ހިޔާ ފްލެޓްތަކުން ކުނި އުކައިދޭން އަންނަ މަހުން ފެށިގެން އަގުނަގަން ފަށާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލެ ހިޔާ ފްލެޓްގައި ގިނަ އަދަދެއްގެ އާއިލާތަކުން މިހާރު އާބާދުވެފައިވުމާއި ގުޅިގެން ވެމްކޯއިން ދުވަހު ކުނި އުކާލުމުގެ ޚިދުމަތްތައް އެސަރަހައްދަށް މެދުނުކެނޑި ފޯރުކޮށްދެމުންދާ ކަމަށެވެ.

ވީމާ، 2022، 1 މެއި އިން ފެށިގެން ވެމްކޯގެ ޚިދުމަތަށް ބިލް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ. ހިޔާ ފްލެޓްތަކަށް ވެމްކޯއިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ޚިދުމަތަކީ މަހަކު 150.00ރ ގެ ރޭޓުން ބިލްކުރެވޭނެ ޚިދުމަތެއް ކަމަށާއި، ވެމްކޯގެ ބިލް އަދި އެކައުންޓްގެ ތަފްސީލް ރަޖިސްޓަރ ކުރެވިފައިވާ ފްލެޓްގެ ވެރިފަރާތުގެ ފޯނަށް އެސް.އެމް.އެސްގެ ޒަރިއްޔާއިން ފޮނުވެނޭ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.

މީގެއިތުރުން ދެވަނަ ފިޔަވަހީގެ ގޭބީސީތަކަށް ވެމްކޯއިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ޚިދުމަތަކީ ދުވަހު ކުންޏަށް ހާއްސަ ހިދުމަތެއް ކަމަށާއި އަދި މިނޫން ބަރު އަދި ބޮޑެތި ކުނި އުކާލުމަށް މިކޯޕަރޭޝަންގެ 'ކޯލް އެންޑް ޕިކަޕް' ކެޕްސް ޙިދުމަތަށް އެދިލެއްވުމަށް ވެމްކޯއިން އިލްތިމާސްކޮށްފައިވެއެވެ. ކެޕްސް ޚިދުމަތަށް ބުކިންގ އެއް ހައްދާލުމަށް ނުވަތަ ހިޔާ ފްލެޓްގެ ބިލާއި ގުޅޭ މައުލޫމާތު ސާފުކުރެއްވުމަށް ވެމްކޯގެ ހޮޓްލައިން – 1666 އަށް ހުޅުވިފައި ހުންނަ ވަގުތުތަކުގައި ގުޅުއްވުމަށް ވެމްކޯއިން އެދިފައިވެއެވެ.