ކަމަކަށް ޝަޢުގުވެރިކަން ހިތްތަކުގައި އުފެދިއްޖެނަމަ، ކާމިޔާބާ ހަމައަށް ވާޞިލް ވެވޭވޭނެކަން މުލީގެ އުދަރެހުން އުދަވި ކުޑަ ކުޑަ 5 އިމާމުން ހާމަކޮށްދީފިއެވެ. އެރަށުގެ ކުޑަ މިސްކިތާއި ބޮޑު މިސްކިތުގައި ރީތި ހިތްގައިމު ރާގު ތަކަށް ބަންގިގޮވާ، ވިތުރި ކުރަމުންދާ މި 5 އިމާމުންނަކީ އުމުރުން 12 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންނެވެ.
މ އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 6 ގައި ތަޢުލީމު ޙާސިލު ކުރަމުންދާ އުމުރުން 12 އަހަރުގެ މުޙައްމަދު އާލިފު އަހުމަދު ބުނީ އޭނާ ބަންގި ގޮވުމަށް ޝަޢުގުވެރިވީ އެހެން ކުދިން ބަންގި ގޮވާ އަޑު އިވިގެން ކަމުގައެވެ. އަދި ޝަޢުޤުވެރިކަން އުފެދުމުގެ ސަބަބުން ޔޫޓިއުބުންނާއި ޓީވީތަކުން ބަންގި ގޮވާ އަޑު އަހައިގެން ދަސްކުރީ ކަމަށެވެ. އާލިފު ފަދައިން އުމުރުން 13 އަހަރުގެ ހޫދުވެސް ބަންގި ގޮވާ އިމާމުވެ ނަމާދުކުރާހިތް ޖެހުނީ ރައްޓެހި ކުދިން ބަންގި ގޮވާ އަޑުއިވުމުން ކަމުގައި ބުންޏެވެ. އެހެންކަމުން އޭނާވެސް ތަފާތު ވަޞީލަތްތަކުގެ އެހީގައި ލިބިފައިވާ ހުނަރު ތަރަށްްޤީކޮށް ކުރިއެރުވިއެވެ. އަދި މިސްކިތުގައި ވިތުރިކޮށް، އޭނާގެ މަޚުރަޖުތަކުގެ ފުރިހަމަކަމާއި އަސަރުންފުރިފައިވާ ދުޢާތަކުން މުލީ ރައްޔިތުންގެ ހިތްތަކުން ޖާގަ ހޯދިއެވެ.
މުލީގެ އުދަރެހުން އެރި އިމާމު ޖަމާޢަތުގެ މެންބަރު ޢަބުދުﷲ މުޢުމިން އެންމެ ފުރަތަމަ މިސްކިތެއްގައި ބަންގި ގޮވީ ޢުމުރުން އެންމެ 11 އަހަރުގައެވެ. މުޢުމިން ބުނީ ކުޑައިރުއްސުރެ ބަންގި ގޮވާ އިމާމުވެ ނަމާދުކުރުމަށް ޝަޢުޤުވެރިވާ ކަމަށެވެ. އެހެންކަމުން އަމިއްލައަށް އެކި ވަސީލަތްތަކުގެ އެހީގައި ދަސްކުރީކަމަށެވެ. އަދި މިސްކިތެއްގައި ބަންގިގޮވާހިތުން މަސްޖިދުލް މުޠާމިޢު (ކުޑަ މިސްކިތް) ގެ އިމާމުގާތު އެދިގެން ފުރުޞަތު ހޯދީ ކަމަށެވެ. މުޢުމިންގޮވާލާ ބަންގީގެ ހިތްގައިމު ކަމާއި ޤުރުޢާން ކިޔެވުމުގެ ފުރިހަމަކަމުން އެ މިސްކިތުގެ އިމާމު އޭނައަށް ބަންގި ގޮވުމަށާއި އިމާމުވެ ނަމާދު ކުރުމަށް ފުރުޞަތު ފަހިކޮށްދެއްވިއެވެ. މިއަހަރު 14 އަހަރު ފުރުނު މުޢުމިން އަކީ މުލީގެ ބޮޑު މިސްކިތް، މަސްޖިދުލް މުޠައްވިޢުގައި އިމާމުވެ ބޮޑު ޖަމާޢަތުގައި ވިތުރިވެސް ކުރާ މޮޅު އިމާމެކެވެ.
އެކުވެރި މުޢުމިން، ހިތްގައިމު ރާގުތަކަށް ގޮވާ ބަންގީގެ އަޑު އިވި މުޙައްމަދު މާޒިން ރަޝީދުވެސް ބަންގި ގޮވުމަށް ޝަޢުގު އުފެދި އެ ފުރުޞަތު ހޯދިއެވެ. އަދި އަހުމަދު ޒިހާން އިސްމާޢީލްވެސް މި އިމާމުންގެ ޖަމާޢަތާއި ގުޅި މިއަހަރުގެ ރަމަޟާން މަހު މުލީގެ މިސްކިއްތައް ފަޅުފިލުވައިދިނެވެ. ޒިހާން ބުނީ ބައްޕައަކީ އިމާމަކަށް ވުމުންނާއި ރައްޓެހި ކުދިން ބަންގިގޮވާ ނަމާދުކުރާތަން ފެނުމުން އެކަމަށް ޝަޢުޤުވެރިވެ، ދަސްކުރީކަމަށެވެ.
މި 5 ކުދިން އިމާމުވެ ނަމާދުކުރުމަށް ހުރި ޝަޢުޤުގެ ވާހަކަ ދައްކަވަމުން މ. އަތޮޅު ތަޢުލީމީމަރުކަޒުގެ އިސްލާމް ޓީޗަރ މޫސާ ނައީމު ބުނުއްވީ ވިތުރީގައި ކިޔާ ދިގު ދުޢާތައްވެސް ވަރަށް އަސަރާއެކު ކިޔަން ދަސްކޮށްލާ ކަމަށެވެ. މިކުދިންގެ ޝަޢުޤު އިތުރަށް ތަރަށްޤީ ކުރުމަށް ސްކޫލްގެ ޕީޓީއޭގެ ފަރާތުން އޮންލައިން ކޮށް "ކުޑަ އިމާމު ވޯކްޝޮޕް" އިން ފުރުޞަތު ހޯދައި ދެއްވިކަމަށް މޫސާ ނައީމު ބުނުއްވިއެވެ.
ރަށުގެ ރައްޔިތުންގެ ލޯބި ހޯދި ކުޑަ އިމާމުންގެ ޖަމާޢަތުން މިކަމުގައި ކުރިއަށް ދިއުމަށް ގަދަ ހިތްވަރާއެކު އޮޅިއަކަށްފަހު އޮޅިއެއް ގިރާކުރުމަށް މަސައްކަތް ކުރެއެވެ. އެހެންނަމަވެސް މި ކަމުގައި ހުރަސްތަކެއް ހުރިކަމުގައި ކުދިންގެ ބެލެނިވެރިން ފާހަގަކުރައްވައެވެ. އިމާމު ކޯސް ހެދުމަށް ވަރަށް ގިނަ ގޮތްގޮތުން މަސައްކަތްކުރަމުންދާކަމަށާއި އެފުރުޞަތު އަދި ނުލިބޭ ކަމުގައި ހޫދުގެ މަންމަ ބުނުއްވިއެވެ.
މުލީގެ ކުޑަ އިމާމު ޖަމާޢަތުގެ އުންމީދުތައް ވަނީ ވަރަށް މަތީގައެވެ. މަދީނާފަދަ އިސްލާމީ ޤައުމަކުން ދީނީ ތަޢުލީމު ޙާޞިލު ކުރުމުގެ ހުވަފެންތައް ދެކެމުންދެއެވެ. އެހެންކަމުން މި ޅަ ހިތްތަކުގައި އުފެދި ކެކެމުންދާ އިސްލާމީ ވަޙުދަތު ދެމެހެއްޓުމަށްޓަކައި ވިސްނަން ވެއްޖެއެވެ. ގަވާއިދުތަކާއި އުސޫލުތައް ހަދާފަރާތްތަކުންވެސް މުސްތަޤުބަލުގެ ޒުވާން، ޅަފުރައިގެ ކުދިނނަށް ފުރުޞަތު ލިބޭނޭގޮތަށް ކަންކަން ބަދަލު ކުރުމުގެ ވަގުތު ޖެހިއްޖެ ކަމަށް ދެކެމެވެ.