ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެމުންދާ ހިޔާ ފްލެޓުތަކުގެ ކޮންކްރީޓް ސްލެބު ކެނޑުން ހުއްޓުވަން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރު މިހެން ވިދާޅުވީ ހިޔާ ފްލެޓުގެ ކޮންކްރީޓް ސްލެބު ކަނޑަމުންދާ މަންޒަރު ފެންނަ ވީޑިއޯއަކާ އެކު ކުރެއްވި ޓުވީޓެއްގައެވެ.

މި ވީޑިއޯގައި ފެންނަނީ ބިދޭސީންގެ ދެމީހަކު ހިޔާ ފްލެޓުގެ ކޮންކްރީޓް ސްލެބު ކަނޑައިގެން މަސައްކަތެއް ކުރަމުންދާ މަންޒަރެވެ. މޭޔަރުގެ ޓުވީޓުގައި ވިދާޅުވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސަރުކާރުން މިކަންކަން ހުއްޓުވަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި މިއީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވާފައި ވެއެވެ.

https://twitter.com/mmuizzu/status/1515311327392452616?s=21&t=3khOLGmkKC43MN4RyRyZdA

ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ކުރަން ޖެހޭ ވަކި އުޞޫލެއް އެޗްޑީސީން ވަނީ ޢާންމުކޮށްފައެވެ. އެ އުޞޫލުގައި ބުނާގޮތުން އެތެރޭގެ އެއްވެސް މަސައްކަތެއް ކުރެވޭނީ އެޗްޑީސީގެ ހުއްދަ ހޯދައިގެންނެވެ. އެ ހުއްދައާއެކު ވެސް މަސައްކަތް ކުރިއަށް ގެންދެވޭނީ އިމާރާތުގެ އޮނިގަނޑަށް ގެއްލުމެއް ނުވާނެ ގޮތަށެވެ. އެގޮތުން އިމާރާތުގައިވާ ކޮންކްރީޓް ސްޓްރަކްޗަރަށް އެއްވެސް އުނިކަމެއް އަންނަ ފަދަ ބަދަލެއް ގެނައުމަކީ މަނާކަމެވެ. މިފަދަ އުޞޫލުތަކެއް ހުރި ނަމަވެސް އެކަންކަމަށް އެންމެ ރަގަޅަށް އަމަލުނުކުރެވޭތީއާއި ތަންފީޒު ނުކުރެވޭތީ ޢާންމުންގެ ޝަކުވާ ވެސް ބޮޑެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިންގ މިނިސްޓަރަަކަށް ޑރ. މުޢިއްޒު ހުންނަވައިގެން އިމާރާތް ކުރެވުނު ހިޔާ ފްލެޓުތަކާމެދު މިސަރުކާރުން އަމަލުކުރަނީ ވަރަށް ގޯސްކޮށް ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. މި ސަރުކާރުން “ކޮތަރު ކޮށިތަކެއް” ގޮތުގައި ސިފަކުރި ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް އެއީ ގަނޑުވަރަކަށް ވީނަމަވެސް އެތަނަށް ސަރުކާރުގެ އަޅާލުން ކުޑަކަމުގެ ޝަކުވާ އަބަދުވެސް އޮވެއެވެ. އަދި ހިޔާ ފްލެޓަކީ ކުރީ ސަރުކާރުން އިމާރާތްކުރި ބިނާއަކަށް ވުމުން އެތަން ނައްތާލުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ވެސް ކުރެވެއެވެ.