މަތީ ތަޢުލީމާއި ތަމްރީނުގެ ލޯން ސްކީމުން 393 ދަރިވަރަކަށް ފުރުސަތު ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެފި އެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ޢިއުލާނު ކުރެވުނު ލޯން ސްކީމްގެ ވަގުތީ ނަތީޖާ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން މިއަދު ވަނީ އިއުލާންކުރައްވާފަ އެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަހަރު ލޯން ސްކީމުގެ ގޮތުގައި 720 ފުރުސަތު ހުޅުވާލާފައިވެ އެވެ.
ތަޢުލީމީ ޤާބިލް ޒުވާނުން ބިނާކުރުމަށް މި ސަރުކާރުން ފަހިކޮށްދެއްވާ ފުރުސަތުތަކުގެ ތެރެއިން މިފަހަރު ލޯން ސްކީމްގައި އެއް ދާއިރާއަކަށް ގިނަ އަދަދަކަށް ދަރިވަރުން ވަނީ ކުރިމަތިލާފަ އެވެ. އެގޮތުން އެމްބީބީއެސް އަށް 25 ފުރުސަތު ހުޅުވާލައިފައިވާއިރު އެ ދާއިރާއިން ކިޔެވުމަށް 129 ދަރިވަރުން ކުރިމަތިލާފައިވެ އެވެ. ޕައިލެޓްކަން ކިޔެވުމަށް 252 ދަރިވަރަކު ކުރިމަތިލިއިރު އެދާއިރާއިން ލޯނު ދޫކުރުމަށް ނިންމާފައި ވަނީ 10 ފުރުސަތެވެ. އަދި ޕީއެޗްޑީއަށް ކިޔެވުމަށް ލޯނު ދޫކުރަން ފަސް ފުރުސަތު ހުޅުވާލުމުން 31 ދަރިވަރަކު ކުރިމަތިލާފައިވެ އެވެ.
މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ މިފަދަ ސަބަބުތަކާ ހުރެ ގިނަ ދަރިވަރުންތަކެއް ބާކީވެގެން ގޮސްފައިވާ ކަމަށާއި އަދި މިއަހަރު ލޯނު ސްކީމަށް ހޮވުނު ދަރިވަރުންގެ އަދަދު މަދުވުމުން މިކަމަށް ކަނޑައެޅި ބަޖެޓަށް ވުރެ ހަރަދުވެފައިވަނީ މަދުން ކަމަށެވެ. އެގޮތުން 21 މިލިއަން ރުފިޔާ އަދިވެސް އެބަހުރި ކަމަށާއި އެ ފައިސާ އިން އިތުރު ލޯނު ފުރުސަތުތައް ފަހިކޮށްދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ސްކީމްގެ ވަގުތީ ނަތީޖާ މިއަދު އިޢުލާނުމުރުމަށްފަހު، ވަގުތީ ނަތިޖާ އާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އޮންނާނެ އެވެ.