އޭގެ ހަފްތާއެއް ފަހެވެ. ޝާފީ އޭނާގެ ނިއުސް ރޫމްގައި ރޭގެ އިވެންޓުން ނަގައިގެން ގެނައި ފޮޓޯތައް ޚަބަރަށް ފޮނުވުމަށްޓަކައި އަވަދިނެތި އުޅެއެވެ. ކުއްލިއަކަށް ފޯނަށް އައި މެސެޖުގެ އެލާޓުން އޭނާ އެ މެސެޖު ހުޅުވާލިއެވެ. އޭނާގެ މުޅި މޫނު ދިއްލުނު ކަހަލައެވެ. ޒީނާގެ މެސެޖެކެވެ. ނޫނެކެވެ. މެސެޖެއް ނޫނެވެ. ޒީނާގެ 20ވަނަ އުފަން ދުވަހުގެ ޚާއްޞަ ކާޑެވެ. މިއަދަކީ ޖުލައި 14 ކަމެއް ޝާފީ އެއްގޮތަކަށް ވެސް ހަނދާނެއް ނެތެވެ. ކުރަންހުރި މަސައްކަތް ނިންމާލުމަށްފަހު އޭނާގެ މިޞްރާބު ބެހެއްޓީ ގިފްޓް ޝޮޕަކާ ދިމާއަށެވެ. ދެން އޭގެ ފަހުގައި މާ ވިއްކާ ފިހާރައަކަށް ގޮސް ވަރަށް ރީތި މައު ބޮނޑިއެއް ތައްޔާރުކޮށްލިއެވެ. މުޅިން ވެސް ރަތް ފިނިފެންމާ ހިމެނޭ ގޮތުންނެވެ. އޭގެފަހުން އޭނާ ގޮސް ވަނީ ހެދުން ވިއްކާ ފިހާރައަކަށެވެ. ވަރަށް ރީތި ޓީޝާޓަކާއި ޖިންސެއް ގަނެލުމަށްފަހު ގެއާ ހަމައަށް ފޯރިއިރު ފަސްގަޑި ތިރީސްވެ ބޮޑު ވަނީއެވެ. ކުޑަކޮށް އަރާމުކޮށްލުމަށް ޖައްސާލުމަށްފަހު ޒީންގެ ޕާޓީއަށް ދިއުމަށްޓަކައި އޭނާ ތައްޔާރުވެލިއެވެ. އޭނާގެ ރޮންދާ ބުޅި އިސްތަށިގަނޑު ތަފާތު ގޮތަކަށް ސްޓައިލްކޮށްލިއެވެ. "އަރާމިސް" ސެންޓްފުޅި ގައިގެ އެކި ދިމަދިމާއަށް ބުރުވާލީ އެގޮތް މިގޮތަކަށް ބަލައިގެނެއް ނޫނެވެ. ތައްޔާރުކޮށްފައިވާ މާ ބޮނޑިއަށް ވެސް އޭގެ ވަސް ބުރުވާލިއެވެ. މުޅި ކޮޓަރިތެރެ އެ މީރުވަހުން ވަސް ހިއްޕާލިއެވެ. ލިބިފައިވާ ހިތްހަމަޖެހުމާއެކު ސައިކަލަށް އަރާ މާލެ ދިއުމަށް އޭނާ ދުއްވާލިއެވެ. ހުކުރު ވިލޭރެއެއްކަމުން މަގުމަތީގެ ކާރޫބާރޫގަނޑު އޮތީ ނުލާހިކު ބޮޑުކޮށެވެ.
ހ.ރޯޒް ގާޑްންގެ ޓެރަސް ހީވަނީ އައު ކައިވެންޏަކަށް ތައްޔާރުވެފައި އޮތް ހެންނެވެ. މިރެއަށް އިރު އޮއްސުނީއްސުރެ ތަފާތު ކުލަކުލައިގެ ނިވި ދިއްލޭ ބޮކިތަކުން މުޅި ތަން ހީވަނީ ވިރި ކެކޭ ކަންވާރެއް ހެންނެވެ. އެ ބޮޑު ޓެރަސް މަތީގައި ތަފާތު ގޮތްގޮތަށް މޭޒުތަކާއި ގޮނޑިތައް ތަރުތީބު ކުރެވިފައިވަނީ ވަކި ގޮތަކަށެވެ. ތަފާތު ވައްތަރުގެ މާމެލާމެލީގެ ޒީނަތްތެރި ކުރުންތަކުން މުޅި ތަނަށް ގެނެސްދީފައިވަނީ ބަލައިލާ ކޮންމެ މީހަކު އާޝޯޚް ކުރުވަނިވި މަންޒަރެކެވެ. އުފަން ދުވަހުގެ ނަން ޖެހި ފަސްމަންޒަރު ދޮރޯށި ވެސް ތައްޔާރުކޮށްލާފައިވަނީ ވަރަށް ފުރިހަމަ ގޮތެއްގައެވެ. ރަނާއި ރިހީގެ އަކުރުތަކަކުންނެވެ.
ގަޑިން 8.00 ޖެހުމާއެކު ކުލަކުލައިގެ ޕާރުސަލްތަކާއެކު މީހުންތައް މިގޭ ޓެރަސް މައްޗަށް ޖަމާވަމުންދިޔައެވެ. ޒާހިދާއި ވަދީފާގެ ވަރަށް ގިނަ އެކުވެރި ރަޙުމަތްތެރިންނަށް ދަޢުވަތު ދެވިފައިވާއިރު ޒީނާ އޭނާގެ ސުކޫލު ދައުރުގެ ރަޙުމަތްތެރިންނަށް ވެސް ވަނީ ދަޢުވަތު އެރުވިފައެވެ. މީގެއިތުރުން ޒާހިދުގެ ހުރިހާ ކޮމްޕެނީއެއްގެ މުވައްޒަފުންނަށް ވެސްވަނީ ދަޢުވަތު ފޮނުވިފައެވެ.
ޙަފްލާގެ ޙާޟިރީންނާ ސަލާމްގަލާމް ކުރަން އެންމެ ކައިރީގައި ދޮރޯށި ދޮށުގައި މަޑުކޮށްލައިގެން ތިބީ ޒާހިދާއި ވަދީފާ އެވެ. ދެން މިރޭގެ ޝަރަފުވެރިޔާ އެ މީހުންގެ އެންމެ ލޯބިވާ ޒީނާއެވެ. މީހުންތައް ވަދެ ހަމަޖެހިލުމުން ވަކިވަކި މީހުންނާ ވާހަކަ ދައްކާލުމަށް އެދެމަފިރިން ޕާޓީގެ ތެރެއަށް ޖެހިލިއެވެ. ކޮންމެ މީހެއްގެ ވެސް މޫނު މަތީގައިވަނީ އުފާވެރި ހިނިތުންވުމެކެވެ. އަދި ޕާޓީއަށް ދަޢުވަތު ދިނީތީ އެދެމަފިރިންނަށް ޝުކުރު އަދާކުރެއެވެ.
ގަޑިން 8:30 ވީއިރު ވެސް ޒީނާ ދޮރޯށީގެ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އިރުއިރުކޮޅާ އަތުކުރީގައިވާ ގަޑިއަށް ބަލާލާގޮތުން ކޮންމެ ވެސް ޚާއްޞަ މީހަކަށް އިންތިޒާރު ކުރާހެން ހީވެއެވެ. ތިޔަ ހީވީ މުޅިން ރަނގަޅަށެވެ. ޒީނާ އިންތިޒާރު ކުރަމުން އެދަނީ އޭނާގެ ހިތުގެ ރަސްގެފާނަށެވެ. އޭނާގެ ހުރިހައި އުފަލެއް އެ މީހަކާ އެކުވެފައިވާ ލޯބިވާ ޝާފީއަށެވެ.
މަގުމަތީގެ ކާރޫބާރޫ ބޮޑުކަމުން ޝާފީއަށް ޙަފްލާއަށް އާދެވުނީ ގަޑި ޖެހިގެނެވެ. އެކަމާ ހިތް ނުތަނަވަސްވެފައި ޒީނާ ހުރިކަން ޝާފީއަށް އެނގުނެވެ. އެހެންނަމަވެސް ޝާފީ ދިން ހަދިޔާއާއި މާބޮޑިއާއެކު އޭނާއަށް ޝާފީގެ އަތުގައި ހިފަހައްޓާލައިގެން ހުރެވުނީ ކިހާއިރަކު ވަންދެން ކަމެއްވެސް ނޭނގުނެވެ. ހޭވެރިކަންވީ އިތުރު ރައްޓެއްސަކު އައިސް ސަލާންކޮށްލަން ހުންނަތާ އިރުކޮޅެއްގެ ފަހުންނެވެ. އެވަގުތު އެތަނަށް ޒާހިދު އައުމުން ޒީނާ އޭނާގެ ބައްޕައަށް ޝާފީ ތަޢާރަފުކޮށްދިނެއެވެ. ޒާހިދު ޝާފީއާ ސަލާމްކޮށްލީ ވަރަށް ޖެހިލުންކަމާއެކު ހިނިތުންވަމުންނެވެ.
ޒާހިދު ޝާފީ ގޮވައިގެންގޮސް މަޑުކޮށްލީ އެހެން މީހުންނާ މުޅިން އެކަހެރި ތަނެއްގައެވެ. ބައްޕައަށް ޝާފީއާ ވާހަކަ ދައްކާލުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ޒީނާ އެތަނަށް ނުގޮސް އިހަށް މަޑުކޮށްލިއެވެ. ޝާފީ އިނީ ޒާހިދު ދައްކާނެ ވާހަކައާ މެދު ކުޑަކޮށް ހިތް ބިރުގެންފައިވާ ޙާލެއްގައެވެ.
"ޝާފީ ގެ ވާހަކަ ޒީނާ އޮތީ އަޅުގަނޑަށް ކިޔައިދެއްވާފަ. އަޅުގަނޑުގެ ދަރިފުޅު ފުރާނަ ސަލާމަތް ކޮށްދެއްވީތީ ކޮޅުން ނެތް ކޮޅަށް ޝާފީއަށް ޝުކުރު ދަންނަވަން." ޒާހިދުގެ ވާހަކަ ފެށިގެން އައިގޮތް އިވުމުން ޝާފީއަށް ހަމަ ޖެހުމެއް ލިބުނެވެ.
"އެއީ އެވަގުތު އިންސާނެއްގެ ޙައިޝިއްޔަތުން އަޅުގަނޑަށް ކުރުން ވާޖިބު ކަމެއް. އެވަގުތު އެކަން އަޅުގަނޑު ކުރީ އިންސާނީ ވާޖިބެއްގެ ގޮތުގާ. ތިޔައީ ޝުކުރު ދަންނަވަން ޖެހިލައްވާވަރުގެ ކަމެއް ކަމަކަށް ނުދެކެން." ޝާފީ ފުން ނޭވާއެއް ވައިގެ ތެރެއަށް ދޫކޮށްލިއެވެ. އެއާއެކު ހިމޭންވިއެވެ.
"އަޅުގަނޑުގެ ފަރާތުން ޝާފީ އެދިލައްވާ ކޮންމެ ކަމަކަށް ވެސް އަޅުގަނޑު މަރުޙަބާ ކިޔާނަން. ތިފަދަ ޒުވާނަކާ ބައްދަލުވީތީ އުފާކުރަން." ޝާފީގެ އިޙުޝާންތެރިކަން ޒާހިދު އޭނާގެ ކުރިމައްޗަށް ދޫކޮށްލިއެވެ.
"ތި ފުރުޞަތު އަޅުގަނޑަށް ދެއްވީތީ ޝުކުރު ދަންނަވަން. އަޅުގަނޑު ވެސް ޒީނާގެ ބައްޕަގެ އަރިހުން އެދޭ އެދުމެއް އެބަ އޮތް. އެއީ....." ޝާފީ ބުނަން އުޅުނު އެއްޗެއް މަޑު ޖައްސާލިއެވެ.
"ބުނުއްވާ! ލަސް ކުރުމުގެ ބޭނުމެއް ނެތް. " ޒާހިދު ބަލައިލީ މިފަހަރު ޝާފީގެ މޫނަށެވެ.
"ޤަބޫލު ކަމުގައި ވަނީނަމަ ޒީނާއާ އަޅުގަނޑު ކައިވެނި ކުރަން ޤަޞްދުކުރަން....." ޝާފީއަށް އެ ވާހަކަ ބުނެވުނީ ޖެހިލުންވެ އިނދެ އިސްޖަހާލައިގެންނެވެ.
"ޒީނާގެ ކައިވެންޏަށް ކަލޭ!......ތިއީ ކޮންއިރަކު ނިންމި ނިންމުމެއް؟" ޝާފީއަށް ޒާހިދު މަލާމާތުގެ ރާގެއްގައި ބުންޏެވެ.
"މިއީ އަޅުގަނޑާއި ޒީނާގެ ނިންމުމެއް. އަޅުގަނޑުމެން އެކަކު އަނެކަކު ދެކެ ލޯބިވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ." ޝާފީއަކަށް މާ ގިނަ ވާހަކައެއް ނުދެއްކުނެވެ. އެއާއެކު ޒާހިދުގެ އަނެއް ސުވާލު އޭނާއާ ކުރިމަތި ކުރިއެވެ.
"ތި މަންޒަރު ފެނިފަ އޮތީ. އެންމެ ފުރަތަމަ އަހަރެން މި ކުރާ ސުވާލުތަކަށް ޖަވާބުދީ. ޝާފީ ކޮން މަސައްކަތެއް ކުރަނީ؟"
"އަޅުގަނޑަކީ ނޫސްވެރިއެއް."
"ކިހާވަރެއް މުސާރަ؟"
"ދިހަ ހާސް ރުފިޔާ.."
" އެންމެ ދިހަ ހާސް........އަޅުގަނޑުގެ ދަރިފުޅާއެކު ދިރިއުޅެން އެޕާޓްމެންޓެއްގެ މަހު ކުއްޔަށް ދެއްކޭ ވަރަށް ވުރެ ވެސް ކުޑަ ޢަދަދެއް ތީ. ކުލީގެ އަގު ވެސް ހަމަނުވޭ." ޒާހިދު އެކި ގޮތްގޮތުން ދިޔައީ އޭނާއަށް ކުރެވުނު މަލާމާތެއް ޝާފީއަށް ރައްދު ކުރަމުންނެވެ.
"އެނގޭތަ! ޒީންގެ ކައިވެނި ވަނީ މާލޭގެ މުއްސަނދި ޤަދަރުވެރި ޢާއިލާގެ ކުއްޖަކާ ކުރުމަށް އަހަރެމެން ނިންމާފަ. ފިޒާން މިވަގުތު ހުރީ ލަންޑަންގަ. އޭނާ އައިހާ އަވަހަކަށް އެކަން ނިމިގެންދާނެ. މުއްސަނދީންނާ ގުޅޭނީ މުއްސަނދިންނާ. ބިމުގެ ވެލި ފުކަކަށް އުޑުގެ ތަރިއެއް ޙާޞިލެއް ނުކުރެވޭނެ." ޒާހިދުގެ މަލާމާތަށް ޝާފީއަކަށް ކެތެއް ނުކުރެވުނެވެ.
"އާނ! މި ކަހަލަ ބޮޑެތި ގަނޑުވަރުތަކެއް އަހަރެމެންނަކަށް ލިބިގެނެއް ނުވޭ. އެކަމަކު ލޯތްބަކީ އަހަރެމެންނަށް ވެސް އޮތް އެއްޗެއް. އެއީ ހަމައެކަނި މުއްސަނދި މަހުޖަނުންގެ މިލްކެއްނޫން. އަހަރެމެން ފަޤީރުންގެ ވެސް ހިތެއް އޮވޭ. އަދި އޭގައި ވެސް ވިންދު ޖަހާ." އައިސްފައިވާ ރުޅިން ޝާފީއަށް ގޮށް މުއްކަވާ ލެވުނެވެ.
"ހުއްޓާލާ! ކަލޭ އަހަރެންގެ ކުރިމައްޗަށް ތިޔަ އައީ ތި ބޭނުމުގެ ކަމުގައިވާނަމަ އެހެރީ ވަން ދޮރު. އަވަހަށް ނިކުމެގެންދޭ. އަހަރެންގެ އެއްވެސް ރުހުމެއް ކަލޭއަކަށް ނެތް."
"އާނ! މިދަނީ! އެކަމަކު ހަނދާން ކުރާތި. ލޯބިން ގުޅޭ ދެހިތެއް ސަފުން ބާކީ ކޮށްލުމުގެ ބާރެއް ކަލޭފަދަ މަހުޖަނުންނަކަށް ވެސް ލިބިގެނެއް ނުވޭ. އަހަރެންގެ ޒުވާން މި މުލައްދަނޑީގައި ބާރު އެބަހުރި. ކޮންމެ ތާކަށް ގޮސްގެން ވެސް އަހަރެން ޒީނާ ޙާޞިލް ކުރާނަން." ޝާފީއަށް އަދަބު ކުޑަކޮށް ވާހަކަ ދެއްކުން ކަމެއްވެސް އައިސްފައިވާ ރުޅީގައި ނޭނގުނެވެ. އޭނާ މިތަނުގައި އެންމެ ހިނދުކޮޅަކަށް ވެސް ދެން އިންނާކަށް ބޭނުމެއް ނޫނެވެ. ޒީނާގެ ބައްޕަ އޭނާ މިފަދަ ގޮތަކަށް ލަދުގަންނުވާލާފާނެ ކަމަކަށް ހިތަށް ވެސް ނާރައެވެ.
ޝާފީ މަޑުމަޑުން އިސްޖަހާލައިގެން ހުރެ ޕާޓީން ނިކުތުމަށްޓަކައި ހިނގައިގަތެވެ. އޭނާ ނިކުމެގެންދާތަން ފެނުމުން ޒީނާ އޭނާގެ ފަހަތުން ގޮސް ޝާފީގެ އަތުގައި ހިފެހެއްޓިއެވެ. ޝާފީ އެނބުރި ބަލައިލިއެވެ. އެ ބަލައިލުމުގައި އެއްވެސް އަސަރެއް ނެތެވެ. ޒީނާއަށް ޝާފީގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމާއި ހިތާމައެވެ. ކޮންމެވެސް ކަންތައްގަނޑެއް ހިނގައިފިކަން ޒީނާއަށް ޔަޤީން ކުރެވުނެވެ.
"ޝާފީ! ކިހިނެއްވީ ތި ދަނީ. މަޑުކޮށްބަލަ." ޝާފީ ފެންކަޅިވެފައި ހުރެ ބަލައިލީ ޒީނާއަށެވެ.
"މީ އަހަރެމެން ކަހަލަ މީހުން ހުރުން އެކަށީގެންވާ ތަނެއް ނޫން.......އެހެންވެ....." ޝާފީގެ ޖުމްލަ ނުނިމެނީސް މިތަނަށް ޒާހިދު އައިސް ހުއްޓުނެވެ.
"ޒީން އޭނާ ދިޔަދީ. " ޒާހިދުގެ އަޑު ޖެހުމުން ޒީނާ ސިހުނެވެ.
"ނޫން ބައްޕާ! ތިހެން ނުހައްދަވާ. އެންމެންގެ ކުރިމަތީގައި އަޅުގަނޑު ފަޟީލަތް ނުކުރައްވާ. އަޅުގަނޑުމެން އެކަކު އަނެކަކު ދެކެ ނުލާހިކު ލޯބިވަން." ޒީނާ ޒާހިދުގެ ކިބައިން އާދޭސް ކުރަމުން ދިޔައެވެ.
" ލޯތްބޭ.....؟ ތިއަކީ ލޯތްބެއްނޫން. މިއޮއް ބޮޑު ދުނިޔޭން ދަރިފުޅަށް ތިނޫން މީހަކު ނުފެނުނީތީ ބައްޕަ ހަމަ ޙައިރާން ވެއްޖައިން." ޒާހިދުގެ އަޑުގައިވަނީ ހަރުކަށިކަމެވެ.
ޒީނާގެ އަތް ޝާފީގެ އަތަކުން ވީއްލައެއް ނުލިއެވެ. އެ ހުރިގޮތަށް ހިފަހައްޓާލައިގެން ހުރީއެވެ. ޝާފީ އިސްޖަހާލައިގެން ހުރީ ޒީނާއަށް ޒީނާގެ ލޯތްބަށް އިޙުތިރާމު ކުރުމުގެ ގޮތުންނެވެ. ޒީނާއަށް އިތުރު ހިތްދަތި ކަމެއް ނުދޭންވެގެންނެވެ.
"ޒީން...އަހަރެމެން އެކަކު އަނެކަކު ދެކެ ކިތަންމެ ލޯބިވިޔަސް އެކަން އިޙުސާސް ނުކުރެވޭ ބަޔަކަށް ވިސްނައިދެވޭނެ ގޮތެއް ނޯންނާނެ. ލޯތްބަކީ މުއްސަނދި ޤަދަރުވެރިންގެ އެއްޗެކޭ ހަމައެކަނި ހީކުރާ ބަޔަކަށް އިތުރަށް ބުނެދޭނެ ވާހަކަ އެއްވެސް ނޯންނާނެ. އަމިއްލަ ދަރީންގެ އުފަލަށް އިދިކޮޅު ހަދާ މައިންބަފައިންގެ ކުރިމަތީގައި ދަރީންނަށް ކުރެވޭނެ މާބޮޑު ކަމެއް ކަމެއް ވެސް ނޯންނާނެ. އެ މީހުން ނިންމާ ނިންމުމަކީ އެންމެ ފުރިހަމަ ނިންމުންކަމަށް ދުށުމަކީ އެއީ އިންސާނީ ޠަބީޢަތް. ދަރީންގެ ހިތް ހަލާކުވެގެން ދިޔަސް އެފަދަ ހިލަހިތުގެ ވެރިންނަކަށް އަސަރެއް ނުކުރާނެ."
"ހުއްޓާލާ! މަށަށް ލެކްޗަރ ދޭން ކަލޭތީ ކާކު؟...... ތި މޮޅު ވާހަކަތަކުން މި ރޭގެ މި ޙަފްލާ ޚަރާބު ނުކޮށްލާ ދިއުން މާ ރަނގަޅުވާނެ. ދެން އިތުރަށް ބޭޒާރު ނުވަނީސް ......." ޒީނާގެ އަޑުން ޒާހިދުގެ ވިހަ ދިލަ ޖުމްލަތައް މެދުކަނޑުވާލިއެވެ.
"ބައްޕާ!......ދެން ހުއްޓާލާ!.... މިހާރު ފުދިއްޖެ. ބައްޕަގެ ކުރިމަތީގައި މި ދަރިފުޅުގެ އަގެއް ނެތްކަން ޝާބިތުކޮށްދެވިއްޖެ. ލޯތްބަކީ ގަދަކަމުން ވެވޭ އެއްޗެއްނޫން... ލޯތްބަކީ އިންސާނުންގެ ހިތުގައި އުފެދޭ މާތް މަތިވެރި ގުޅުމެއް..... އެއީ އެ ލޯބިވާ ދެ މީހުންގެ ޙައްގެއް..... އަޅުގަނޑު ޝާފީ ދެކެ ލޯބިވަން. ވަރަށް ބޮޑަށް ލޯބިވަން..... އެހެން މީހަކު ދެކެ ލޯބި ނުވާވަރަށް ލޯބިވަން.... ތިހެން ނުހައްދަވާ......ހެޔޮ ނުވާނެ...." ޒީނާގެ އާދޭސްތަކަށް ޒާހިދުގެ ހިލަ ހިތަކަށް އެއްވެސް އަސަރެއް ނުކުރިއެވެ.
ޒާހިދު އެ ދެމެދަށް ވަދެ ޒީނާ ވަކިކޮށްލިއެވެ. ޝާފީ ޕާޓީން ނިކުމެގެންދާތަން ބަލަން ޒީނާ ފެންކަޅިވެފާ ބަލަން ހުއްޓެވެ. ލޮލުން ފައިބަމުންދާ ކަރުނައިގެ ފުސްކަމާއެކުގައެވެ. (ނުނިމޭ)