ކިލިއަން އެމްބައްޕޭ، ޕީއެސްޖީގައި އިތުރު ދެސީޒަނުގައި މަޑު ކުރަން އެއްބަސްވެއްޖެ ކަމަށް ފްރާންސްގެ މީޑިޔާތަކުން ރޭ ފެތުރި ޚަބަރު އޭނާގެ މަންމަ ފޭޒާ ލަމިރީ މިއަދު ދޮގު ކޮށްފިއެވެ.

ސްޕެނުގެ މަޝްހޫރު "މާކާ" އަށް ދިން ހާއްސަ ބަސްދީގަތުމެއްގައި އެމްބައްޕޭގެ މަންމަ ބުނެފައި ވަނީ ޕީއެސްޖީއިން ހުށަހަޅާފައިވާ 2 އަހަރުގެ ކޮންޓްރެކްޓަކަށް އެމްބައްޕޭ އެއްބަސްވެފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.

"ޕީއެސްޖީގެ ކޮންޓްރެކްޓް އާކުރިކަމަށް ފެތުރިގެން އުޅޭ ޚަބަރަކީ ހަގީގަތެއް ނެތް ދޮގު ޚަބަރެއް" ރެއާލް މެޑްރިޑުގެ މަސްލަހަތު އޮންނަ މާކާ ނޫހަށް ދިން ބަސްދީ ގަތުމެއްގައި ފޭޒާ ބުނެފައިވެއެވެ.

ސްޕެއިނުގެ މަޝްހޫރު ރެއާލް މެޑްރިޑުން ބޮޑު އަގުގައި ވިޔަސް ކުރިއަށް އޮތް ޓްރާންސްފާ މާކެޓުގައި ގެންދަން އެންމެ ބޮޑަށް މަސައްކަތްކުރާ ކުޅުންތެރިޔަކީ އެމްބައްޕޭ،23،އެވެ.

ޕީއެސްޖީގެ ކޮންޓްރެކްޓް އާކުރިކަމަށް ޕީއެސްޖީގެ މަސްލަހަތު އޮންނަ ޕެރިހަށް ނިސްބަތްވާ ނޫސްތަކުން ޚަބަރު ފަތުރާފައި ވަނީ، އެކްލަބުން އަހަރަކު 50 މިލިޔަން ޔޫރޯގެ އާމްދަނީއެއް އެމްބައްޕޭއަށް ލިބޭނެ ކޮންޓްރެކްޓެއް މިދިޔަ ހަފްތާގައި އޭނާއަށް ހުށަހަޅާފައި ވަނިކޮށެވެ. އަދި މިއެއްބަސްވުމުގައި އެމްބައްޕޭ ސޮއި ކޮށްފިނަމަ ކްލަބަށް ވަފާތެރިވި ކަމުގެ ބޯނަހެއްގެ ގޮތުން 100 މިލިޔަން ޔޫރޯ ދިނުމަށްވެސް ހުށަހަޅާފައިވެއެވެ. ޕީއެސްޖީގެ ކޮންޓްރެކްޓް އާކުރުމާ ގުޅޭ ގޮތުން އެމްބައްޕޭ އެންމެފަހުން ދީފައިވާ އިންޓަވިއުގައި ބުނެފައި ވަނީ އޭނާގެ ކެރިޔަރާއި ގުޅޭ ގޮތުން ގޮތެއް ނިންމާނީ މިސީޒަން ނިމުމުން ކަމަށެވެ.

އެމްބައްޕޭ، ޕީއެސްޖީއާއެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓް މިއަހަރުގެ ޖޫން މަހު ހަމަވާނެއެވެ. ވުމާއެކު ޖޫންމަހު ފެށޭ ހޫނު މޫސުމުގެ ޓްރާންސްފާގައި އޭނާ ކްލަބު ބަދަލު ކުރަން ބޭނުންވާނަމަ ހިލޭ ޓްރާންސްފާއެއްގެ ދަށުން ބަދަލު ވެވޭނެއެވެ. މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި އެމްބައްޕޭ ވަނީ ރެއާލްއަށް ބަދަލުވުމަށް މަސައްކަތް ކޮށްފައެވެ. އެކަމަކު އޭނާ ވިއްކުމަށް ޕީއެސްޖީއިން ކިޔަމުންދިޔަ އަގު ކުޑަ ނުކުރުމުން ރެއާލްއިން އެމްބައްޕޭ ގަތުމުގައި ފަސްޖެހުނީއެވެ.

އެކަމަކު ތަޖުރިބާކާރުންގެ ނަޒަރުގައި މިފަހަރު ރެއާލްއިން އެމްބައްޕޭ އެކްލަބަށް ގެނައުމުގައި ކާމިޔާބު ހޯދާނެއެވެ. މިފަދަ ބޮޑެތި ޓްރާންސްފާތަކުގައި ރެއާލްގެ ފަރާތުން ކުޅުންތެރިޔާ އާއި ކުޅުންތެރިޔާގެ އާއިލާއާ ސީދާ ބައްދަލުކޮށް މަޝްވަރާ ކުރުމަކީ ރެއާލްގެ ރައީސްކަން މިހާރު ކުރަމުން އަންނަ ފްލޮރެންޓީނޯ ޕެރޭޒް ބޭނުން ކުރާ ހާއްސަ އުކުޅެކެވެ. ޕެރޭޒް ވަނީ މީގެ ކުރިން އެމްބައްޕޭއަށް ވުރެ ހައިބަތު ބޮޑު ކުޅުންތެރިން ކަމުގައިވާ ބްރެޒިލްގެ ރޮނާލްޑޯ އާއި ޒައިނުއްދީން ޒިދާން، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޑޭވިޑް ބެކަމް އަދި ކަރީމް ބެންޒެމާ އާއި ކަކާ ރެއާލްއަށް ގެނައުމުގައި އޭނާގެ ތޫނުފިލިކަން ދައްކުވައި ދީފައެވެ.