ނިމިގެންދިޔަ އޮކްޓޯބަރުމަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ހުށަހަޅައިފައިވާ މައްސަލަތަކުގެ ތެރެއިން މިފަހަރުވެސް އެންމެ ގިނައީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކެވެ. އެ މިނިސްޓްރީއަށް ޖުމުލަ 257 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އޭގެތެރެއިން 135 މައްސަލަ ރިޕޯޓު ކޮށްފައިވަނީ ކުޑަކުދިންނާ ގުޅޭގޮތުންނެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ:

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 43 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިންސީ ހާނިއްކައިގެ 38 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 24 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 15 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 9 މައްސަލަ، ނަހަމަގޮތުގައި ބޭނުންކުރުމުގެ 4 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ އަދި އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 1 މައްސަލަ ހިމެނޭ ކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އަޚުލާޤީ މައްސަލަތައް

ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 12 މައްސަލަ އޮކްޓޫބަރު މަހު ވަނީ ހުށަހަޅައިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ 1 މައްސަލަ ހިމެނެއެވެ.

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުން

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 2 މައްސަލަ އޮކްޓޫބަރު މަހު ވަނީ ރިޕޯޓުކޮށްފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި އުފަންވުން ރަޖިސްޓްރީ ނުކުރުމާ ބެހޭ 1 މައްސަލަ އަދި ޞިއްޙީ ފަރުވާއަށް ހުރަސްއެޅުމުގެ 1 މައްސަލަ ހިމެނެއެވެ.

ކުށް ކުރާ ކުދިން:

އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 9 މައްސަލަ އޮކްޓޫބަރު މަހު ވަނީ ހުށަހަޅައިފައެވެ. އޭގެތެރޭގައި ވައްކަންކުރުމާ ގުޅޭ 2 މައްސަލަ ހިމެނެއެވެ.

ޢާއިލީ މައްސަލަތައް

ޢާއިލީ 36 މައްސަލަ އޮކްޓޫބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މި ފަދަ މައްސަލަތަކުގެ ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 18 މައްސަލަ، ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 10 މައްސަލަ، އަދި ދަރިންނަށް ޚަރަދު ދިނުމުގައި ދިމާވާ 8 މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 40 މައްސަލަ އޮކްޓޫބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 20 މައްސަލައެވެ.

މީގެ އިތުރުން ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 11 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 3 މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ 2 މައްސަލަ، ރޭޕްކުރުމުގެ 2 މައްސަލަ، އަދި އިހުމާލުވުމުގެ 2 މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 16 މައްސަލަ އޮކްޓޫބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.

އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 12 މައްސަލަ އާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 4 މައްސަލައެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 7 މައްސަލަ އޮކްޓޫބަރު މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ. ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި، ފޮސްޓަރކުރެވުނު އަދި ރީއިންޓަރގްރޭޓް ކުރެވުނު ކުދިން ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމްލަ އަދަދަކީ 206 އެވެ.

އޮކްޓޫބަރު މަހު ދަޢުލަތުގެ ބެލުމުގެ ދަށަށް 3 ކުދިން ނެގިފައިވެއެވެ. އަދި 1 ކުއްޖަކު ރީއިންޓަރގްރޭޓް ކުރެވިފައިވެއެވެ.

- ޚަބަރު: ޖެންޑަރ މިނިސްޓްރީ