އޮސްޓްރޭލިއާއާއި ޖަޕާނާ ދެމެދު ވެފައިވާ އަސްކަރީ އެއްބަސްވުމަށް އެމެރިކާއިން ތާއީދުކުރާކަމަށް ބުނެފިއެވެ. މިއެއްބަސްވުމަކީ، ޗައިނާގެ ނުފޫޒު ގަދަވަމުންދާ ސަރަހައްދެއްގައި އެމެރިކާއަށް ބާރުގަދަ ކުރުމަށް ލިއްބައިދޭ ފުރުސަތެކެވެ.

ޖަޕާންގެ ބޮޑު ވަޒީރު ޔޮޝިހިޑޭ ސޫގާއާއި އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން ވަނީ ރެސީ ޕްރޮކަލް އެކްސަސް އެގްރީމެންޓް (އާރްއޭއޭ)އަށް އެއްބަސްވެފައެވެ.

މިއީ ދެ ގައުމުން ގުޅިގެން އަސްކަރީ އޮޕަރޭޝަން ހިންގުމަށާއި ގުޅިގެން ތަމްރީންތައް ބޭއްވުމަށް ފަހިކޮށްދިނުމުގެ އެއްބަސްވުމެކެވެ.

އެމެރިކާގެ އަސްކަރީ ފަރާތްތަކުން ބުނެފައި ވަނީ މިއީ ސަރަހައްދުގައި އެންމެނަށްވެސް ހިތްވަރު ލިބޭ އެއްބަސްވުމެއް ކަމުގައެވެ.

އެމެރިކާއާއެކު މިފަދަ އެއްބަސްވުމެއް 1960ގައި ޖަޕާނުން ސޮއިކޮށްފައި ވެއެވެ. މިއީ އެއަށްފަހު ޖަޕާނުން ސޮއިކުރާ މިފަދަ ދެވަނަ އެއްބަސްވުމެވެ.

ޖަޕާނާއި އޮސްޓްރޭލިއާއަކީ އެމެރިކާއާއި އިންޑިއާއި ގުޅިގެން އަސްކަރީ ތަމްރީންތައް ބާއްވާ ގްރޫޕްގެ ބައެކެވެ. މިދިޔަ މަހު މި ހަތަރު ގައުމުން ވަނީ ޓޯކިޔޯގައި ބައްދަލުވެފައެވެ.

މި ބައްދަލުވުމަށްފަހު ވަގުތުން ޖަޕާނުގެ ބޮޑު ވަޒީރު ވަނީ ތާއީދު ހޯއްދެވުމަށް ވިއެޓްނާމަށާއި އިންޑޮނޭޝިއާއަށް ޒިޔާރަތް ކުރައްވާފައެވެ.

ޗައިނާއިން ސިފަ ކުރާ ގޮތުގައި މިއީ އޭޝިއާގައި ނޭޓޯއެއް ހެދުމަށް އެމެރިކާއިން ކުރާ މަސައްކަތުން ބައެކެވެ.

ނޭޓޯއަކީ ރަޝިޔާގެ ނުފޫޒު ކުޑަ ކުރުމަށް ޔޫރަޕްގެ ގައުމުތައް ގުޅިގެން އެކުލަވާލި އަސްކަރީ އިއްތިހާދެކެވެ. ރޫސީންގެ ބާރުގެ ދަށުގައި ކުރިން ތިބި ގައުމުތައް މިނިވަން ވުމާއެކު ނޭޓޯއިން ވަނީ މި ގައުމުތައްވެސް ނޭޓޯއަށް ވައްދާފައެވެ.

ޗައިނާއާ ދެކޮޅަށް ދެކުނު ޗައިނާ ކަނޑާއި އިރުމަތީ ޗައިނާ ކަނޑުގައި އެމެރިކާއާއި އެމެރިކާއާ ގުޅިފައިވާ ގައުމުތަކުން ޗައިނާއަށް ފާރަލައެވެ.