ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އޮންނާނީ 30 ވަނަ ދުވަހުގެ ރޭ 9:00 ގައި މެރީނާ ކްރޮސްރޯޑްސްގެ އިވެންޓް ހޯލުގައި ކަމަށެވެ.

މި ޖަލްސާގައި މައިކްރޮސޮފްޓް ޓީމް މެދުވެރިކޮށް އޮންލައިންކޮށް ވެސް ހިއްސާދާރުންނަށް ބައިވެރިވެވޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ޖަލްސާގައި ބައިވެރިވާން ބޭނުންވާނަމަ ވެބް ޕޭޖްއިން ރަޖިސްޓްރީ ކުރެވޭ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ބުނީ ރަޖިސްޓްރޭޝަން ހުޅުވާލާފައި ވަނީ މި މަހުގެ 29 ގެ ރޭގަނޑު 9:00 އާ ހަމައަށް ކަމަށެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިމަހު 30ގައި ބާއްވަން ނިންމާފައިވާއިރު އެސްޓީއޯގެ ހިއްސާއަކަށް 65 ރުފިޔާ ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައެވެ.

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 65 ރުފިޔާ ބަހަން ނިންމިއިރު މިދިޔަ 2020 ވަނަ އަހަރު ހިއްސާއަކަށް ބެހީ 60 ރުފިޔާއެވެ. އަދި 2019 އާއި 2018 ގައި ހިއްސާއަކަށް ބެހީ 58 ރުފިޔާއެވެ.