އިނގިރޭސި ޕްރިމިއަރ ލީގުގެ ކްލަބު އާސެނަލްގައި އިތުރު ދެސީޒަނުގައި މަޑު ކުރުމަށް އެއްބަސްވެ، މިހާރުވެސް އެކްލަބަށް އިރުޝާދު ދެމުން އަންނަ ކޯޗް މައިކަލް އާޓެޓާ މިއަދު ކޮންޓްރެކްޓް އާކޮށްފިއެވެ.

ބާސެލޯނާގެ ޔޫތު އެކަޑަމީން ތަމްރީންވެ އެވަޓަން އާއި އާސެނަލްގައި ކެރިޔަރުގެ ބޮޑު ބައި ހޭދަކުރި އާޓެޓާ އާސެނަލްގެ ކޯޗްކަމުގެ މަގާމާއި ރަސްމީކޮށް ހަވާލުވީ 20 ޑިސެމްބަރު 2019 ގައެވެ. އާސެނަލްއާއެކު އާޓެޓާ ހެދި އާއެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުއެވެ.

ކޮންޓްރެކްޓް އާކުރުމަށްފަހު އާޓެޓާ ބުނީ މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. "އަހަރެން މިހުރީ އުފަލުން، ވަރަށް ބޮޑަށް އުފަލުން، ވަރަށް ވަރަށް ބޮޑަށް އުފާވެއްޖެ މިއަދު" މިހާތަަނަށް އާސެނަލްއަށް ދެތަށި ކާމިޔާބު ކޮށްދީފައިވާ ކޯޗް އާޓެޓާ ވަރަށް ބޮޑަށް ޖަޒްބާތުގައި ހުރެ ބުންޏެވެ.

އާޓެޓާގެ އިރުޝާދުގެ ދަށުން މިސީޒަނުގައި އާސެނަލްއިން ދަނީ ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެ ކުރިއަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް ވަރަށް ބޮޑަށް ވާދަ ކުރަމުންނެވެ. ލީގުގައި ބާކީ ހަތަރު މެޗް އާސެނަލްއަށް އޮތްއިރު 63 ޕޮއިންޓާއެކު އެކްލަބު އޮތީ 4 ވަނައިގައެވެ.

އާޓެޓާގެ ކޮންޓްރެކްޓުގެ އިތުރުން އާސެނަލްއިން ވަނީ އެކްލަބުގެ އަންހެން ޓީމުގެ ހެޑް ކޯޗް ސްވިޑްންގެ ޖޯނަސް އީޑެވަލްގެ ކޮންޓްރެޓްވެސް މިއަދު އާކޮށްފައެވެ.