އެމެރިކާއާ ދެކޮޅަށް ރައްދު ފިޔަވަޅު އަޅާނޭ ކަމަށް ޗައިނާއިން ބުނެފިއެވެ.
ޗައިނާއިން މިކަމަށް އިންޒާރު މިކުރީ، އެމެރިކާގެ ކަނޑުގެ ސިފައިންގެ އިސް އެޑްމިރަލްއެއް، ޓައިވާނަށް ވަޑައިގަތް ޚަބަރާ އެކުގައެވެ.
އޭޝިޔާ ޕެސިފިކް ސަރަހައްދުގައި އެމެރިކާގެ އަސްކަރިއްޔާގެ ޖާސޫސީ ކަންކަން ބަލަހައްޓާ ދެތަރީގެ އެޑްމިރަލް، ކުރިން އިއުލާން ކުރެއްވުމަކާ ނުލައި ޓައިވާނަށް ވަޑައިގެންނެވިކަން، އެތެރޭގެ ދެ މަސްދަރަކާ ހަވާލާދީ މިޑިއާއިން ހާމަކޮށްފައި ވެއެވެ.
ނަމަވެސް، އެމެރިކާގެ އެޑްމިރަލް ޓައިވާނަށް ވަޑައިގެންނެވީ ސީދާ ކޮން އިރަކުކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އެމެރިކާ ކަނޑުގެ ސިފައިންގެ އެޑްމިރަލް، ޓައިވާނަށް ވަޑައިގެންނެވިކަމެއް ނުވަތަ ނޫންކަމެއް، އެމެރިކާއިންވެސް އަދި ޓައިވާނުންވެސް ކަށަވަރު ކޮށެއް ނުދެއެވެ.
އެމެރިކާއިން ޓައިވާނާއެކު އަސްކަރީ އެއްވެސް ގުޅުމެއް ބޭއްވުމަކީ ޗައިނާ އަބަދުވެސް ދެކޮޅުހަދާ ކަމެކެވެ.
އެކަމަކު، އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންނެވި ފަހުން ޓައިވާނާއި އެމެރިކާގެ ގުޅުން ވަރަށް ވަރުގަދަކޮށް ފުޅާކޮށްފައި ވެއެވެ. އަދި ޓައިވާނަށް އެމެރިކާގެ ހަތިޔާރު ވިއްކުންވެސް އިތުރުކޮށްފައި ވެއެވެ.
މިމައްސަލާގައި ޗައިނާއިން އެމެރިކާދެކެ ވަރަށް ރުޅިއާދެއެވެ.
ޓައިވާނަކީ ޑިމޮކްރަޓިކް ވަކި ވެރިކަމެއްކުރާ ގައުމެއް ނަމަވެސް، ޗައިނާ ދެކެނީ ޓައިވާނަކީ އެގައުމުގެ ޕްރޮވިންސެއްގެ ގޮތުގައެވެ.
އެހެންވެ، ދުނިޔޭގެ އެހެން ގައުމަކާ ވަކިން ގުޅުން ބޭއްވުމުގެ ހައްގު ޓައިވާނަށް ލިބިގެން ނުވާކަމަށް ޗައިނާ ދެކެއެވެ.
ބެއިޖިންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޗައިނާ ޚާރިޖިއްޔާގެ ތަރުޖަމާނު ޒާއޮ ލިޖިއާން ވިދާޅުވީ، އެމެރިކާގެ އޮފިޝަލުން ޓައިވާނާއެކު އެއްވެސް ބާވަތެއްގެ ގުޅުމެއް، ވަކިން ޚާއްސަކޮށް އަސްކަރީ ގުޅުން ބޭއްވުމަކީ ޗައިނާއިން ކަނޑައެޅިގެން ދެކޮޅުހަދާ ކަމެއް ކަމަށެވެ.
ތަރުޖަމާނު ޒާއޮވަނީ، ޓައިވާން މައްސަލައިގެ ނާޒުކުކަން ފުރިހަމައަށް ދެނެގަތުމަށް އެމެރިކާއަށް ގޮވާލައްވާފައެވެ.
ހަމަ އެއާއެކު، އެމެރިކާގެ އަމަލުތަކަށް، ހާލަތާ އެކަށީގެންވާ ރައްދު ފިޔަވަޅު އަޅާނޭ ކަމަށްވެސް ޗައިނާ ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.
އެމެރިކާ ސަރުކާރުގެ ހެލްތު މިނިސްޓަރ އެލެކްސް އާޒަރު މިއަހަރުގެ އޮގަސްޓްމަހު، އަދި އަންޑަރސެކްރެޓަރީ އޮފް ސްޓޭޓް ކީތު ކްރެޗް ސެޕްޓެމްބަރުމަހު ޓައިވާނަށް ވަޑައިގެންނެވުމުންވެސް ޗައިނާ ވަރަށް ރުޅިއައެވެ.
އެ ބޭފުޅުން ޓައިވާނަށް ވަޑައިގެންނެވި ދެފަހަރުވެސް ޗައިނާއިން ޓައިވާނާ ގާތަށް ހަނގުރާމަމަތީ މަތިންދާ ބޯޓުތައް ފޮނުވިއެވެ.