ދިވެހިރާއްޖެއާއި ޕާކިސްތާނުގެ މެދުގައި އަސްކަރީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދެވުނީ ޕާކިސްތާނުގައި ބޭއްވުނު 12 ވަނަ އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ސެމިނަރ (އައިޑިއާސް 2024) ގެ ހަވާސާގެ ތެރެއިންނެވެ.
ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި ޕާކިސްތާނު އަސްކަރިއްޔާގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް ސައީދު އާސިމް މުނިރް ދެމެދު ބޭއްވުނު މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި ސިފައިންގެ އެއްބާރުލުން އިތުރުކޮށް، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް ދިފާއީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ސެމިނަރގެ މަޤްޞަދަކީ ސަރަޙައްދީ ޤައުމުތަކުގެ މެދުގައި ސިފައިންގެ އެއްބާރުލުމާއި ގުޅުން އިތުރަށް ފުޅާކުރުމުގެ ފުރުޞަތުތައް ދެނެގަތުމެވެ. މި އަހަރުގެ މި ހަރަކާތުގައި 38 ޤައުމެއްގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވައެވެ.