އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ބްރައިޓަން އަތުން 4-0 ގެ ލަދުވެތި ނަތިޖާއަކުން ވީބައްޔާއެކު، މަޝްހޫރު މެންޗެސްޓަރ ޔުނައިޓެޑުން މިސީޒަން ނިންމާލަން ޖެހޭނީ ފާއިތުވެދިޔަ 30 އަހަރު ތެރޭގައިވެސް އެކްލަބަށް ނުލިބޭހާ މަދު ޕޮއިންޓާއެކު ޔަގީން ވެއްޖެއެވެ.
މިދިޔަ ސީޒަނުގައި ޕްރިމިއަރ ލީގުގެ ދެވަނަ ހޯދައި، މިސީޒަނުގައި ލީގް ޗެމްޕިއަންކަމަށް ވާދަކުރުމަށް އެކްލަބުގެ ކުރީގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގެނެސް ކްލަބު ވަރުގަދަ ކުރި މެންޗެސްޓަރ ޔުނައިޓެޑަށް ލީގުގައި ބާކީ އެންމެ މެޗެއް އޮތްއިރު މިހާތަނަށް ލިބިފައި ވަނީ 58 ޕޮއިންޓެވެ. ލީގުގައި މެންޗެސްޓަރ ޔުނައިޓެޑަށް ބާކީ އޮތީ މިމަހުގެ 22 ވަނަ ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެން ޖެހޭ މެޗެވެ. ލީގުގައި ޔުނައިޓެޑް އޮތީ ކުރިއަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލި ހަވަނައިގައެވެ.
އަނެއްކޮޅުން މިރޭގެ ނަތީޖާއަކީ ޕްރިމިއަރ ލީގުގެ ތާރިހުގައި ބްރައިޓަނުން ކުޅުނު 356 މެޗުގެ ތެރެއިން ހޯދި އެންމެ ތަފާތު ބޮޑު ނަތީޖާއަށެވެ. މިރޭ އެޓީމުގެ ތަރިޔަކަށް ވެގެންދިޔައީ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިން އިކްއެޑޯރުގެ ޒުވާން ފޯވާޑް މޮއިސެސް ކައިސެޑޯ،20، އެވެ. މެންޗެސްޓަރ ޔުނައިޓެޑުން 2020 ވަނަ އަހަރު ކައިސެޑޯ ގަތުމަށް މަސައްކަތް ކުރިނަމަވެސް ޓްރާންސްފާގެ މަޝްވަރާތަކުގައި ހިނގި ބައެއް ކަންކަމާ ހުރެ މެންޗެސްޓަރ ޔުނައިޓެޑުން ޓްރާންސްފާ ކަންކަން ނިންމަން ބޭނުން ނުވީއެވެ. ބްރައިޓަންގެ ދެވަނަ ލަނޑު ދެވަނަ ހާފް ފަށައިގެން ހަތަރު ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބާސެލޯނާ ޔޫތު ޓީމުގެ ކުރީގެ ކުޅުންތެރިޔާ މާކް ކުކުރެއްލާއެވެ. ތިންވަނަ ލަނޑު 57 ވަނަ މިނެޓުގައި ޕަސްކަލް ކްރޮބް އަދި ހަތަރު ވަނަ ލަނޑު 60 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ލިންދްރޯ ޓްރޮއްސާޑެވެ.