އިންސާނުންގެ ތެރޭގައި ގިނައީ އަޅުކަމުގައި ހޭދަކުރާ ވަރަށްވުރެ އާދަކާދަތަކަށް ވަގުތު ހޭދަކުރާ މީހުންކަމަށް ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި އިޙްޔާ ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

”ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫން” މި މައުޟޫޢުއަށް ތަޤްރީރުކުރައްވަމުން ޑރ. ޒަކަރިއްޔާ ވިދާޅުވީ މާތްﷲ އިންސާނާ ދުނިޔެއަށް ފޮނުއްވާފައިވަނީ ޙަވާލުކުރެވިފައިވާ ގިނަކަންތައްތަކަކާއެކުގައިކަމަށެވެ. އެގޮތުން އަޞްރު ސޫރަތަށް ބައްލަވާލައްވަމުން ވިދާޅުވީ ޒަމާނަކީ އަޅުގަނޑުމެންގެ ޢުމުރުކަމަށެވެ.

އިންސާނުން ކުރާ ދެ ވައްތަރެއްގެ ކަންކަން ވާކަމަށާއި އެއީ އަޅުކަމާއި އާދަކާދަކަން ފާހަގަކުރައްވާ، އެތަނުން ގިނައީ އަޅުކަމުގައި ހޭދަކުރާ ވަރަށްވުރެ އާދަކާދަތަކަށް ވަގުތު ހޭދަކުރާ މީހުންކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ކޮންމެ ކަމެއްވެސް ހެޔޮ ނިޔަތަކާއިއެކު އަޅުކަމަކަށްވާފަދައިން އެކަމެއް ކޮށްފިނަމަ އެއީ އަޅުކަމެއްކަމުގައި ހިމެނިދާނެކަމަށް ވިދާޅުވިއެވެ.

ޑރ. ޒަކަރިއްޔާ ވަނީ ރޭގެ އިހްޔާ ފޯރަމްގައި މިހާރު ދުނިޔޭގައި މަޝްހޫރުވަމުން އަންނަ ކަމެއްކަމަށްވާ އިންސާނުންގެ ސިފަ އެކި ގޮތްގޮތަށް ބަދަލުކުރުމާއި ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. ޖިސްމާނީ ރީތިކަމަށް ދުނިޔޭގައި ހޭދަކުރާ މިންވަރުގެ މައްޗަށް ތަފާސްހިސާބުތަކުގެ އަލީގައި ބައްލަވާލައްވަމުން އެކަމަށް އެތައް ބިލިޔަން ޑޮލަރެއް ދުނިޔޭގައި ހޭދަކުރާކަމަށް ވިދާޅުވިއެވެ.

މާތްﷲ އިންސާނާ ޚަލްޤުކުރައްވާފައިވަނީ އެންމެ ރީތި ސޫރައިގައިކަމަށް ވިދާޅުވިއެވެ.

އިންސާނާގެ ނަފްސާއި ރޫޙަކީ ކޮބައިކަންކަމާއި ޖިސްމާއި ފުރާނަ ޙިމާޔާތްކުރުން ވާޖިބްވެގެންވާކަން ބަޔާންކުރައްވަމުން ޖިސްމާއި ނަފްސަކީ އަމާނާތެއްކަމަށާއި ޖިސްމަށް އަނިޔާ ދެނީ ކީއްވެކަމާމެދުގައިވެސް ވަނީ މިރޭގެ ފޯރަމްގައި ވާހަކަފުޅު ދައްކަވާފައެވެ.

އަދި އުފާވެރި ހަޔާތެއް ހޭދަކުރެވޭނީ ހަޔާތުގެ މަދު މިންވަރާމެދުވެސް ފުދުންތެރިވެ ޝުކުރުވެރިވާނަމަކަމަށްވެސް މި ފޯރަމްގައި ޑރ. ޒަކަރިއްޔާ ވަނީ ވިދާޅުވެފައެވެ.