ދިވެހިރާއްޖެ ހައިސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް"މަޝްރޫޢުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީއާއިހަވާލުކޮށްފިއެވެ. މިއާއެކު މުޅި ރާއްޖޭގައި ފެރީ ޚިދުމަތް ދިނުމަށް އެމްޓީސީސީއާ މިވަނީ މިހާރު ހަވާލުކޮށްފައެވެ.

މިމަސައްކަތް އެކުންފުންޏާ ހަވާލުކުރުމަށް ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، އެމްޓީސީސީގެފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފްނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލާ ޒީނިޔާ އަހުމަދު ހަމީދެވެ.

ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޒޯން 2 (ނ،ރ،ބ އަދި ޅ) ޒޯން 3 (ކ.އއ، އދ، އަދި ލ) ޒޯން 4 (މ،ފ،ދ،ތ،އަދި ލ) ޒޯން 5 (ގއ އަދި ގދ) ޒޯން 6 (ސ އަދި ޏ) ގައި ހިމެނޭ ރަށްތަކަށް ސްޕީޑް ފެރީގެ ޙިދުމަތް ފޯރުކޮށްދިނުމަށްކުރަންޖެހޭ މަސައްކަތްތައް ފެށިގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ޒޯންތަކަށް ޚިދުމަތްދިނުމަށް ޖުމްލަ 65ލޯންޗް އުފައްދާ ތައްޔާރުކުރެވިގެންދާނެކަމަށާ، އެއާކޯންކޮށްފައިވާ މިލޯންޗުތައް ހުންނާނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފަސޭހައިން އަރާފޭބޭގޮތަށް އަދި ބަލިމީހުން އުފުލުމަށް ވެސް ފަސޭހަވާނެގޮތަށް ފަރުމާކޮށްފައިކަމަށް އެމްޓީސީސީން ބުނެއެވެ.

އަދި ލޯންޗުގައި ފާހާނާއާއި ލަގެޖްބެހެއްޓޭ ޖާގަ ޚާއްސަކުރެވިފައި ހުންނާނެކަމަށާ، ފެރީގެ ޚިދުމަތް ހަފުތާއަކު 2 ދުވަހު ރައްޔިތުންނަށް ފޯރުކޮށްދޭނެކަމަށް އެކުންދުނިން ބުނެއެވެ. ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 149 ޓަރމިނަލް އަޅާނެއެވެ. މިގޮތުން ޒޯން ޓަރމިނަލްގެ ގޮތުގައި 05ޓަރމިނަލްއާއި، 31 ފެރީ ޓަރމިނަލްގެ އިތުރުން 113 ފެރީ ސްޓޮޕް ހަދާނެއެވެ. މިއިން ކޮންމެ ތަނަކީވެސް ޚިދުމަތް ހޯދާ ކަސްޓަމަރުންގެ ފަސޭހައަށްޓަކައި ހަދާ ތަންތަނެވެ. މި މަޝްރޫޢުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހި ނިމުމާއެކު މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމުގެ މަސައްކަތްފުރިހަމަވެގެންދާނެއެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަޤްޞަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުންކަމަށް އެކުންފުނިން ބުނެއެވެ.