ޔުރޮޕާ ލީގް ފައިނަލުން ޖަރުމަނުގެ ފްރެންކްފާޓާއި ސްކޮޓްލޭންޑުގެ ރޭންޖާސް ރޭ ޖާގަ ހޯދައިފިއެވެ.
ކުއާޓާފައިނަލުގައި މަޝްހޫރު ބާސެލޯނާ ކަޓުވާލި ފްރެންކްފާޓް ފައިނަލުން ޖާގަ ހޯދީ ސެމީގެ ދެވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި އިނގިރޭސިވިލާތުގެ ވެސްޓްހޭމް ޔުނައިޓެޑް އަތުން 1-0 އިން މޮޅުވެ ދެލެގުގެ އެގްރިގޭޓުން 3-1 އިން ކުރި ހޯދައިގެންނެވެ. މިދެޓީމު ބައްދަލު ކުރި ފުރަތަމަ ލެގް ވެސްޓްހޭމްގެ ދަނޑުގައި ފްރޭންކްފާޓް މޮޅުވީ 2-1 އިންނެވެ. ނަތީޖާ އަނބުރާލުމުގައި ރޭ ވެސްޓްހޭމަށް ގޮންޖެހުންތައް ކުރިމަތިވީ މެޗުގެ 19 ވަނަ މިނެޓުގައި ޑިފެންޑަރު އާރޮން ސެރެސްވެލްއަށް ރަތްކާޑް ދެއްކުމުން އެއްކުޅުންތެރިޔަކު މަދުކޮށް މެޗުގެ ބޮޑުގައި ކުޅެން ޖެހުމުންނެވެ. ސެރެސްވެލްއަށް ރަތްކާޑް ދެއްކީ ފްރެންކްފާޓް ކުޅުންތެރިޔަކު ބޯޅަ ހިފައިގެން ހުސްކޮށް އޭރިޔާތެރެއަށް ވަންނަން މަސައްކަތް ކުރިވަގުތު ފައުލް ކުރުމުންނެވެ. ސެރެސްވެލްއަށް ރަތްކާޑް ދެއްކިތާ 7 މިނެޓް ފަހުން ފްރެންކްފާޓުން ލީޑް ނެގީ ރަފޭލް ސަންތޯސްގެ ލަނޑުންނެވެ. ވެސްޓްހޭމްއިން ކައުންޓަރ އެޓޭކުގައި ނުރައްކާތެރި ދެހަމާއެއް އުފެއްދިއިރު ބޯލް ބޯއީޒްގެ ފަރާތުން މެޗް ލަސް ކުރުމަށް މަސައްކަތްތަކެއް ކުރި ފާހަގަ ކުރެވުނެވެ. މީގެ ސަބަބުން ވެސްޓްހޭމްގެ ކޯޗް ޑޭވިޑް މޮއިސް އާއި ބޯލް ބޯއީއަކާ ދިމާއަށް ރުޅިވެރިކަމާއެކު ކުރިމަތިލިއެވެ. މެޗަށްފަހު މޮއިސް ވަނީ މިކަމަށް މައާފަށް އެދިފައެވެ.
ރޭންޖާސް ފައިނަލުން ޖާގަ ހޯދީ ޖަރުމަނުގެ ލިޕްޒީގުގެ މައްޗަށް އަމިއްލަ ދަނޑުގައި 3-1 އިން ކުރި ހޯދައި ދެލެގުގެ އެގްރިގޭޓުން 3-2 އިން ކުރި ހޯދައިގެންނެވެ. މިދެޓީމު ލިޕްޒީގް ދަނޑުގައި ބައްދަލު ކުރި ފުރަތަމަ ލެގް 1-0 އިން ކާމިޔާބު ކުރީ ލިޕްޒީގެވެ. އެކަމަކު ރޭންޖާސްއިން ވަނީ ރޭ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކައުންޓަރ އެޓޭކުގައި ކުޅެ 2008 ގެ ފަހުން ފުރަތަމަ ފަހަރަށް ޔޫރަޕުގެ މުބާރާތެއްގެ ފައިނަލުން ޖާގަ ހޯދާފައެވެ.
ރޭންޖާސް އާއި ފްރެންކްފާޓް ބައްދަލު ކުރާ ޔުރޮޕާ ލީގުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު ސްޕެއިނުގެ ސެވިއްޔާ ދަނޑުގައެވެ.