އުއިގޫރު މުސްލިމުންގެ މައްސަލަ 90 ގެ އަހަރުތަކުގައި ފެންމަތިވި އިރު، ތުރުކީވިލާތަކީ އުއިގޫރު މުސްލިމުންނަށް ހިތްވަރު ދިން ގައުމެކެވެ. އެއިރު ތުރުކީއާ ގުޅުން ހުރި އުއިގޫރު ދަރިވަރުން ވަރަށް ގިނަ ގައުމުތަކުގެ ޔުނިވަރސިޓީތަކުން ޗައިނާގެ އެދުމަށް ވަކިކުރިވެސް މެއެވެ.

މިހާރު އުއިގޫރު މުސްލިމުންގެ ވޭންދެނިވި ހާލަތު ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާ އިރު، ތުރުކީން އުއިގޫރު މުސްލިމުންނާ މެދު ކަން ކުރާ ގޮތް ސާފެއް ނުވެއެވެ.

ތުރުކީވިލާތަކީ، އުއިގޫރު މުސްލިމުންނާއެކު ސަގަފީ ގޮތުންނާއި ބަހުގެ ގޮތުން ތިމާގެ ބަޔެކެވެ. ތުރުކީވިލާތުގައި އުއިގޫރުގެ ބައި ލައްކަ މީހުން ދިރިއުޅެއެވެ.

ބައިނަލްއަގްވާމީ މަޖިލިސްތަކުގައި އުގޫރު މީހުންގެ ދިފާއުގައިއާއި ޝިންޖިއާންގައި، ޗައިނާގެ އަމަލުތައް ކުށްވެރިކުރުމަށް ހުށަހަޅާ ނިންމުންތަކަށް އިސްލާމީ ދުނިޔޭގެ ލީޑަރޝިޕަށް އުންމީދު ކުރާ، ތުރުކީގެ ތާއިދު ނުލިބޭކަމީ، އެއާ މެދު ބައެއް ފަރާތްތަކުން ސުއާލު އުފައްދާ ކަމެކެވެ.

ތުރުކީ ސަރުކާރުން ބުނާ ގޮތުގައި ޗައިނާގެ ސަރަހައްދީ އެއްބައި ވަންތަކަމަށް ތުރުކީވިލާތުން ތާއީދު ކުރެއެވެ. އަދި ތުރުކީން އުންމީދު ކުރަނީ، އުއިގޫރު މުސްލިމުންނާއި އެހެން ބައިމަދު މުސްލިމުން ސުލްހަވެރިކަމާއި އަމާންކަމާއެކު ޗައިނާގައި ހަމަހަމަ ހައްގުތައް ލިބިގެންވާ ރައްތިޔެއްގެ ގޮތުގައި، އެމީހުންގެ ސަގާފީ އަދި ދީނީ ޝަޚްސިއްޔަތަށް އިހުތިރާމް ކުރާ ހާލު އުޅެވޭނެ ކަމަށެވެ.

ތުރުކީން ގެންގުޅެމުން އައި ސިޔާސަތަކީ، ޗައިނާ އިން އެދުމުންވެސް ތުރުކީވިލާތުގައި ދިރިއުޅޭ އުއިގޫރު މުސްލިމުން އަނބުރައި ޗައިނާއަށް ނުފޮނުވުމުގެ ސިޔާސަތެވެ.

ތުރުކީވިލާތުގެ މިސިޔާސަތު ބަދަލު ކޮށްފައި ވަނީ 2019ގައެވެ.

ތުރުކީވިލާތާއި ޗައިނާއާ ދެމެދު ކުށްވެރިން ބަދަލުކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ 2017 ވަނަ އަހަރުއެވެ.

މި މުއާހަދާއަށް ތުރުކީގެ ގާނޫނު ހަދާމަޖިލީހުން އަދި ތަސްދީގު ކޮށްފައެއް ނުވެއެވެ. އެކަމަކުވެސް މިއަށް ތުރުކީ ސަރުކާރުން އަމަލު ކުރަން ފަށާފައިވަ ކަން ފާހަގަ ކުރެވެއެވެ.

މި އެއްބަސްވުމުގެ ދެ މަސްފަހުން ތުރުކީވިލާތުން ވަނީ ތަޖިކިސްތާންގެ މަގުން އެތައް އުއިގޫރު މުސްލިމުންނެއް ޗައިނާއަށް ފޮނުވާލާފައެވެ. އެއަށްފަހު މިދިޔަ އަހަރު ޖުލައި މަހު ތުރުކީ ރައީސް އުރުދުޣާން ބެއިޖިންގއަށް ކުރެއްވި ދަތުރުފުޅުގައި ޔަގީން ކަން ދެއްވާފައި ވަނީ ސަލމަތީ ކަންތައްތަކުގައި ބެއިޖިންއަށް ތާއީދު ކުރާނެ ކަމަށެވެ

ޖެނީވާ ގައި ހުންނަ، އުއިގޫރު މުސްލިމުންގެ ހައްގުގައި ވަކލާތު ކުރާ ވަރލްޑް އުއިގޫރު ކޮންގްރެސްއިން ބުނާ ގޮތުގައި އެމީހުންގެ މަސައްކަތުން އުއިގޫރު މުސްލިމުންގެ ކެކުޅުން މިހާރު ދުނިޔޭގެ ސިޔާސީ ބަހުސުގައި ޖާގަ ހޯދައި ދީފައި ވެއެވެ.

ޗައިނާގެ ސަރަހައްދީ އެއްބައިވަންތަ ކަމަކީ ގައުމުތަކުން ދެބަސްވުމެއް ނެތި ތާއީދު ކުރާ ސިޔާސަތެކެވެ. ނަމަވެސް ޝިންޖިއާންގައި މީހުންނާ މެދު ކޮށްފައިވާ މުއާމަލާތާއި މީހުން ބަންދު ކުރުމާއި ސަގާފީ ތަރިކަތައް ނެތިކޮށްލުމުގެ މަސައްކަތާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން މީހުންނަށް ފާރަ ލުމުގެ މައްސަލައަކީ، ބައިނަލްއަގްވާމީ މުޖުތަމައިން އޭގެ ހަގީގަތް އެނގެން ބޭނުންވާ ކަންކަމެވެ. އެހެންވެ، މިކަންކަން ބެލުމަށް ބައިނަލްއަގްވާމީ އޮބްޒާވަރުން ވަނުމަށް ޗައިނާއިން ހުއްދަ ދިނުމަށް ގޮވާލާ ގޮވާލުންތަކަށް ޗައިނާއިން އިޖާބަ ދީފައެއް ނުވެއެވެ.

ޗައިނާއަކީ މިދިޔަ ތަނުގައި ދުނިޔޭގެ ގައުމުތަކުގެ މެދުގައި މަގްބޫލުކަން އިތުރު ވަމުން ދިޔަ ގައުމެކެވެ. ޗައިނާއަށް އިތުބާރު ކުރާ މިންވަރު މަތީގައި އޮތުމަށްފަހު ބައިނަލްއަގްވާމީ ޚިޔާލު ހޯދުންތަކުގައި، ޗައިނާގެ ހާލަތު ވަނީ ގޯސް ވެފައެވެ.

ޕޯ ރިސަރޗް ސެންޓަރ އިން ސިނާއީ ގޮތުން ކުރިއަރާފައިވާ 14 ގައުމެއްގައި ހެދި ދިރާސާއެއްގައި ދައްކަނީ ޗައިނާގެ ރައީސަށް ގައުމުތަކުގެ މީހުންގެ މެދުގައި އޮންނަ އިތުބާރު ކުޑަވަމުންދާ ކަމަށެވެ.