މިސީޒަން ނިމުމާއެކު ޗެލްސީ ދޫކޮށް ބާސެލޯނާއަށް ބަދަލުވާން ވާތު ބެކް މާކޮސް އަލޮންސޯ ބޭނުންވާކަމަށް އިނގިރޭސި މީޑިޔާ ބައެއް ރިޕޯޓުތައް ބުނެފިއެވެ.

ކްލަބް ވިއްކާލުމުގެ މަރުހަލާގައި އޮތް ޗެލްސީ ދޫކޮށްލަން އަލޮންސޯ ނިންމާފައި ވަނީ ބާސެލޯނާގެ ކޯޗް ޒަވީ ހެނާންޑޭޒް އޭނާއަށް ޝައުގުވެރިވާކަން ފާޅުކުރުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ޑިފެންސް ކުރަމުން އެޓޭކްތަކުގައި ވަރަށް ބޮޑަށް ބައިވެރިވާ އަލޮންސޯއަކީ ބާސެލޯނާގެ ޑިފެންސްލައިން އޯވަހޯލް ކުރުމަށް ޒަވީ ފަށާފައިވާ މަސައްކަތުގެ ތެރެއިން އެންމެ ބޮޑަށް ބޭނުންވާ އެއްކުޅުންތެރިޔާކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު އަދި ރަސްމީކޮށް ބާސެލޯނާއިން އަލޮންސޯ،31، ގަތުމަށް ޗެލްސީއަށް ހުށަހަޅާފައެއް ނުވެއެވެ.

ބާސެލޯނާއިން ވަނީ ޗެލްސީގެ ކެޕްޓަން އަދި ތަޖުރިބާކާރު ޑިފެންޑަރު ސެސަ އަޒްބިލިކުއެޓާ ގަތުމަށްވެސް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަލޮންސޯ އާއި އަޒްބިލިކިއުޓާއަކީ ސްޕެއިން ގައުމީ ޓީމުގައިވެސް މުހިއްމު ދެކުޅުންތެރިންނަށް ވެފައި، ސްޕެއިން ގައުމީ ޓީމުގެ ކޯޗާއި ޒަވީއާ ދެމެދު އޮތް ރަހްމަތެރިކަމުގެ ސަބަބުންނާއި މިއަހަރުގެ ނޮވެމްބަރު މަހު ގަތަރުގައި އޮންނަ ވޯލްޑް ކަޕުގެ ސަބަބުން އަލޮންސޯ އާއި އަޒްބިލިކުއެޓާގެ ޓްރާންސްފާ ކަންކަން ބާސެލޯނާ ކޮޅަށް އަނބުރާލުމުގައި އެކްލަބަށް ފަސޭހަތަކެއް ހުރިކަމަށް ތަޖުރިބާކާރުން ދެކެއެވެ.