އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެންމެ ބުއްދިވެރި ގޮތަކީ، ރިޔާސީ އިންތިޚާބުގެ ބަލި ގަބޫލުކުރައްވައި، ވެރިކަމާ ދުރަށް ވަޑައިގަތުން ކަމަށް، ޗެކް ރިޕަބްލިކްގެ ރައީސް މިލޯސް ޒިމާން ވިދާޅުވެއްޖެއެވެ.

ޗެކް ރިޕަބްލިކްގެ ރައީސް މިލޯސްއަކީ، ޓްރަމްޕްގެ ވެރިކަމުގެ އެންމެ ކުރީން ފެށިގެން އޭނާގެ ސަޕޯޓަކެވެ.

މިލޯސް ޒިމާންއަކީ، އެމެރިކާގެ ރައީސްކަމަށް 2016 ވަނަ އަހަރު ޓްރަމްޕް އިންތިޚާބު ވުމުގެކުރިން، ޓްރަމްޕަށް ސަޕޯޓްކުރެއްވި ޔޫރަޕްގެ ވަރަށް މަދު ސިޔާސީ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައި ގަންނަވާ ބޭފުޅެކެވެ.

ނަމަވެސް، ޗެކް ރިޕަބްލިކްގެ ރައީސް، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕް އެންޑޯސް ކުރައްވާފައެއް ނުވެއެވެ.

ހަބަރު ވެބްސައިޓަކަށް ދެއްވި އިންޓަރވިއުއެއްގައި މިލޯސް ޒިމާން ވިދާޅުވީ، ވޯޓު އަލުން ގުނުމަށް އެދުމާއި، ކޯޓަށް ވަޑައިގަތުމުގެ ފުރުސަތު އޮތް ނަމަވެސް، އެންމެ ބުއްދިވެރި ގޮތަކީ ޓްރަމްޕް އެނޫންމަގެއް ޚިޔާރު ކުރެއްވުން ކަމަށެވެ.

މިލޯސް ވިދާޅުވީ، އޭނާ އަމިއްލަފުޅު ހައިސިއްޔަތުން ގަބޫލުކުރައްވާ ގޮތުގައި، އެންމެ ޒިންމާދާރު ގޮތަކީ ޓްރަމްޕް ބަލި ގަބޫލުކުރައްވައި، އައު ރައީސަށް ފުރުސަތު ދެއްވުން ކަމަށެވެ.

ނޮވެމްބަރު 3 ގައި އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި މަކަރު ހަދާފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް އަދިވެސް ގެންދަވަނީ ރިޔާސީ އިންތިޚާބުގެ ބަލި ގަބޫލުކުރައްވަން ދެކޮޅު ހައްދަވަމުންނެވެ.

އުމުރުފުޅުން 76 އަހަރުގެ މިލޯސް ޒިމާންއަކީ ޗެކް ރިޕަބްލިކްގެ ރައީސްގެ އިތުރުން، އެގައުމުގެ ސިޔާސީ މައިދާނުގެ ވަރަށް ފުންނާބު އުސް ބޭފުޅެކެވެ.

ކުރިން ބޮޑުވަޒީރުކަން ކުރެއްވި މިލޯސް ޒިމާންވަނީ އެގައުމުގެ ރިޔާސީ އިންތިޚާބު ދެ ބުރެއްގެމަތިން ކާމިޔާބު ކުރައްވާފައެވެ.

އެމެރިކާގެ ރައީސާ ޚިލާފަށް، ޗެކް ރިޕަބްލިކްގެ ރައީސްކަމުގެ މަގާމަކީ މާ ބޮޑެތި ބާރުތަކެއް އޮންނަ މަގާމެއް ނޫނެވެ.

އެހެން ނަމަވެސް، މިލޯސް ޒިމާންގެ ޒައާމަތުގައި އޭނާގެ ނުފޫޒުން، ޗެކް ރިޕަބްލިކާއި، ޗައިނާ އަދި ޖަރުމަނުވިލާތާ ވަރަށް ގާތް ގުޅުންތައް އުފައްދާފައި ވެއެވެ.

ޗެކް ރިޕަބްލިކްގެ ރައީސް މިލޯސް ޒިމާންއަކީ ޓްރަމްޕްގެ ސަޕޯޓެއް ނަމަވެސް، އަދި ބައެއް މައްސަލަތަކުގައި ޓްރަމްޕް ގެންގުޅުއްވި ސިޔާސަތުތަކަށް އޭނާ ތާއީދު ކުރެއްވި ނަމަވެސް، ޓްރަމްޕްގެ ވެރިކަމުގައި ވައިޓްހައުސްއަށް ވަޑައިގަތުމުގެ ދައުވަތެއް ލިބިފައެއް ނުވެއެވެ.