެކުންފުނީން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ހއ. ކެލާގައި ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް ޓްރާންސްފޯމަރ ބަހައްޓާ 04 ހަޓް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ފަށައި މިހާރުދަނީ ކުރިއަށެވެ.
ހދ. ފިނޭގައި ވެސް ޒަމާނީ ނެޓްވޯރކެއް ގާއިމްކޮށް ފަހުގެ އާ އިންޖީނުގެއަށް ބަދަލުވެފައެވެ. މިހިނގާ އެޕްރީލް 10 ވަނަ ދުވަހުވަނީ އެރަށަށް ކަރަންޓުގެ ޚިދުމަތް ވެސް ދޭން ފަށާފައެވެ.
ބ. ހިތާދޫގައި ވެސް ވަނީ ޒަމާނީ ނެޓްވޯރކެއް ޤާއިމްކުރުމާއި ފަހުގެ އާ އިންޖީނުގެ ރިލޮކޭޝަން މަސައްކަތް ފަށައިފައެވެ. އެ މަސައްކަތުގެ ދަށުން ކޭބަލް އެޅުމުގެ މަސައްކަތް މި ހަފްތާ ތެރޭގައި ނިމިގެންދާނޭ ކަމަށް ވެސް ފެނަކައިން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ގދ. މަޑަވެލީގައި ވޯލްޓޭޖް ޑްރޮޕް ވާ ސަރަޙައްދުގެ ނެޓްވޯރކް މަސައްކަތް ވެސް މިހާރުވަނީ ވަގުތީގޮތުން ޙައްލުކުރެވިފައި ކަމަށް ފެނަކައިން ވިދާޅުވިއެވެ.