1967 ވަނަ އަހަރު އިސްރާއީލާއި އަރަބި ބައެއް ގައުމުތަކާ ދެމެދު ކުރެވުނު 6 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން ހިފާފައިވާ ސޫރިޔާގެ ބިމުގެ ސަރަހައްދެއް ކަމަށްވާ ގޯލާން ހައިޓްސް (ގޯލާންގެ އުސްބިންތަކަށް) އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ޒިޔާރަތް ކުރެއްވުމުން ސޫރިޔާއިން އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

ސޫރިޔާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިކަމަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމުން ފައިބާވަޑައިގަތުމުގެ ކުރިން ސޫރިޔާ ރުޅިއަރުވަން ކުރި ކަމެއް ކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕެއޯ ބުރާސްފަތި ދުވަހު ގޯލާންގެ އުސް ބިންތަކަށް ޒިޔާރަތް ކުރެއްވުމުގެ ކުރިން، އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް އިސްރާއީލުން ހަދާފައިވާ ޔަހޫދީ އާބާދީއަކަށްވެސް ޒިޔާރަތް ކުރައްވާފައި ވެއެވެ.

ޕޮމްޕެއޯ ވެވަޑައިގެންނެވީ، 1967 ގެ ހަނގުރާމައިގައި އިސްރާއީލުން ހިފާފައިވާ ފަލަސްތީނު ބިމެއްގައި އިސްރާއީލުން ހަދާފައިވާ ޔަހޫދީ އާބާދީއަކަށާއި، އަދި ސޫރިޔާގެ ބިމުން ހިފާފައިވާ ގޯލާންގެ އުސް ބިންތަކަށް ޒިޔާރަތް ކުރެއްވި އެމެރިކާގެ ފުރަތަމަ ޚާރިޖީ ވަޒީރަށެވެ.

ފަލަސްތީނާއި އަދި އަރަބި ގައުމުތަކުން ބުނެފައިވަނީ، ޕޮމްޕެއޯގެ މި ޒިޔާރަތަކީ ހިފާފައިވާ ބިންތައް ކޮންޓްރޯލް ކުރުމަށް އިސްރާއީލުން ކުރާ މަސައްކަތް އިތުރަށް ވަރުގަދަކުރަން ކުރެއްވި ކަމެއް ކަމަށެވެ.

ޕޮމްޕެއޯގެ ޒިޔާރަތް ކުށްވެރިކުރަން ސޫރިޔާއިން ބައިނަލްއަގްވާމީ މުޖުތަމައަށާއި، އދއަށް ގޮވާލާފައި ވާއިރު، ސޫރިޔާ ސަރުކާރުން ބުނެފައިވަނީ، އެމެރިކާގެ ޚާރިޖީ ވަޒީރު މިކުރެއްވީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް ކަމެއް ކަމަށެވެ.

މިއީ، ސޫރިޔާގެ އިސްތިގްލާލަށް ކަނޑައެޅިގެން އަރައިގަތުން ކަމަށްވެސް ސޫރިޔާއިން ބުނެފައި ވެއެވެ.

1967 ގެ ހަނގުރާމައިގައި ގޯލާންގެ އުސް ބިންތައް ހިފުމަށްފަހު އެބިންތައް އިސްރާއީލުގެ ބިމުގެ ބައެއްކަމަށް އެމީހުން އަމިއްލައަށް ކަނޑައެޅީ 1981 ވަނަ އަހަރުއެވެ.

ނަމަވެސް، އިސްރާއީލުގެ އެނިންމުން ބައިނަލްއަގްވާމީ މުޖުތަމައުން ބަލައެއް ނުގަތެވެ. ސޫރިޔާއިން ގޮވާލަމުން ގެންދަނީ ބިންތައް އަނބުރާ ހަވާލުކުރުމަށެވެ.

ގޯލާންގެ އުސްބިންތަކަކީ އިސްރާއީލުގެ ބައެއްކަމަށް އިސްރާއީލުން ނިންމާފައިވާ ނިންމުން 2019 ވަނަ އަހަރު އެމެރިކާގެ ރައީސް ޓްރަމްޕް ގަބޫލުކޮށް ބަލައިގަތުން ވެގެންދިޔައީ އިސްރާއީލަށް ވަރަށްބޮޑު އުފަލެއް ލިބުނު ކަމަކަށެވެ.