އިސްލާމް ދީނަށް ފުރައްސާރަ ކުރާ ކާޓޫން މައްސަލާގައި މުސްލިމުން ފްރާންސާއި ދެކޮޅަށް މަސައްކަތް ކުރަމުން ދިއުމާއެކު ފްރާންސުން ވަނީ، މިހާރު އަނިޔާ ލިބެނީ ފަރަންސޭސިންނަށް ކަމަށް ދައްކަން މަސައްކަތް ފަށާފައެވެ. މުސްލިމު ކުދިން ސްކޫލަށްދޭތޯ ބެލުން ކަށަވަރު ކުރުމުގެ ގޮތުން ފްރާންސް ސަރުކާރުން ތައާރަފްކުރި ފިޔަވަޅަކަށް ޕާކިސްތާންގެ ހިއުމަން ރައިޓްސް މިނިސްޓަރ ފާޑު ވިދާޅުވުމުން ޕެރިހުން ދަނީ އެވާހަކަ އަނބުރައި ގެންދިއުމަށް ޕާކިސްތާނަށް މަޖުބޫރު ކުރަމުންނެވެ.

ޕާކިސްތާންގެ ހިއުމަން ރައިޓްސް މިނިސްޓަރ ޝީރީން މަޒާރީ ކުރެއްވި ޓުއީޓެއްގައި ވިދާޅުވެފައި ވަނީ މުސްލިމު ކުދިންނަށް ނަންބަރެއްދީ އެކު ދިން ސްކޫލަށް ދޭތޯ ކަށަވަރު ކުރުމަށް ޕެރިހުން ތައާރަފް ކޮށްފައިވާ ފިޔަވަޅަކީ ޖަރުމަން ގައި ޔަހޫދީންނާ ދެކޮޅަށް ނާޒީން ތައާރަފް ކުރިފަދަ ފިޔަވަޅެކެވެ.

ފަރަންސޭސި ސަރުކާރުން ވަނީ މި ޓުއިޓާ މެސެޖާ ދެކޮޅަށް ޓުއީޓްކޮށް، ޕާކިސްތާނުން މި ވާހަކަ އަނބުރައި ގެންގޮސް މަޝްވަރާ ކުރުމަށް ގޮވާލާފައެވެ.

ފަރަންސޭސި ރައީސް އިމާނުއެލް މެކްރޮން ވިދާޅުވެފައި ވަނީ މުސްލިމުން ދެކޮޅު ހެދުމަކުން ފަރަންސޭސިން އެމީހުންގެ އިލްމާނީ ގޮތްތަކެއް ބަދަލެއް ނުކުރާނެ ކަމަށެވެ. ފަރަންސޭސި ވިލާތުގައި ދީންތަކާ ދެކޮޅަށް ނަފްރަތު އުފެއްދުމަކީ، ގާނޫނީ ކުށެކެވެ. ނަމަވެސް މުސްލިމުންގެ ދިފާއުގައި މި ގާނޫނު ތަންފީޒު ނުކުރެވޭ ކަމަށް ފަރަންސޭސި މުސްލިމުން ބުނެއެވެ.

މަޒާރީގެ ޓުއީޓްގައި ވިދާޅުވެފައި ވަނީ ފަރަންސޭސިން މުސްލިމުންނާ ދެކޮޅަށް ކަންކުރަމުން ދަނީ ދެވަނަ ބޮޑު ހަނގުރާމައިގައި ނާޒީން ޔަހޫދީންނާ ދެކޮޅަށް ކަން ކުރިގޮތަށެވެ. މަޒާރީގެ ވާހަކަތައް ބިނާ ކުރައްވާފައި ވަނީ އޮންލައިން މަޖައްލާއެއްގައި ޝާއިއުކޮށްފައިވާ މަޒްމޫނަކަށް ހަވާލާދެއްވާފައެވެ. އޭނާ ވިދާޅުވެފައި ވަނީ އޭނާގެ ވާހަކަ ފޭކް ކަމަށް ދެއްކުމުގެ ބަދަލުގައި އޭނާ ހަވާލާ ދެއްވާފައިވާ މަޒްމޫންގައި ހިމެނޭ ވާހަކަތަކަށް ބެލުން ރަނގަޅު ވާނެ ކަމަށެވެ.