ލުބުނާންގެ ޕާލަމެންޓްގެ އިންތިޚާބުގެ ނަތީޖާ އިއުލާަން ކޮށްފިއެވެ. މިއިންތިޚާބުގައި ޕާލަމެންޓް ދެބަޔަކަށް ބެހި އެ ގައުމުގެ މައްސަލަތައް އިތުރަށް ގޯސްވާނެ ކަމަށް ލަފާ ކުރެވެއެވެ.

އައު ޕާލަމެންޓްގައި އެންމެ ބޮޑު ނާކާމިޔާބެއް ކުރިމަތިވީ އީރާނުން ވާގިވެރިވާ ހިޒުބުﷲ އަށާއި ހިޒުބުﷲއާއެކު ބައިވެރިވާ ކްރިސްޓިއަން ބްލޮކަށެވެ. ރައީސް މިޝޭލް ޢައުން ވަނީ ޙިޒުބުﷲއާ ގުޅިގެން ފްރީ ޕެޓްރިއޮޓިކް މޫވްމެންޓްގެ ނަމުން އިއްތިހާދެއް ހަދާފައެވެ.

ހިޒްބުﷲއާ ދެކޮޅަށް ފާޑުކިޔާ ސަމީރު ޖާޖާގެ ލެބަނީޒް ކްރިސްޓިއަން ފޯސަސްއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އަދި ދުރޫޒް ޖަމާއަތުގެ މީހުންގެ ލީޑަރު ވަލީދު ޖުމްބުލާޠުވެސް ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

އަދި ޕާލަމެންޓްގެ ރައީސް ނަބީހް ބައްރީގެ ޝީއީންގެ އަމަލް ޕާޓީން ވަނީ އެމީހުން ވާދަ ކުރި ހުރިހައި ގޮނޑިއެއްވެސް ކާމިޔާބު ކޮށްފައެވެ.

މީގެ އިތުރުން ކުރީގެ ސިޔާސީ ލީޑަރުންނާ ދެކޮޅަށް ނިކުތް މުޒާހަރާ ކުރަން މަގުމަތީގައި އުޅުނު ކުދިންކޮޅު ރަމު ކޮށްދޭ ފަރާތްތަކަށްވެސް 14 ގޮނޑި ލިބުނެވެ.

128 މެމްބަރުން ތިބޭ ޕާލަމެންޓްގައި ހިޒުބުﷲއަށް މެޖޯރިޓީ ގެއްލިފައި ވެއެވެ. ޕާލަމެންޓް ދެބަޔަށް ބެހިފައިވާ އިރު ލެބަނީސް ކްރިސްޓިއަން ފޯސަސްއާއި ޙިޒުބުﷲއާ ދެމދު ހުރިހައި ކަމަކަށް ދެބަސްވެ ޕާލަމެންޓުން ކަންކަން ފާސްކުރުމަށް އުދަގޫވާނެ ކަމަށް ބެލެވެއެވެ.

ލުބުނާންގެ އިގްތިތާދު ބިކަބެ ގައުމު ބަނޑަށް ޖެހިފައި ވެއެވެ. އަދި ބެއިރޫތުގެ ބަނދަރުގައި ހިނގި ބޮޑު ގޮއްވާލުމާއި ސިޔާސީ ހަމަނުޖެހުމާއެކު އަހުލީ ހަނގުރާމައަށް ފަހު އެންމެ ގިނައިން މީހުން ގައުމު ދޫކޮށް ހިޖުރަ ކޮށްފައި ވަނީ މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައެވެ.

ސުންނީން ތަމްސީލު ކުރާ ސައުދުލް ހަރީރީ ވެސް ވަނީ ސިޔާސީ މައިދާނުން ދުރަށް ވަޑައިގެންފައެވެ.