އަން އަހަރަށް ދައުލަތުން ހުށަހެޅުއްވި ބަޖެޓަކީ ރަނގަޅު ބަޖެޓެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖޭޖީޕޭ ކައުންސިލް ވައިބަރ ގުރޫޕުގައި ގާސިމް ވިދާޅުވެފައިވަނީ އަންނަ އަހަރަށް ހުށަހަޅުއްވާފައިވާ ބަޖެޓުގެ އިތުރުން ކުރިން ވެސް ހުށަހަޅަމުން އައިސްފައިވަނީ ދަރި ބަޖެޓެއް ކަކަށެވެ. އެހެން ކަމުން މިފަހަރުގެ ބަޖެޓު ކަމު ނުގޮސްގެން އުޅެނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަން ވައްޓާ ނުލެވިގެން އުޅޭ މީހުންނަށް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އެއީ ކޮންބައެއް ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

"މި ބަޖެޓު ވަރަށް ރަނގަޅު، އެހެންނާވެސް ފާސް ކުރަނީ ދަރަނިކޮށް. މި ކަމު ނުގޮސްގެން އުޅެނީ ރައީސް ވެރިކަމުން ވައްޓާ ނުލެވިގެން އެކަމާ އުޅޭ މީހުން،" ގާސިމް ވިދާޅުވެފައިވެއެވެ.

"ކުރަންވީ ކަމަކީ އެތެރޭގޭ ދަރަނިތަކުގެ ތެރެއިން އެމްއެމްއޭ އިން ނަގައިފައިވާ ހުރިހާ ދަރި ޒީރޯ ކުރަންވީ ނޫނީ ރައިޓް އޮފް ކުރަންވީ. އެއީ މި ދެއަހަރު ތެރޭގައި ވެފައިވާ ދަރަނި ކަމުގައި ނުވާތީއާއި އެއީ 2005 އިން ފެށިގެން އަރަމުން އަންނަ ދަރަނިކަމުން އެ ރައިޓް އޮފް ކުރުމަކުން މިހާރު ދެން އަންނާނެ އިތުރު ނުބައެއް ވެސް ނެތީމާ ވެސް އަދި މިގޮތަށް ދަރަނިކޮށް ފާސް ކުރިޔަސް އެފައިސާ ލިބިގެން ނޫނީ ޚަރަދު ނުކުރެވޭނެތާދޯ؟،" ގާސިމް ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ ކޮންމެ އަހަރަކު ވެސް ފާސްކުރާ ބެޖެޓުގައިވާ ހުރިހާ ފައިސާއެއް ނުލިބޭ ކަމަށެވެ. އަދި ޚަރަދު ވެސް ނުކުރެވޭ ކަމަށެވެ. މިހާލަތުގައި މުޅި ގައުމު ތާށިވެފައި އޮއްވައި ރައްޔިތުންގެ މަޖިލީހުން މިހާރު އަމަލު ކުރައްވަމުން ގެންދަވާ ގޮތަށް އަމަލު ކުރެއްވުމުން ރައްޔިތުންޖެހޭނީ ބަނޑަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. "އެއީތޯ ތިޔަ ކުރައްވަން އުޅުއްވާ ކަމަކީ؟ އެހެން ހެދިގެން ނުވާނެ. ދެން ކުރަންވީ ކަމަކީ ބޭރުން ނަގައިފައިވާ ދަރަނި ދެއްކުމަށް އިތުރު މުއްދަތު ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތް މަޖިލީހުން ފުރިހަމައަށް އެހީތެރިވާންވީ،" ގާސިމް ވިދާޅުވެފައިވެއެވެ.

އެކަން އެގޮތަށް ނުވެގެން ލިބޭ ގެއްލުން މުޅި ރައްޔިތުން ތަހައްމަލް ކުރަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ވީމާ ވަކި ގައުމަކާ ޖެހި ނުގަނެ ހުރިހާ ބަޔަކާއެކީ ވަރުގަދަ ގުޅުން ބާއްވައިގެން ވަކި ބައެއްގެ އަތްދަށު ނުވެ ކުރިއަށްދާންވީ ކާބަފައިން ދެއްކި މަގުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި މަގުން ހިނގުމުގައި ދެން ވެސް ލަސް ނުކުރެއްވުމަށް އޭނާ އެދިވަޑައިގެންފައިވެއެވެ.

"މި ދެންނެވި ގޮތަށް ބަލާއިރު މި ބަޖެޓު އަދިވެސް ކުޑައީ. މިއަދު ރައްޔިތުންނަށް އެހީވާންވީ ވެވުނު ގޮތަކުން ވެވުނު އެންމެ ބޮޑު އެހީތެރިކަމެއް. މިކަން ނުކޮށް ސަރުކާރާ ދިމާކުރަމުން ތިޔަ ގެންދަނީ އެއީ މުޅި ގައުމުގެ ހަލާކު މުޅި ރައްޔިތުންގެ ހަލާކު. ވީމާ ބަޖެޓު ފާސްކޮށްދެއްވާ ކުރިން ދެންނެވި ގޮތަށް ސަރުކާރަށް ހެޔޮހިތުން އެހީތެރިވާންވީ،" އޭނާ ވިދާޅުވެފައިވެއެވެ.