އދ. ފެންފުށީގައި ސަރުކާރުން ޤާއިމް ކުރައްވާ ފެނުގެނިޒާމު ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އެކަމަށްޓަކައި މިއަދު އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ރަސްމީކޮށް މަސައްކަތް ފަށްޓަވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީނެވެ. އެ ރަސްމިއްޔާތުގައި ފެންފުށީ ކައުންސިލް މެމްބަރުންނާއި ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާ ކަމަށް ފެނަކައިން ވިދާޅުވިއެވެ.

ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުގެ ދަށުން، ކުރިއަށް އޮތް 06 މަސްތެރޭ، ހޮޅި ވަޅުލައި، ސާފުކޮށް، ޕްރެޝަރ ޓެސްޓް ކޮށް، ގޭގެއަށް ކަނެކްޝަން ދިނުމުގެ އެންމެހައި މަސައްކަތް ކުރާނެ ކަމަށް ވެސް ފެނަކައިން ވިދާޅުވިއެވެ. މިގޮތުން 9600 މީޓަރަށްވުރެ ދިގު ފެނުގެ ވިއުގައެއް ޤާއިމްކޮށް، 60 ޓަނުގެ 02 ފެންޕްލާންޓް ބަހައްޓައި، 950 ޓަނުގެ ފެން ރައްކާކުރެވޭނެ ވަޞީލަތް ޤާއިމްކުރެވޭނެއެވެ. އަދި ރަށުގެ ހުރިހާ ގެއަކަށް ފެން މީޓަރ ގުޅައިދެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢަކީ ދިވެހި ސަރުކާރުގެ ފަރާތުން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން، މި އަހަރުގެ ޑިސެމްބަރ ގެ ނިޔަލަށް ނިންމުމަށް ފެނަކައާ ޙަވާލުކުރައްވާފައިވާ މަޝްރޫޢެއް ކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ. ފެނަކައިން މަސައްކަތް ކުރަނީ މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމައި، 2022 ނޮވެމްބަރ މަހު މިނިސްޓްރީ އާ ފެނުގެ ނިޒާމު ޙަވާލުކުރުމަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.