ތިލަފުށި މިހާރު އޮތް ވަރަށްވުރެ ބޮޑަށް ހިއްކުމަށްޓަކައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

މި މަޝްރޫއުގެ ތެރޭގައި ފަޅު ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހިމެނެއެވެ.

ކުންފުނިން އިއުލާނެއްކޮށް ބުނެފައިވަނީ ތިލަފުށި ހިއްކުމުގެ، ދެވަނަ ފިޔަވަހީގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ފެށޭ މަހުގެ 8 ވަނަ ދުވަހާއި ހަމައަށް ހުޅުވާލެވިފައިވާކަމަށެވެ. މި މަޝްރޫއު ހާވަލު ކުރެވިގެންދާނީ މާލީ ފުދުންތެރިކަމުގެ އިތުރުން ޓެކްނިކަލް ގާބިލިއްޔަތުކަމަށް ބަލަފައިކަމުގައި އެޗްޑީސީން ވަނީ ބުނެފައިވެއެވެ. އަދި މަޝްރޫއުގެ މަސައްކަތްތަށް ނިންމުމަށްޓަކައި ހޭދަވާނެ މުއްދަތަށް ބަލާނެ ކަމަށް ވެސް އެޗްޑީސީގެ އިއުލާނުގައިވެއެވެ.

އެޗްޑީސީގެ މި މަޝްރޫގެ ދަށުން ތިލަފުށީގައި 150 ހެކްޓަރާއި ގާތް ކުރާ ސަރަހަދެއް ހިއްކިގެންދާނެކަމަށް މައުލޫމާތު ދަނީ ލިބެމުންނެވެ. އަލަށް ހިއްކާ މި ސަރަހައްދުގައި އިންޑަސްޓްރިއަލް މަސައްކަތްތަކަށާއި ކުދި ވިޔަފާރިތަކަށް ހާއްސަކޮށް ވަކި ސަރަހަދެއް ހިމެނޭނެކަމުގައި އެޗްޑީސީން ބުނެފައިވެއެވެ.

ތިލަފުށީގެ ބިން ހިއްކުމަށްޓަކައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި ބޮޑެތި ވެލި ފޫނިތައް ބޭނުންކުރެވިގެންދާނެކަމަށް އެޗްޑިސީން ބުނެފައިވާއިރު، އިތުރަށް މައުލޫމާތު ދޭ ގޮތުގައި މި ގޮތަށް ހުރި ވެލިފޫނިތަކުގެ 500،000 ކިއުބިކް މީޓަރުގެ ވެލި ހުޅުމާލެގެ ދެވަނަ ފިޔަވަޙިގައި އެކަނި އެބަހުއްޓެވެ.

ތިލަފުށީގެ ދިގު މިނުގައި 7 ކިލޯމީޓަރު ހުންއިރު ފުޅާ މިނުގައި 200 މީޓަރު ހުރެއެވެ. 1992 ވަނަ އަހަރުގެ ތެރޭގައި ތިލަފުށި ހިއްކުމަށް ފުރަތަމަ ފެށިގެން ދިޔައީ ތިލަފަޅަށް ކުނި އަޅައިގެންނެވެ. ތިލަފުށީގައި ތަފާތު ހަތަރު ބައެއްވާއިރު، މި ތަންތަން ހިއްކިފައިވަނީ މާލެ އާއި މާލެ ކައިރި ރަށްތަކުން އުކާލާ ކުނި ބޭނުންކޮށްގެންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިހާރު ތިލަފުށީގެ ބޮޑުމިނުގައި 4.6 މިލިއަން އަކަފޫޓާއި ގާތްކުރާ އަދަދެއް ހުންނާނެއެވެ.

ތިލަފުށީގެ މި މަޝްރޫއު ނިމުމާއިއެކު ކުނީގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެ ލިބިގެންދާނެކަމުގައި ބެލެވެއެވެ.