ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ރިސޯޓް ހަދަން ދޫކުރި 85 ރަށެއް ނުހެދި އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ހއ. ހޯރަފުށީ އެއާޕޯޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރިސޯޓު ހެދިފައިނުވާއިރު، އެރަށްތައް ނުއަގުގައި ދޫކޮށް ވެރިކަމުން ފައިބާވަޑައިގެންނެވީ ދައުލަތަށް ލިބުނު ފައިސާކޮޅު ވެސް ހިއްޕަވައިގެން ކަމަށެވެ.
ރައީސް ޔާމީނަށް ބަހުގެ ހަމަލާތަކެއް ދެއްވަމުން ރައީސް ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަންނެވިއިރު ރާއްޖޭގެ ދަރަނި އޮތީ 26 ބިލިއަން ރުފިޔާގައި ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމުން ފައިބާ ވަޑައިގެންނެވިއިރު ދައުލަތުގެ ދަރަނި 60 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ މިވެރިކަމުގައި މިހާތަނަށް ނެގީ 15 ބިލިއަން ރުފިޔާގެ ލޯނު ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ޕީޕީއެމް، ޕީއެންސީން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ މިއީ މި ހާލަތަށް އެންމެ އެކަށޭނަ ގޮތަށް ތައްޔާރުކޮށްފައި އޮތް ބަޖެޓެއް ކަމަށެވެ. އަދި މި ބަޖެޓް ފާސްކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
މީގެއިތުރުން އިއްޔެ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާ ބައްދަލުކުރެއްވި ކަމަށާއި އޭނާއަށް ފިރިހަމަ އިތުބާރު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޑޮލަރުގެ ދަތިކަމަށް ހައްލު ހޯދުމަށް ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް ޑޮލަރުގެ މައްސަލައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.