އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެންގެ އުމުރުފުޅުން މިއަދު 78 އަހަރު ފުރިއްޖެއެވެ.

ޖޯ ބައިޑެންއަށް 78 އަހަރު މި ފުރުނީ، އެމެރިކާގެ ރައީސްކަމާ އެނާ ހަވާލުވެވަޑައިގަތުމުގެ ބަރާބަރު 2 މަސް ކުރިންނެވެ.

ބައިޑެން އެމެރިކާގެ 46 ވަނަ ރައީސްގެ ހައިސިއްޔަތުން މަގާމުގެ ހުވާ ކުރައްވާނީ މިފެށޭ 2021 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 20 ވަނަ ދުވަހުއެވެ.

މަގާމުގެ ހުވާ ކުރައްވާ ހިސާބުން ޖޯ ބައިޑެން ވެވަޑައިގަންނަވާނީ، އެމެރިކާގެ ރައީސްކަމުގެ މަގާމަށް، އެމެރިކާގެ ތާރީޚުގަވެސް ވަޑައިގަންނަވާ އެންމެ މުސްކުޅިފުޅު ރައީސަށެވެ.

އެމެރިކާގެ ރައީސްކަން މީގެކުރިން ކުރެއްވި އެންމެ އުމުރުފުޅުން ދޮށި ބޭފުޅަކީ ރޮނަލްޑް ރޭގަންއެވެ.

1989 ވަނަ އަހަރު ވެރިކަމުގެ ދައުރު ނިންމަވާލެއްވިއިރު ރޭގަންގެ އުމުރުފުޅަކީ 77 އަހަރާއި، 349 ދުވަހެވެ.

ޖޯ ބައިޑެންއަށް 78 އަހަރު ފުރުނުއިރު، އެމެރިކާގެ ރައީސްކަމުގައި މިހާރު ހުންނެވި ޑޮނަލްޑް ޓްރަމްޕް، ބައިޑެންއަށްވުރެ 4 އަހަރު ހަގެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ޓްރަމްޕް އެންމެ ބޮޑަށް ހަމަލާ ދެއްވަމުން ގެންދެވި އެއް ކަމަކީ ޖޯ ބައިޑެންގެ އުމުރުފުޅެވެ. އޭނާގެ ސިއްހަތެވެ.

ޓްރަމްޕް ވިދާޅުވަމުން ގެންދެވީ، ޑިކޮމްރޭޓުންނަށް ހެޔޮ ވެރިކަމެއް ކުރެއްވޭނެ ސިއްހީ ދުޅަހެޔޮކަމެއް ނެތް ކަމަށެވެ.

ނޮވެމްބަރުމަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ބަލި ގަބޫލު ކުރައްވަން ރައީސް ޓްރަމްޕް އަދިވެސް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.

ޓްރަމްޕް ކެމްޕެއިންގެ ފަރާތުން ވޯޓާގުޅޭ ގިނަ މައްސަލަތައް ކޯޓަށް ވައްދަމުން ދިޔަ ނަމަވެސް، ކޯޓުތަކުން ޓްރަމްޕަށް ކުރި ލިބިވަޑައިގެންފާނެ ކަމަށް ގިނަބަޔަކު ގަބޫލެއް ނުކުރެއެވެ.

ޖޯޖިއާގެ ވޯޓު އަލުން ގުނުމުންވެސް ކާމިޔާބު ލިބިވަޑައިގެންފައިވަނީ ބައިޑެންއަށެވެ.

ޖެނުއަރީ 20 ގައި ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައި ގަންނަވާއިރު، ބައިޑެންގެ ކުރިފުޅުމަތީގައި ހުރީ ބޮޑެތި މައްސަލަތަކެވެ.

އެންމެބޮޑު އަދި އެންމެ އިސްކަމެއް ދޭން ޖެހިފައިވަނީ ކޮވިޑްބަލިމަޑު ހާލަތަށެވެ.

މީގެއިތުރުން، އިގްތިސާދު ހީނަރުވެފައި ވުމާއި، ވަޒީފާނެތް މީހުންގެ މައްސަލަތަކާއި، ނަސްލީ އިމްތިޔާޒުގެ އަދާލަތުގެ މައްސަލަތަކަކީވެސް ބައިޑެންއަށް ހުރި ބޮޑެތި ގޮންޖެހުންތަކެވެ.

މިކަންކަމާ ކުރިމަތިލެއްވުމުގެ ގާބިލްކަމާއި، ބައިޑެންގެ ސިއްހަތާމެދު ޚުދު ޑިމޮކްރަޓިކް ޕާޓީގެ ބައެއް ބޭފުޅުންވެސް ސުވާލު އުފައްދާ ކަމަށް އެމެރިކާގެ މީޑިއާއިން ބުނެއެވެ.