ޔޫކްރެއިންގައި ރަޝިޔާއިން ހިންގަމުންދާ ހަނގުރާމަ ކުށްވެރިކުރުމަށް ޗައިނާއަށް އެމެރިކާއާއި ނޭޓޯއިން ފިއްތުންތައް ކުރިމަތި ކުރަމުން ދެއެވެ. ނަމަވެސް ޗައިނާއިން އަނެއްކޮޅުން ބުނަމުން ދަނީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށްވެސް އަސަރު ކުރާ ކަމަށެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޒާއޯ ލިޖިއާން މިހެން ވިދާޅުވީ، 2022 ވަނަ އަހަރު ދުނިޔޭގެ އިގުތިސާދީ ދުވެލި 3.6 ޕަސަންޓަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ދަށްކުރުމާ ގުޅިގެން އެކަމާ ބެހޭ ގޮތުން ކޮމެންޓް ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

"ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ސުލްހަ އެއް ނުހޯދޭނެކަން މިހާރުވެސް ވަނީ ސާބިތުކޮށްދީފަ. އޭގެ ސަބަބުން ހަމައެކަނި ދުނިޔޭގެ އިގުތިސާދު އިތުރަށް ގޯސްވަމުން ދަނީ" ޒާއޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ސިނާއަތާއި ސަޕްލައި ޗެއިންއަށް ދި،މާވެފައިވާ ތާށި ފިލުވައި ހަމައަކަށް އެޅުވުމަށާއި، ދުނިޔޭގެ އިގުތިސާދީ ރިކަވަރީއާއި އިގްތިސާދީ ތަރައްގީއަށް އެއްބާރުލުން ދިނުމަށް ހުރިހާ ފަރާތްތަކާއެކު މަސައްކަތް ކުރުމަށް ޗައިނާ އޮތީ ތައްޔާރަށް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ދުނިޔޭގެ އިގްތިސާދު ނާޒުކު މަރުހަލާއެއް ކަޑައްތު ކުރާއިރު، އެމެރިކާއާއި އެހެން ބައެއް ގައުމުތަކުން ދަނީ އެ ގައުމުތަކުގެ އަމިއްލަ މަސްލަހަތު އިސްކޮށް، އެކަހެރިގޮތެއްގައި ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަމުން ކަމަށެވެ.

އެމެރިކާއިން ބާރު އަޅަމުން ދަނީ ޗައިނާއިން ރަޝިޔާ ކުށްވެރި ކުރާށެވެ. ޗައިނާއިން ވަނީ ރައްކާތެރި ގޮތެއް ޚީޔާރު ކޮށްފައެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ހޭންސް ސްޓޮލްޓެންބަރގް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ޔޫކްރެއިންގައި ރަޝިޔާއިން ކުރާ ހަނގުރާމަ "ސާފު ބހުން ކުށްވެރިކުރުމަށް" ބެއިޖިންގއަށް ގޮވާލައްވާފައެވެ.