ފިނޭންސް މިިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަކަށް އަޙުމަދު ސިރާޖް ޢައްޔަންކުރައްވައިފިއެވެ.

އޭނާއަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލަންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި, ޔޫ.ކޭގެ ޔުނިވަރސިޓީ އޮފް ސަންޑަލަންޑުން ބެޗަލަރ އޮފް ބިޒްނަސް މެނޭޖްމަނޓް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.

ޕީއެޗްޑީ އިން އިކޮނޮމިކްސް އެންޑް މުޢާމަލާތު އެޑްމިނިސްޓްރޭޝަންއަށް މިހާރު މަސައްކަތް ކުރައްވަމުންގެންދަވާ ސިރާޖް, އެންމެ ފުރުތަމަ ސަރުކާރާ ގުޅިވަޑައިގަތީ 2000ވަނަ އަހަރު މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް ނެޝަނަލް ޑިވެލޮޕްމަންޓުގައި ޑާޓާ އެންޓްރީ އޮފިސަރެއްގެ މަޤާމަށެވެ. މަތީ ތަޢުލީމު ޙާޟިލްކުރެއްވުމަށްފަހު 2012ވަނަ އަހަރު އަލުން ސަރުކާރާ ގުޅިވަޑައިގެން މިނިސްޓްރީ އޮފް ފައިނޭންސްގައި ޕަބްލިކް އެންޓަޕްރައިޒަސް އިވެލުއޭޝަން އެންޑް މޮނިޓަރިންގް ޑިވިޜަންގެ އެސިސްޓަންޓް ޑިރެކްޓަރެއްގެ މަޤާމު އަދާކުރެވުމަށްފަހު, ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު އެކުލަވާލުމާއެކު މިއަދާހަމައަށް އަދާކުރައްވަމުން ގެންދެވީ އެ ބޯޑުގެ ސެކެޓްރީ ޖެނެރަލްކަމުގެ މަޤާމެވެ.

މި މަޤާމުގައި ހުންނެވި އިރު, ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޯޕޮރޭޓް ގަވަނަންސް ކޯޑެއް އެކުލަވާލުމުގެ އެއް މޭސްތިރިއަކީ ސިރާޖެވެ. މީގެ އިތުރުންވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ޚަރުދަނާކުރުމަށް, ހިންގުމުގެ ޤަވާއިދުތައް އެކުލަވާލުމާއި, މާލީ ޖަވާބުދާރީވުމުގެ ނިޒާމުތައް ޚަރުދަނާކުރުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. މީގެ އިތުރުންވެސް ސިރާޖު ވަނީ ދަޢުލަތުގެ ތަފާތު ގިނަ އިދާރާތަކުގައި ހިންގުމުގެ މައްސޫލިއްޔަތު އަދާކުރައްވާފައެވެ. އޭގެ ތެރޭގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ, މޯލްޑިވްސް ހައްޖު ކޯޕަރޭޝަން, ހަޒާނާ މޯލްޑްވްސްގެ ބޯޑު މެންބަރުކަން ކުރައްވާފަވެއެވެ. ހުސްވަގުތު ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރެއްވުމުގައި އެކި ކޮލެޖް ޔުނިވަރސިޓީ ތަކަށް ކިޔަވާދެއްވުމުގެ އިތުރުން, ސިރާޖަކީ , އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ކައުންސިލް މެމްބަރެކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.