އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 އިން ބަލިވުމުން، ގަދަ ހަތަރަކުން ޖާގަ ހޯދައި ޗެމްޕިއަންސް ލީގުގައި އަންނަ ސީޒަނުގައި ކުޅުމުގެ ހުވަފެން ދެކެމުން ދިޔަ އާސެނަލްއަށް ބޮޑު މާޔޫސްކަމެއް ކުރިމަތިވެއްޖެއެވެ.

ސީޒަނުގެ ބޮޑުބައެއް ގަދަ ހަތަރެއްގައި ހިފަހައްޓަމުން ދިޔަ އާސެނަލްއަށް ރެއާއި ހަމައަށް ގަދަ ހަތަރަކުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު އޮތެވެ. ރޭ ނިއުކާސަލްއާ ދެކޮޅަށް އާސެނަލް ނިކުތްއިރު ތާވަލުގެ 5 ވަނައިގައި އެޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގައި އޮތް ޓޮޓެންހަމްއަށްވުރެ މަދުން އެއްމެޗް ކުޅެ 66 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގައި ޓޮޓެންހަމް އޮތީ 68 ޕޮއިންޓާއެކުއެވެ. އާސެނަލް އާއި ޓޮޓެންހަމްއަށްވެސް ލީގުގައި ބާކީ އޮތީ އެއްމެޗެވެ. ފަހު މެޗުގައި އާސެނަލް ނިކުންނާނީ ރެލިގޭޝަނާއި ހަނގުރާމަ ކުރަމުން އަންނަ އެވަޓަންއާ ދެކޮޅަށެވެ. ޓޮޓެންހަމް ނިކުންނާނީ މިހާރުވެސް ރެލިގޭޓް ވެފައިވާ ނޯވިޗް ސިޓީއާ ދެކޮޅަށެވެ.

ރޭގެ މެޗުގައި އާސެނަލްއަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައި ނުވާއިރު ނިއުކާސަލްގެ ފުރަތަމަ ލަނޑަކީ 55 ވަނަ މިނެޓުގައި އާސެނަލްގެ ޑިފެންޑަރު ބެން ވައިޓް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ނަތީޖާ ހަމަހަމަ ކުރުމަށް އާސެނަލްއިން މަސައްކަތް ކުރަމުން ދަނިކޮށް އެޓީމު މާޔޫސް ކޮށްލުވީ 85 ވަނަ މިނެޓުގައި ބްރެޒިލްގެ ޑިފެންސިވް މިޑްފީލްޑަރު ގުއިމަރެސްއެވެ.

ޕްރިމިއަރ ލީގުގައި މިރޭވެސް މުހިއްމު މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ޗެމްޕިއަންކަން ހޯދުމުގެ ރޭހުގައި މެންޗެސްޓަރ ސިޓީއާ ވާދަކުރަމުން އަންނަ ލިވަޕޫލް މިރޭ ރާއްޖޭ ގަޑިން 23:45 ގައި ނިކުންނާނީ ސައުތެމްޓަންއާ ދެކޮޅަށެވެ.