ކުރިއަށް އޮތް 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ވެރިކަންކުރާ މއި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ނިކުންނަވާނެކަމަށް، މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ސިޠާސީގޮތުން މިހާރު ދެބައިވެފައިވާ އެމްޑީޕީގައި ރައީސް ނަޝީދުގެ "ފެކްޝަން"ގެ އިސް ހަރަކާތްތެރިއެއްގެ ގޮތުގައި ފެންނަމުންދާ އެމަނިކުފަނުގެ ޢާއިލީ ބޭފުޅެއްކަމަށްވެސް ވާ އީވާ މިހެން ވިދާޅުވީ ހދ.ކުޅުދުއްފުށީގައި ވާހަކަދައްކަވަމުންނެވެ. ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ(އިންތި) ގެ ކެމްޕެއިން ހަރަކާތެއްގައި ކުޅުދުފުށީގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ "2023 އަޅުގަނޑުމެން ބޭނުމީ އެމްޑީޕީގެ ވެރިކަމެއް. 2023 އަށް އަޅުގަނޑުމެން ބޭނުމީ ހަމަ އެމްޑީޕީގެ ވެރިކަމެއް. 2023 ގެ އިންތިހާބަށް އިރާދަކުރެއްވިއްޔާ ރައީސް ނަޝީދު ކުރިމަތިލައްވާނެ،" އީވާ މިހެން ވިދާޅުވާ ވިޑިއޯ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ސިންވާރ ވަނީ ޓްވީޓުކޮށްފައެވެ.

މިހާރުވެސް ހިނގަމުން މިދަނީ އެމްޑީޕީގެ ވެރިކަމެކެވެ. އެއީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ނެރުނު ރިޔާސީ ކެންޑިޑޭޓަކީ މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހެވެ. އެހެންނަމަވެސް އެމަނިކުފާނު އޭރު ރިޔާސީ ކެންޑިޑޭޓަށްވީ ރަޝީދަށް އެފުރުސަތު އޭރު ނުލިބުމުންނެވެ. ނަޝީދު ހުންނެވީ އޭރު ޝަރުޢީ ޙުކުމެއް ތަންފީޒުކުރެއްވުމުގައެވެ. އެހެންކަމުން އޭނާއަށް ޤާނޫނީގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ނުވެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން އޮތީ ނިންމަވާފައެވެ.

މިހާރު ހިނގަމުން މިދާ ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއްކަމަށްވިޔަސް އެޕާޓީގެ ރައީސް މުޙައްމަދު މަޝީދާއި ރައީސުލްޖުމްހޫރިއްޔާއާ ދެބޭފުޅުންގެ ދެމެދުގައި ވަރަށްބޮޑަށް ޚިޔާލު ތަފާތުވެ، ޕާޓީވަނީ މިދެބޭފުޅުންގެ މެދުގައި ދެބައިވެފައެވެ. ނަޝީދުވަނީ ފާޅުގައި މިސަރުކާރާ ދެކޮޅަށް ބަސް ވިދާޅުވާން ފައްޓަވާފައެވެ.