ޒަމާނުއްސުރެ ދިވެހީންނަކީ ފިތުރު ޢީދާއި އަޟުޙާޢީދު ކުލަގަދަކޮށް ފާހަގަކުރަމުން އައި ބައެކެވެ. އެހެންނަމަވެސް ފާއިތުވި ދެއަހަރު ފިތުރުޢީދުގައި އިޖުތިމާޢީ ގިނަ ހަރަކާތްތަކެއް ވަނީ ނުބޭއްވިފައެވެ. ކޯވިޑްގެ ބަލިމަޑުކަން ރާއްޖޭގެ ގިނަ ރަށްރަށުގައި ފެތިރިފައިވުމުން ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ އެތައްކަމަކުން މަހުރޫމުވެ ތިބެންޖެހުނެވެ.
މިއަހަރުގެ ފިތުރު ޢީދުގައި ބޮޑު ޖަމާޢަތުގައި ނަމާދުކުރުން މާލެ އާއި ގިނަ ރަށްރަށުގައި އޮތެވެ. އަދި ރާއްޖޭގެ ގިނަރަށްރަށުގައި ޢީދު ނަމާދުން ފައިބައިގެން ރައްޔިތު އެންމެން އެއްތަނެއްގައި، އެއްޖަމާއަތެއްގައި ސައިބުއިން އޮތެއެވެ. މިއީ ފަހަކަންއައިސް ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި ކުރަމުން އަންނަކަމެކެވެ. ރައްޔިތުން އެއްބައިވެގެން ކާބޯތަކެތި ހަދައިގެން ޖަމާޢަތުގައި ސައިބުއިމަކީ މިހާރު ގިނަ ރަށްރަށުގެ ފިތުރުޢީދުގެ އާދަކާދައިގެތެރޭގައި ހިމެނޭކަމެކެވެ.
ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި މިއަހަރުގެ ފިތުރުޢީދު ފާހަގަކުރުމަށް ކުޅިވަރު މުބާރާތައްވެސް ބާއްވަމުން އެބަ ގެންދެއެވެ. އެގޮތުން މ. އަތޮޅު ދިއްގަރުގައި މިއަދު ފުޓުބޯޅަ މުބާރާތެއް ފެށެއެވެ. އެ އަތޮޅު މުލީގައި އިއްޔެ ވޮލީ މެޗްތަކެއް ކުރިއަށް ދިޔައެވެ. ލ. އަތޮޅު ގަމުގައިވެސް ކުޅިވަރު ޙަރަކާތްކެއް ކުރިއަށް ދިޔައެވެ. މީގެ އިތުރަށް މާލޭގައިވެސް އާންމުކޮށް ފިތުރުޢީދުގައި އޮންނަ ބައިބަލާ މުބާރާތް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ފިތުރުޢީދަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޗުއްޓީހޭދަކޮށްލުމަށް ދިޔަ މީހުންވެސް ވަރަށް ގިނައެވެ. ޢާއިލާއާއި ރަޙުމަތްތެރިންނަށް ޒިޔާރަތްކޮށްލުމުގެ މި ފުރުޞަތުގެ ބޭނުންހިފައި މާލެއިން ވެސް އެތައްބަޔަކު ރަށްރަށަށް ހިނގައްޖެއެވެ. 2 އަހަރަށްފަހު ޢާއިލައާ ބައްދަލުކުރުމަށް ރަށަކަށްދިޔަ ރައްޔިތަކު ނަން ހާމަ ނުކުރުމަށް އެދި ބުންޏެވެ. " ދެއަހަރަށްވުރެ ގިނަ ދުވަސްފަހުން ރަށަށް މިއާދެވުނީ. ކުޑަކުދިންތައް ތިބީ ވަަރށް އުފަލުން. ކުރިން ސަރުކާރު ބަންދުވިޔަސް ރަށަށް ނާދެވުނީ ކަރަންޓީނުގައި ތިބެން ޖެހުމުން. އެހެންނަމަވެސް މިފަހަރު ޢީދަށް މިހާބޮޑު ބަންދެންލިބި މިނިވަންކަމާއެކު ބޭރަށް ނުކުމެ އެކަކު އަނެކަކާ ބައްދަލުކުރެވި ކުޅިވަރު ޙަރަކާތްތަކުގައި ބައިވެރި ވުމުން ކުދިވެރިން ތިބީ ވަރަށް އުފަލުން" އުފަލުން ހުރެ އޭނާ ކިޔައިދިނެވެ.
ފިތުރުޢީދުގައި ޢިޖުތިމާޢި ގުޅުން ބަދަހިކޮށްދެއެވެ. ޢާއިލީ ގުޅުންތައް ވަރުގަދަވެއެވެ. ދޭދޭ ރަޙުމަތްތެރިންގެ މެދުގައި އޮންނަގުޅުން އިތުރުވެއެވެ. އަދި އާ ރައްޓެހިން ލިބި ކައިވެނީގެ ގޮންޖެހޭ ސަބަބަކަށްވެސް މި ޢީދު ވެގެންދެއެވެ.
މިއަހަރުގެ ފިޠުރު ޢީދު ފަދައިން މުސްލިމުންގެ ކޮންމެ ޢީދަކީވެސް މިފަދަ އިޖުތިމާޢީ ގުޅުން ބަދަހިވާ ޢީދެއް ކަމުގައި ލައްވާށި.