މި ޒުވާނާއަކީ ފަލަސްތީނުގެ އުމަރު އަބޫ ޙުޟެއިރުއެވެ. ދުނިޔޭގެ މީޑިއާގައި މި ޒުވާނާ މަޝްހޫރުވެފައި ވަނީ، އިޒްރޭލުގެ ޒަޔަނިސްޓު ފުލުހުން އޭނާގެ ގައިގައި މުގުރުންނާއި ފައިން ތަޅައި ހެދިއިރުވެސް ޝަހީދު ކޮށްލި ނޫސްވެރިޔާ ޝީރީންގެ ސަންދޯން ވެއްޓިޔަ ނުދީ އޭނާ ހިފެހެއްޓުމުންނެވެ.
އިޒްރޭލުން އިއްޔެ ގުދުސްގައި ޝަހީދު ކޮށްލި ވަލީދުއްޝަރީފްގެ ޖަނާޒާގައި އުޅުމުގެ ތެރޭގައި ޒަޔަނިސްޓް ސިފައިން ވަނީ އުމަރު އަބޫ ޙުޟެއިރު ހައްޔަރު ކޮށްފައެވެ.
އިޒްރޭލުގެ ފުލުހުންނާއި ސިފައިންގެ އުދުވާނާ ދެކޮޅަށް މުސްލިމުން ވަނީ ތަފާތު ކުރުމަކާއި ނުލައި އިސްލާމީ މަތިވެރި ރޫހުގައި ޝީރީންގެ ޖަނާޒާގައި ބައިވެރިވެފައެވެ.
އިސްލާމީ ޙަޟާރާގައި އެކު އުޅުން
އިސްލާމީ ޙަޟާރާގައި މުސްލިމުންނާ އެކު ނަޞާރާއިންނާއިން ޔަހޫދީން ސުލްޙަ ވެރިކަމާ އެކު ގުޅިގެން އުޅެފައިވާ ކަމުގެ ދިގު ތާރީޚެއް ވެއެވެ. އިލްމުވެރިންނާއި މުއައްރިޚުން ވަނީ ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާގެ މަދީނާގެ ދުސްތޫރުން ފެށިގެން ސޮލީބީ ހަނގުރާމައިން ގޮސް އިނގިރޭސިން މިސްރު ހިފުމާ ހަމައަށް ބަޣްދާދާއި ދިމިޝްގާއި އަންދަލުސްގައި މުސްލިމުން އެކުގައި އުޅުނު ގޮތްތައް ތަފްސީލު ކޮށް ވާޤިއާތަކާއެކު ޑޮކިއުމެންޓް ކޮށްފައެވެ.
އިސްލާމީ ޙަޟާރާގެ ބިންގާ އެޅިގެން ދިޔަ ކީރިތި ރަސޫލާގެ މަދީނާ ސިޓީއަކީ އިމާމް ބުޚާރީ ސިފަ ކުރައްވާ ގޮތުގައި "މުސްލިމުންނާއި މުޝްރިކުންނާއި ބުދަށް އަޅުކަން ކުރާ މީހުންނާއި ޔަހޫދީންގެ މައްސުނި ދައުލަތެއް"ގެ ގޮތުގައެވެ.
1081ގައި ނިޔައުވި، އަލްއިމާމުލް ބާޖީގެ އަލްމުންތަޤާ ފޮތުގައި ސިފަ ކުރައްވާ ގޮތުގައި ރަސޫލާގެ އިސްލާމީ ދައުލަތުގެ ވެރިރަށް މަނދީނާއަކީ ރައްޔިތުންގެ ދީނަށް ބައްލަވައިގެން ނުވަތަ ނަސްލަކަށް ބައްލަވައިގެން އެކުލަވާލެއްވި ދައުލަތެއް ނޫނެވެ. އެއީ އެ ދައުލަތުގެ ހިޔާވަހިކަމުގެ ދަށުގައި ހިމެނުނު އެންމެހައި ރަށްވެހިންނަށް ހަމަހަމަކަމާއެކު ހައްގުތަކެއް ލިބިގެން ދިރިއުޅުމަށް ބިންގާ އެޅުނު ދައުލަތެކެވެ.
އެންމެ މާތް އަޚުލާގުގެ ނަމޫނާ
އިމާމް ބުޚާރީގެ ޞަޙީޙު މުޠާލިއާ ކޮށްލާ މީހަކަށް ޚުލްޤު ހެޔޮ ނަބިއްޔާގެ އެތަކެއް މިސާލެއް ފެންނާން ހުންނާނެއެވެ. އެކަލޭގެފާނުގެ ރައްޔިތުންގެ ތެރޭން ޔަހޫދީންގެ މީހަކު ބަލިވެ އުޅޭކަން އެނގިވަޑައިގަތުމުން އެކަލޭގެފާނު އެމީހަކަށް ޒިޔާރަތް ކުރައްވައެވެ. ޔަހޫދީންނާއެކު ވިޔަފާރީގެ މުއާމަލާތް ކުރައްވައެވެ.
އެކަލޭގެފާނު ސުވަރުގެ ވަޑައިގެންނެވިއިރު އެކަލޭގެފާނުގެ ކަނޑިކޮޅުވެސް އޮތީ ޔަހޫދީއެއްގެ އަތުގައި މޯގޭޖު ކުރެވިފައެވެ.
ޔަހޫދީންގެ ޖަނާޒާ ގެންދެވޭ ވަގުތު އެކަލޭގެފާނު އިޙުތިރާމް ކުރެއްވުމުގެ ގޮތުން ކޮއްޅަށް ތެދުވެ ވަޑައިގަންނަވައެވެ.
ފުރައްދެ ކާފަރެއް ނުވަތަ މުޝްރިކެއް ކަމަށް ނިންމައި މީހުންނާމެދު ތަފާތު ކުރުމެއް މަދީނާގެ އިސްލާމީ ޙަޟާރާގައި ފެނިފައެއް ނުވެއެވެ! ފަހު މީހުންވެސް އިހުމީހުންގެ މި ސަގާފަތާއި ޚުލްގު އުންމަތުގައި ދީނުގެ ނަމުގައި ޖާހިލުކަން އާންމު ވުމާހަމައަށް ގެންގުޅުއްވިއެވެ!
ޙައިރާަން ނުވާށެވެ!
އިސްލާމް ދީނުގެ އޯގާތެރިކަން ނުދަންނަ މީހަކު ހައިރާން ވެދާނެފަދަ އެހެން ހާދިސާއެއްވެސް އިމާމް ބުޚާރީގެ އައްތާރީޚުލް އަވްސަޠުގައި ލިޔުއްވައެވެ. އަދި ޙަދީސް ޢިމްލުވެރިޔާ އިބްނު އަބީ ޝައިބާވެސް އިމާމުއް ޝުޢަބީގެ އަރިހުން ހަމަ އެވާހަކަ ރިވާ ކުރައްވާފައި ވެއެވެ.
އެއީ، އުއްމުލް ޙާރިސު އިބްނު ޢަބްދުﷲ އިންބު އަބީ ރަބީޢާ އަލްމަޚުޒޫމީ އަލްޤުރަޝީ ހިޖުރައިން 69 ވަނަ އަހަރު ނިޔައުވުމުން އޭނާގެ ޖަނާޒާގައި އަސްހާބު ބޭކަލުން ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ. މިއީ ކްރިސްޓިއަން އަންހެނެކެވެ.
މި ވާހަކަ އިތުރަށް ތަހުގީގު ކުރައްވަމުން އޭގެ މާފަހުން އަލްޙާފިޒު އިބްނު އަސާކިރުގެ ތާރީޚް ދިމިޝްޤްގައި ލިޔުއްވަނީ އެކަނބުލޭގެ ނަމަކީ ސަބްޙާ އަލްހަބަޝިއްޔާ ކަމަށެވެ. އެކަނބުލޭގެ ނިޔައުވީ މައްކާގައެވެ. އެއީ އަސަހާބު ބޭކަލެއް ކަމަށްވާ ޢަބްދުﷲ އިބްނު ރަބީޢާ އަލްމަޚުޒޫމީގެ އަނބިކަނބަލުން ކަމަށެވެ. މިއީ، ދިގު އަސަރުގަދަ ޅެމެއް ހެއްދެވުމުގައި މަޝްހޫރުވެ ވަޑައިގަތް ޢުމަރު އިބްނު އަބީ ރަބީޢާގެ އާއިލާއެވެ.
އިމާމު އިބްނު އަބީ ޝައިބާ ރިވާކުރެއްވި ގޮތުގައި އަބްދުﷲ އިބްނު ޢުމަރަށް ސުއާލު ދެންނެވުނީ ނަސްރާނީ އަންހެނެއްގެ ޖަނާޒާ އުފުލުމާއި އެޖަނާޒާގައި އުޅުން މުސްލިމަކަށް ހުއްދަ ވޭހެއްޔެވެ؟ އެކަލޭފެގާނު ވިދާޅުވީ ޖަނާޒާގެ ކުރީގައި އަދި ފަހަތުންވެސް ހިނގޭނެ ކަމަށެވެ.
ޞަހީޙު ބުޚާރީއާއި ޞަޙީޙު މުސްލިމުގައި ރިވާކުރެއްވި ޙަދީސެއްގައި އައިސްފައި ވަނީ،
أن "النبي ﷺ مَرَّتْ به جنازةٌ فقام [لها]، فقيل له: إنها جنازة يهودي! فقال: «أليستْ نَفْساً
ޖަނާޒާއެއް ގެންދިޔަ ހިނދު ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާ ކޮއްޅަށް ތެދުވެ ވަޑައިގަތެވެ. އެކަލޭގެފާނަށް ދެންނެވުނެވެ. އެއީ ޔަހޫދީއެއްގެ ޖަނާޒާއެވެ! އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. އަޅެފަހެ، އެއީ އިންސާނެއް ނޫން ހެއްޔެވެ!
އަދިވެސް އެހެން މިސާލެއް
1350 މީލާދީގައި އަވަހާރަވި އިމާމް އިބްނުލް ޤައްޔިމްގެ އަޙްކާމު އަހުލުއްޒިންމާ ފޮތުގައި ލިޔުއްވަނީ ހިޖުރީ ސަނަތުން 9 ވަނަ އަހަރު ސަލާމާއި ސަލަވާތް ލެއްވި ރަސޫލާގެ އަރިހަށް ޒިޔާރަތް ކުރި ނަޖްރާންގެ ނަސާރާއިންގެ 14 މީހުންގެ ވަފްދަކުން އެދަތުރުގައި އެމީހުންގެ އަޅުކަން އަދާކުރަން ބޭނުންވުމުން އެކަލޭގެފާނުގެ މިސްކިތް، މަސްޖިދުއްނަބަވީގެ އެތެރޭގައި އެމީހުންނަށް އަޅުކަން ކުރެއްވުމަށް ހުއްދަ ދެއްވި ކަމަށެވެ.
މުސްލިމުންނަކީ އެހެން މީހުންނާ އެކު އުޅެން ދަންނަ ބަޔެއް
އިބްނުލް ޤައްޔިމު ވިދާޅުވަނީ މިސްކިތްތަކަށް އަހުލު ކިތާބުންނަށް ވަނުމަކީ ހުއްދަ ކަމެއްކަން މިއިން ދޭހަވާ ކަމަށެވެ. (އެމެރިކާއާއި ޔޫކޭގައި ހުކުރު ނަމާދު ކުރަން މިސްކިތުގެ ތަނަވަސް މާހައުލެއް ނުލިބޭ އެތައް ބަޔަކަށް ހުކުރު ނަމާދަށް ފައްޅިތައް ހުޅުވައި މުސްލިމުން ފައްޅީގައި ހުކުރު ކުރެވެއެވެ. މިއީ މިހާރުވެސް ހިނގާކަމެކެވެ.)
1919ގައި އިނގިރޭސިން މިސްރަށް އިސްތިއުމާރުކޮށް މިސްރު ހިފުމުން މުސްލިމުންނާއި ނަސާރާއިން މިސްރުގެ އަލްއަޒުހަރު މިސްކިތުގައި އެއްވި ހިނދު މިސްރުގެ ގިބްތީ ނަސާރައިންގެ އިސްފާދިރީ ސަރްޖިޔޫސް މިސްކިތުގެ މިމްބަރުގައި ހުޓި ހުރެ ތަގްރީރު ކުރިއެވެ. އަދި ގާހިރާގެ އިބްނު ތޫލޫން މިސްކިތުގައިވެސް މިންބަރުގައި ދަންނަބޭކަލުންގެ ހާޒިރުގައި އެތަކެއް ތަގްރީރެއް އޭނާ ދިނެވެ.
ދިމިޝްްޤުގެ ޖާމިއުލް އުމަވީން މިސާލެއް
އިބްނު ކަސީރުގެ އަލްބިދާޔާ ވައްނިހާޔާގައި ލިޔުއްވަނީ 70 އަހަރު ވަންދެން ދިމިޝްގްގައި މުސްލިމުންނާއި ނަސާރާއިން އެއްތަނެއްގައި އަޅުކަން ކުރި ކަމަށެވެ. ހައިރާން ވާމީހަކަށް އެނގޭނެ ނަމަ މި މިސްކިތަކީ ދިމިޝްޤްގެ މިހާރުގެ ބޮޑު މިސްކިތް، މަސްޖިދުލް އުމަވީއެވެ.
އިބްނު ކަސީރު ވިދާޅުވަނީ ދެ ބައިމީހުންވެސް މި ތަނަށް އަޅުކަމަށް ވަންނަނީ އެއް ދޮރަކުން ކަމަށެވެ. ނަސާރާއިން ހުޅަނގަށް ކުރިމަތި ލާއިރު މުސްލިމުން ގެފުޅަށް ކުރިމަތި ލައިގެން ތިބޭ ކަމަށެވެ. ހިޖުރީން 86 ވަނަ އަހަރު އަދި މީލާދީ ސަނަތުން 705ގައި މި "ފައްޅި" ދެބައި މީހުން ރުހި އެއްބަސްވުމާއެކު ނަސާރާއިން މުސްލިމުންނަށް ދިނީކަމަށެވެ.
އެކުގައި އުޅޭ އިރު ދީންވެސް އުނގެނޭ
އިސްލާމީ ޙަޟާރާގައި މުސްލިމުންނާއެކު ނަސާރާއިންނާއި ޔަހޫދީން އުޅެފައިވާ ގޮތްގޮތާ ބެހޭ ގޮތުން ތަފްސީރު އިލްމުވެރި އިމާމް މުޤާތިލް އިބްނު ސުލައިމާން އަލްބަލަޚީއާ ހަވާލާދެއްވަމުން ޝާފީ މަޒުހަބުގެ އިމާމް އިބްނު ހަޖަރުގެ ތަހުޒީބުއްތަހުޒީބު ފޮތުގައި ލިޔުއްވަނީ ބަލަޚީ، ޔަހޫދީންނާއި ނަސާރާއިންގެ ގާތުން އެމީހުންގެ ފޮތްތަކުގައި ހުރި އިސްލާމް ދީނާ ގުޅޭ ކަންކަމުގެ މައުލޫމާތު ނެންގެވި ކަމަށެވެ. ތަފްސީރު އިލްމު ވެރިންގެ ފޮތްތަކުގައ ބަލަޚީއާ ޙަވާދެއްވައި ލިޔުއްވާފައިވާ ވާހަކަތައް މަދެއް ނުވާނެއެވެ.
މުސްލިމު އިހުގެ ފޮތްތައް ލިޔުއްވި ދަންނަބޭކަލުން ކަމަށްވާ އަލްފިހުރިސްތު ލިޔުއްވި އިބްނުއްނަދީމާއި މަޣާޒީ ލިޔުއްވި އިމާމް މުޙައްމަދު ބިން އިސްހާގާއި ތަފްސީރު އިލްމުވެރިޔާ ޠަބަރީގެ ފޮތްތަކުން އެނގޭ ގޮތުގައި އައްބާސީ ޚަލީފާ މުތަވައްކިލުގެ ވެރިކަމާ ހަމައަށް މުސްލިމުންނާއި ނަސާރާއިންނާއި ޔަހޫދީން ކިޔަވަމުން ގެންދިޔައީ އެއް ތަނެއްގައި އެއް އެދުރުންތަކަށް އެކުގައެވެ. އައްބާސީ ޚަލީފާއިންނަކީ އިސްލާމީ ދައުލަތުގައި އެންމެން އެއްކޮށް އުޅުނު ސުލްހަވެރި އުޅުން ރޫޅާލުމުގައި އެމީހުންގެ އަތެއްވާ ބައެކެކެވެ.
މިސައިޓްގައި ކުރީގައި އެހެން މަޒްމޫނެއްގައި އައްބާސީ ދައުލަތް އުފެދުމާއި ރޫޅި ދިއުމާއި އަދި އެ ދައުލަތުގެ ބާނީ އަބުލްއައްބާސް އައްސަފާހުގެ ވާހަކަ ގެނަސްދީފައި ވާނެއެވެ. މަޒުމޫނު ކިޔާލުމަށް ފިއްތާލާ!
އިބްނު ޚަލްކާންގެ ވަފިއްޔާތުލް އައުޔާން ފޮތާއި އައްސިޔޫޠީފަދަ ބޭބޭކަލުން ވަނީ މުސްލިމުންގެ ގާތުން ނަސާރާއިންނާއި ޔަހޫދީން ދީން އުގެނުނު ކިތަންމެ ވާހަކައެއް ލިޔުއްވާފައެވެ. މި ގޮތަށް މުސްލިމުންގެ ގާތުން ދަރިވަރުވި ޔަހޫދީއެއް ކަމަށްވާ އަބްދުއް ސައްޔިދު އިސްހާގުލް އިސްރާއީލީ ވަނީ ކިޔަވަމުން ކިޔަވަމުން ގޮސް ފަހުން އިސްލާމްވެފައެވެ. އޭނާއަކީ ޔަހޫދީންގެ ފުންނާބު އުސް ދަންނަބޭކަލެކެވެ.
މިއީ އާދަޔާ ޚިލާފް ވާހަކަތަކެއް ނޫނެވެ. މަގްރޭޒީގެ ތާރީޚްގައިވެސް މިފަދަ ކިތަންމެ ހާދިސާއެއް ޑޮކިއުމެންޓް ކޮށްފައި ވެއެވެ.
ޖަނާޒާ؟
ޣެއިރު މުސްލިމުންގެ ޖަނާޒާއާ ބެހޭ ގޮތުން އެންމެ ގިނައިން ޙަވާލާ ދެވެނީ ޝާފިޢީ މަޒުހަބުގެ އިމާމް ނަވަވީއަށެވެ. ޣެއިރު މުސްލިމުންގެ ޖަނާޒާގައި ބައިވެރިވުމަށް ހުރަހެއް ނެތެވެ. އެމީހުންނަށް ޝިރުކުގެ ފާފަ ފުއްސެވުމަށް ދުޢާކުރުމަށް އިޖުމާޢު ކޮށް ޖުމްހޫރު އިލްމުވެރިން ހުއްދައެއް ނުކުރައްވައެވެ. ޝިރުކު ފިޔަވައި އެހެން ހުރިހައި ފާހައެއް ފުއްސަވާނެ ކަމަށް ﷲ އަންގަވަތެވެ. (އައްނިސާ 48 އަދި 116) އެކަމަކު އެމީހުން ކޮށްފައިވާ ހެޔޮ ކަންކަމަށް އެމީހުންނަށް ދިރި ދުނިޔޭގައި ހުއްޓާ ރަހުމަތަށް އެދެވިދާނެއެވެ. ފަހަރުގައި ދީން ގަބޫލުކުރުމުގެ ރަހުމަތްވެސް ލައްވަފާނެއެވެ.
މިހާރުވެސް ދުނިޔޭގައި ދިރިހުންނެވި އެންމެ ގަދަރުވެރި އެންމެ ބަސްވިކޭ ދަންނަ ބޭކަލެއްކަމަށްވާ "އަލްހަލާލު ވަލްޙަރާމް" ފޮތުގެ މުސައްނިފު އިމާމް ޑރ. ޔޫސުފް އަލްޤަރްޟާވީ ވަނީ 2005ގައި ޕޯޕް ޖޯން ޕޯލް ނިޔައުވުމުން އޭނާއަށް "ހެޔޮ ދުޢާ ކުރައްވާފައެވެ." އެއީކީ، އެނާގެ ޝިރުކަ ޢަފޫ ކުރެއްވުމުގެ ދުއާއެއް ނޫނެވެ.
ޑރ. ޤަރްޟާވީއާ ދެކޮޅަށް މިކަމުގައި ބަސް ވިދާޅުވި ބޭކަލަކީ، 1999ގައި އަވަހާރަވި ޝެއިޚު ނާސިރުއްދީން އަލްބާނީއެވެ.
އަލްބާނީއަށް ފާޑު ކިޔާފަރާތްތަކުން ބުނަނީ އޭނާއަކީ ވައްހާބީ ސަލަފީ ޝެއިޚެއް ކަމަށެވެ!
އިސްވެ ވާހަކަ ދެކެވުނު މައުޟޫއުގައި އެތައް ފޮތަކަށް ހަވާލާ ދެވި ވާހަކަ ކަފި ފަޅައިގެންދާނެ އެތައް މައުޟޫއެއް ހިމެއެވެ. އެކަމަކު ކުރު ކޮށްލީއެވެ!
އޯގާތެރި ސަމާޙަތުގެ މިދީނަކީ ހުރިހައި އިންސާނިއްޔަތަށް ބާވައި ލައްވާފައިވާ ދީނެކެވެ. މުސްލިމުން އެހެން މީހުންނަށް އެމިހުންގެ ދީނުން އަންގަވާފައިވާ މަތިވެރި އަޚުލާގު ދައްކައި ނަމޫނާއަކަށް ވާން ޖެހެއެވެ.
އަލްޤަލަމް ސޫރަތުގެ 4 ވަނަ އާޔަތުގައި މާތްﷲ ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާއާ މުޚާތަބު ކުރައްވައި ކަނޑައެޅިގެން އެވިދާޅުވީ މިވާހަކަ ނޫން ހެއްޔެވެ؟
ލިޔުންތެރިޔާ، ނޫސްވެރިކަން ދޫކޮށް އެހެންކަމަކައިގެން އުޅެން ފެނޭ