ޒީނާއަކަށް މާގިނައިރަކު ކޮޅަކަށް ނުހުރެވުނެވެ. އޭނާއަށް ކޮށްފައިވާ އަސަރުން ކޮޅަށް ހުރުން ދަތިވެގެން ގޮނޑީގައި އިށީނެއެވެ. ޕާޓީއަށް ޙާޟިރުވެ ތިބި މީހުންނަށް ވެގެން އުޅޭ އެއްވެސް ކަމެއް ނޭނގޭ ކަހަލައެވެ. ޒީނާ އޭނާގެ ބައްޕައަށާއި މަންމައަށް އިޙުތިރާމު ކުރުމުގެ ގޮތުން ކޭކު ފެޅުމުގައި ބައިވެރިވިއެވެ. އޭނާގެ ދެލޮލުން ފައިބަމުންދާ ކަރުނަތައް ސިއްރު ކުރަމުންނެވެ.
ކޭކު ފެޅުމަށްފަހު އެންމެ ހިނދުކޮޅަކު ވެސް އޭނާ ޕާޓީގައި ހުންނަ ހިތެއް ނުވިއެވެ. ބައްޕައާއި މަންމައަށް ސިއްރުން ޓެރަހުން ފައިބައިގެންގޮސް މަޑުމަޑުން ލިފްޓަށް އެރިއެވެ. ލިފްޓް ގޮސް އޭނާގެ ފްލޯއަށް ހުއްޓުމުން ބާރަށް ދުވެފައި ގޮސް އެނދުމައްޗަށް ގުޅައަކަށް ވެއްޓިގަތެވެ. ކިތަންމެ ޖެހިލުންވެފައި ހުރެ ނަމަވެސް ޝާފީއަށް އޭނާ ގުޅިއެވެ. ޝާފީގެ ފޯން އޮތީ ނިވާލާފައެވެ. އޭނާ އިތުރަށް ކަންބޮޑުވިއެވެ. ޝާފީއަށް މި ދަންވަރުގައި ކަމެއް ވެދާނެތީއެވެ. ޒީނާ މުޅި ރޭ ހޭދަކުރީ އެ ޚިޔާލުގައި ނުނިދާ ރުއިމުގައެވެ.
ބައްޕައާއި މަންމަގެ ފަރާތުން ލިބުނު ހަރުކަށި އިންޒާރުތަކާ އެކުވެސް ޒީނާ ޝާފީއާ ވަކިވާކަށް ޤަޞްދެއް ނުކުރިއެވެ. ތަފާތު ގޮތްގޮތަށް އޭނާ ވިސްނަމުން ދިޔައީ ޝާފީއާ ކައިރިއަށް ދިއުމަށެވެ. އޭނާ ކޮންމެ ރެއަކު ފިހާރއަށް ދަނީކަމަށް ހަދާފައި ހުޅުމާލެއަށް ދެއެވެ. އަދި ސިއްރުން ޝާފީއާ ބައްދަލު ކުރެއެވެ. އެކި މައިދާންތަކުގައި އެ މީހުންގެ ލޯބި އާލާ ކުރަމުން ގެންދެއެވެ. ކައިވެންޏަށް ކުރިމަތިވެފައިވާ ޢާއިލީ ހުރަހަށް ދެމީހުން ތަފާތު ގޮތްގޮތަށް ވިސްނަމުން ގެންދިޔައެވެ. ލޯބި ދެމިހެއްޓުމަށް ޓަކައެވެ. އެންމެފަހުން ދެ މީހުންނަށް ނިންމުނީ ކޯޓަށް ގޮސްގެން ވިޔަސް ކައިވެނި ކުރުމަށެވެ.
ކައިވެނީގެ ޚަބަރު ޒާހިދަށް ލިބުމުން ކޯޓަށްގޮސް އެކަން ހުއްޓުވުމަށްޓަކައި އޭނާއަށް ކުރެވުނު ކަމެއް ކުރަން ޤަޞްދުކުރިއެވެ. ޤާޟީއަށް ރިޝްވަތުދީގެން އޭނަގެ މަކަރުވެރި ރޭވުމުގެ ދަށަށް ގެނެސްގެންނެވެ. ފެހުރިހި ޖެހި ނޫ މަރުކާގެ ފައިސާގެ ނޫޓް ބޮނޑިތައް ޤާޟީގެ ކުރިމައްޗަށް އޭނާ އޮއްސާލިއެވެ. އެހެންނަމަވެސް ޤާޟީ ޒާހިދަށް ވިސްނައިދެމުން ގެންދިޔައީ އިސްލާމީ ޝަރީޢަތުގައި އެކަން އެގޮތަކަށް ނުކޮށްދީ ނުހިފެއްޓޭނެ ކަމަށެވެ. ބާލިޣު ވެފައިވާ އަންހެން ދަރިއެއްގެ ކައިވެންޏަށް ހުރަހެއް ނޭޅޭނެ ކަމެވެ.
ޒާހިދު އޮއްސާލި ނޫޓުތައް ހީކުރި ގޮތާ ޚިލާފަށް ޤާޟީ އެއްފަރާތްކޮށްލިއެވެ. އަދި އޭނާއަކީ އެފަދަ ރިޝްވަތެއްގައި ހިފައިގެން ދެލޯބިވެރިއެއްގެ ކުރިމަގު ފުޑުފުޑުކޮށްލާނެ މީހެއް ނޫންކަން ވެސް ޝާބިތުކޮށްދިނެއެވެ. ވަލީ ނެތް ކައިވެންޏެއްގެ ގޮތުގައި މި ކައިވެނި ކޮށްދިނުމަށް ތައްޔާރަށް ހުރިކަމަށް ވެސް އެންމެ ފަހު ވަގުތު ބުނެދިނެއެވެ.
ޒާހިދުގެ ދެމަފިރިން ގޮތް ދޫނުކުރުމުގެ މަތީގައި ވަނިކޮށް މި ކައިވެނި ކޮށް ނިމިއްޖެއެވެ. ޒީނާ އޭނާ އުޅެ ބޮޑުވި ގެއާއި މައިންބަފައިން އަދި އެމީހުންގެ ފަރާތުން ލިބިފައިވާހާ އެއްޗެއް ދޫކޮށް ޝާފީއާ އެކު ދިރިއުޅުމަށް ޝާފީގެ އެކުޑަ އެޕާޓްމެންޓަށް ބަދަލުވީ އުފަލުންނެވެ. އުފާވެރި ލޯބިވެރި ދިރިއުޅުމެއް ޝާފީއާ އެކުގައި ހޭދަ ކުރުމަށެވެ.
ޝާފީއާއި ޒީނާގެ ކައިވެނި ކުރެވުނުތާ ހަފްތާއެއް ނުވަނީސް ޝާފީގެ އޮފީސް ދަތުރެއްގައި ރާއްޖެ ތެރެއަށް ދާން ޖެހިއްޖެއެވެ. މޯލްޑިވިއަން އައިޑޮލްގެ ޚާއްޞަ ފޮޓޮގްރާފަރެއްގެ ގޮތުގައެވެ. ޝާފީ ޤަޞްދުކުރީ އޭނާގެ މިދަތުރުގައި ޒީނާ ވެސް ގޮވައިގެން ދިއުމަށެވެ. އެއީ ޒީނާ އެކަނި މިދުވަސްކޮޅުގައި ހޭދަކުރުން ރަނގަޅެއް ނުވާނެތީއެވެ. ޒާހިދުގެ ފަރާތުން އިތުރު ނިންމުމެއް އަތުވެދާނެތީއެވެ.
މޯލްޑިވިއަން އައިޑޮލްގެ ޝޫޓިންތައް އދ.ދަނގެތީގައި ކުރިއަށް ދިޔައިރު ޝާފީއާއި ޒީނާ ވެސް އެ މީހުންގެ ހަނީމޫންގެ ދުވަސްތައް ހޭދަކުރަމުންދިޔައީ ކުރުމަށް އައި މަސައްކަތަށް ވެސް ބުރޫ ނާރާގޮތަށެވެ. ދަނގެތީގެ ގުދުރަތީ މާޙައުލު ވެގެން ދިޔައީ ވަރަށް ވެސް ހިތްގައިމު ތަނަކަށެވެ. ދޮން ވެލި ގޮނޑުދޮށްތަކާއި ނޫފަޅުތަކާއި ފެހި ދަނޑު ބިންތަކުން ފުރިފައިވާ މި ހިތްގައިމު މާޙައުލުގައި ދުވަސްތައް ހޭދަވެގެންދިޔަގޮތް ވެސް ނޭނގެއެވެ. މާލޭގެ ހަލަބޮލިކަން ދޫކޮށް މިތަނަށް އާދެވުމުން ދެމީހުންނަށް ވެސް ކުރެވެމުން ދިޔައީ މުޅިން ތަފާތު އިޙުސާސެކެވެ. އެއްވެސް ފިކުރެއް ޚިޔާލެއް ނެތި އައިޑޮލް ޓީމާއެކު ހޭދަކުރެވުނު ދުވަސްތައް ގުނިގެން ދިޔައީ ޙަޔާތުގެ ރަން ޞަފުޙާއެއްގެ ގޮތުގައެވެ. އެ ދުވަސްތައް ޑައިރީގައި ލިޔެ ރައްކާ ކުރަމުން ގެންދިޔައީ ދިރިއުޅުމުގެ މުޅިން އައު ބާބެއްގެ ގޮތުގައެވެ.
އައިޑޮލް ޓީމާއެކު ޝާފީގެ ދެމަފިރިން ދަނގެތީން އެނބުރި މާލެ އައިއިރު ޒާހިދުވަނީ އަނެއްކާވެސް އިތުރު ކަންތައްގަނޑެއް ހިންގުމަށް ރާވާ ނިންމާފައެވެ. އޭނާގެ ހައިބަތާ ޤަދަރު ވެއްޓުނަނުދީ ހިފެހެއްޓުމުގެ ބޭނުމުގައެވެ. ޝާފީ މަސައްކަތް ކުރާ ނޫސް އެޖެންސީގެ ބޮޑުމީހާ ފަހުމީގެ ބޮލަށް ވަރަށް ރީއްޗަށް އެރިފައެވެ.
"އަޅުގަނޑު ޝާފީ މިގެނައީ ޝާފީ ކުރަމުން ތިދާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ވާހަކަ ދައްކާލުމަށް. އަޅުގަނޑަށް ފާހަގަ ކުރެވެނީ ޝާފީ އެހެން މުވައްޒަފުންނާ ތަފާތުކަން. ޙަވާލު ކުރެވިފައިވާ ޒިންމާ ބަރާބަރަށް އަދާކުރާކަން. ތިޔަ ނިންމާލި ދަތުރުގެ މަސައްކަތް ވެސް ވަރަށް ފުރިހަމަކަމަށް ޓީމުންވަނީ ޚަބަރު ދީފަ. އެހެންކަމުން މި މަހުން ފެށިގެން ޝާފީގެ މަގާމު ވެސް މި ބަދަލުވީ. އަދި މުސާރައިގެ ކުރިއެރުމާއެކު ބޯނަސް ވެސް ލިބިގެންދާނެ." ފަހުމީގެ ވާހަކަތަކުން ޝާފީ އުފަލުން ފޮޅުނެވެ.
" ޝުކުރިއްޔާ! ބޮސް!. އަޅުގަނޑަށް ތިޔަ ދެއްވި ހިތްވަރާއި އަގުވަޒަން ކުރުން ދަމަހައްޓާނަން." ޝާފީ އޭނާގެ އުއްމީދު ބޮޑުމީހާގެ ކުރިމަތީގައި ފާޅުކުރިއެވެ.
"އަދި އެނގޭތަ އެޖެންސީގެ ފަރާތުން ޝާފީއަށް ވަރަށް ބޮޑު ސަޕްރައިޒެއް ވެސް އެބައޮތް." ޝާފީ އިނީ އެ ސަޕްރައިޒަކީ ކޮބައިކަން އަޑުއަހާލާ ހިތުންނެވެ.
"އެއީ ދެ ކޮޓަރީގެ ފްލެޓެއް ފުލް ފާރނިޝްއާއެކު." ބޮޑު މީހާ ފްލެޓްގެ ކުރެހުން ޝާފީއަށް ވަގުތުން ދައްކާލިއެވެ. ޝާފީއަށް އުފަލުން ގޮސް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. އެއީ އޭނާ އަބަދުވެސް އުއްމީދު ކުރާ ދުވަހެކެވެ. މިހާރު ދިރިއުޅޭ ކުޑަ އެޕާޓްމެންޓުން އެފަދަ ތަނަވަސް ތަނެއްގައި ދިރިއުޅުމެވެ. ޝާފީ އެންމެ ފުރަތަމަ ވެސް މި އުފާވެރި ޚަބަރު ދިނީ ޒީނާއަށެވެ. ޒީނާ ވެސް ހުރީ ވަރަށް އުފަލުންނެވެ. މަގާމުގެ ކުރިއެރުމާއި އެފަދަ ތަނަވަސް ފްލެޓެއް ދިރިއުޅެން ލިބުނީތީއެވެ.
އޭގެ ދެތިން ދުވަސް ފަހެވެ. ނުރަސްމީ ގަޑީގައި ނިންމާލުމަށްހުރި ބައެއް ކަންތައްތައް ކޮށްލުމަށްޓަކައި ޝާފީ އިރާކޮޅު އެޖެންސީއަށް ގޮސް ވަނީ ހިތްހަމަޖެހިފައިވާ ހިތަކާއެކުގައެވެ. އޭނާގެ ކެބިންގައި އިންދާ އިވުނީ ފަހުމީ ކޮންމެވެސް މީހަކާ ދައްކަމުންދާ ވާހަކަތަކެއްގެ އަޑެވެ. އޭނާއަށް މި ގަޑީގައި އިތުރު މީހަކު އޮފީސް ތެރޭގައި އިން ކަމެއް ނޭނގޭ ކަހަލައެވެ. ޝާފީ ވަރަށް ފަރުވާތެރިކަމާއެކު ދައްކަމުންދާ ވާހަކައަށް ސަމާލުކަންދީގެން އިނެވެ. ވަކިވަކިން ކޮށިގަނޑުތަކެއްގެ ގޮތުގައި އޮފީސް ބައިކޮށްފައި ހުއްޓަސް އެކަކު ދައްކާ ވާހަކަ އަނެކަކަށް ސާފުކޮށް އިވޭނެއެވެ. ކުއްލިއަކަށް ފަހުމީ ދައްކަމުންދިޔަ ވާހަކައަކުން އޭނާގެ ކަންފަތް ކޮޅަށް ޖެހުނެވެ.
".....ނޫން! ހުރިހައި ކަމެއް ވެސް ދިޔައީ ރަނގަޅަށް. މިހާރު އޭނާ އެހުރީ އެގޮތް ޤަބޫލު ކޮށްގެން. އޭނާއާ ހުރިހައި ވާހަކަ އެއްވެސް ދައްކައިފިން. ވަރަށް އުފަލުން ހުރީ.... ދެން އޭނާއަށް މިކަން އެނގިއްޖެއްޔާ ވާނެ ގޮތެއް ނޭނގެ."
އެވަގުތު ފަހުމީ އެ ދައްކަނީ ކާކުގެ ކޮން ވާހަކައެއްބާވައޭ ޝާފީ ހިތަށް އެރިއެވެ. ކުއްލިއަކަށް ސިހިގެން ދިޔައީ ހިނިގަނޑެއް ޖަހާލަމުން ފަހުމީ ދައްކަމުންދިޔަ ވާހަކަތަކެވެ.
"ރަށްފުށު ސޮރަކަށް ތިވަރުގެ ބޮޑު ނިޢުމަތެއް ލިބުމުން ދެން ވާނީ ކިހިނެއް؟. އެގްޒެކްޓިވް ޑައިރެކްޓަރަކަށް ވެދާނެ ކަމަށް އެސޮރު ޤަބޫލު ވެސް ނުކުރާނެ. އެހާ ބޮޑު މުސާރައަކާއި އަގު ބޮޑު ފުލެޓެއް ލިބިދާނެ ކަމަށް ހުވަފެނުން ވެސް ނުދެކޭނެ ކަން ނޭނގެ. ހީވަނީ ޒާހިދުގެ ތި މޮޅު ރޭވުން ވަރަށް ކާމިޔާބުހެން. އެ ސޮރަށް މިކަމުގެ ހުދުކަޅުވެސް އަޅުގަނޑުގެ ފަރާތަކުން ހަމަގައިމުވެސް ނޭނގޭނެ. އެކަމަކު އަޅުގަނޑު މިކޮށްދިން ކަންތަކުގެ ބަދަލު އަޅުގަނޑަށް ވެސް ލިބެން ޖެހޭނެ. އެހެންނޫންނަމަ ޒާހިދަކަށް އަޅުގަނޑު އާނ ބަހެއް ނުބުނީމުސް......."
ޝާފީއަކަށް އޭނާގެ ކެބިންގައި އިނދެވުނީއެއް ނޫނެވެ. ފަހުމީއަކީ ރިޝްވަތު ނަގާ މީހެއް ކަން އޭނާއަށް އެނގޭނީވެސް ކިހިނެއް ހެއްޔެވެ؟ ބަފާކަލޭގެ މަކަރުވެރި ރޭވުމުގެ ދަށުގައި އޭނާ އެ ކުޅުނީ ކޮންފަދަ ނުބައި ކުޅި ގަނޑެއް ހެއްޔެވެ؟ އޭނާ ކިތަންމެ ނިކަމެއްޗަސް އެ މީހުންގެ ފައިބުޑަކަށް ނުވެއްޓޭނެއެވެ. ނުޙައްގުން ލިބޭ އެއްވެސް ކުރިއެރުމަކީ އޭނާއަށް ޤަބޫލު ކުރެވޭނެ އެއްޗެއް ނޫނެވެ. އޭނާ ކެބިން ތެރޭގައި އިންކަން ފަހުމީއަށް އެނގުމުގެ ކުރިން މަޑުމަޑުން އޮފީސް ތެރެއިން ނިކުތެވެ. އޭނާގެ ހިނގުމުގައި ވަނީ އާދަޔާޚިލާފު އަވަސްކަމެކެވެ. ބާރުބާރަށް ގޮސް ސައިކަލަށް އަރާ އޭނާ ގެއާ ދިމާއަށް ނައްޓާލިއެވެ. ސައިކަލުގައި އިން އިރު ވެސް އޭނާ ތުރުތުރު އަޅައެވެ. އައިސްފައިވާ ރުޅީގައި މީހާ އިނީ ހަމައިން ނައްޓާލާފައެވެ. ބަންލާފައި ދޮރުފަތް ޖެހުމަށްފަހު އޭނާ ވަނީ ގޭތެރެއަށެވެ. އޭރު ރޭގަނޑުގެ ކެއުން ތައްޔާރު ކުރުމުގައި ޒީނާ އަވަދި ނެތި އުޅެއެވެ. ޝާފީ ހުރި މޫޑް ފެނިފައި ޒީނާ ޝާފީއަށް ގޮވާލިއެވެ. ޝާފީއަކަށް މާ ބޮޑު ސަމާލުކަމެއް ޒީނާއަކަށް ނުދެވުނެވެ. އޭނާގެ އަތުގެ އިނގިލިތައް ވަނީ ގޮށް މުއް ކެވިފައެވެ. މުޅި މީހާގެ ގައިން ވަނީ ދާހިއްލާލާފައެވެ. އޭނާއަށް ހަޅޭއްލަވައިގަނެވުނު ކަހަލަ ގޮތަކަށް ބުނެވުނެވެ.
"ޒީން އަހަންނަށް ކަމެއް އެބަ ސިއްރުކުރަންތަ؟" ޝާފީ ބުނި އެއްޗަކުން ޒީނާއަށް ވެސް ސިހުން ގެނުވިއެވެ.
"ކިހިނެއްވީ؟ ކާކު ކޮން އެއްޗެކޭ އަނެއްކާ ކީ؟ ކިހިނެއްވެގެން ތި އުޅެނީ؟"
" ކޮންކަމެއް ނުވަނީ؟ މިވަރުގެ މަކަރުވެރި ބޮޑު އޮޅުވާލުމެއް ރޭވިއިރު އަހަރެންނަށް ނޭނގުނީ ކީއްވެ؟" ޝާފީގެ އަޑު އައީ އިރެއް އިރަކަށް ގަދަވަމުންނެވެ.
"ކާކު ކޮންކަމެއް ޝާފީއަށް އޮޅުވާލީތަ؟ ނިކަން ސާފުކޮށް ބުނެދީބަލަ!." ޒީނާ ހުރީ ޝާފީ އައިސް މި ދައްކާ ވާހަކައަށް ވަންނާނެ ދިމާއެއް ނޭނގިފައެވެ. (ނުނިމޭ)
ކޮންއިރަކު ހަވަނަބައި ނިކުންނަނީ