ޔުއެފާ ޗެމްޕިއަންސް ލީގް ގްރޫޕް ސްޓޭޖުގައި މިރޭ ޑައިނަމޯ ކިޔޭވްއާ ދެކޮޅަށް ކުޅެން ކެޕްޓަން ލިއޮނަލް މެސީ ނުލައި ބާސެލޯނާއިން ޔޫކްރައިނަށް ހިނގައްޖެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ކޯޗް ރޮނާލްޑް ކޫމަން މެސީއަށް އަރާމް ކުރަން ފުރުސަތު ދިނީއެވެ. މިދިޔަ ހަފްތާގައި ވޯލްޑް ކަޕް ކޮލިފައިންގައި ވަރުގަދަ ދެމެޗް އާޖެންޓީނާއަށް ކުޅެދިނުމަށްފަހު އެނބުރި ބާސެލޯނާއަށް އައިސް އަރާމް ކުރަން 48 ގަޑިއިރު ނުލިބި މެސީ ވަނީ ސްޕެނިޝް ލީގުގައި ވަރުގަދަ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކުޅެފައެވެ. ބާސެލޯނާ އާއި އާޖެންޓީނާގެ ވެރިރަށް ބޮއެނަސް އައިރިސްއާ ދެމެދު ފްލައިޓް ދަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް 17 ގަޑިއިރެވެ.
ވަރުބަލިކަމުގެ ސަބަބުން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް މެސީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު ބާސާ ވަނީ އެމެޗުން 1- އިން ބަލިވެފައެވެ.
މެސީގެ އިތުރުން ކޯޗް ކޫމަން ވަނީ ހޮލެންޑުގެ ހުނަރުވެރި މިޑްފީލްޑަރު ފްރޭންކި ޑިޖޯންއަށްވެސް އަރާމް ކުރަން ފުރުސަތު ދީފައެވެ.
ކޫމަން ބުނީ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އޮތީ ރަނގަޅު މިސްރާބުގައި ކަމަށާއި އެހެން ކަމުން މެސީ އާއި ޑިޖޯންގއަށް އަރާމް ކުރަން ފުރުސަތު ދިނީ ކަމަށެވެ.
ކިޔޭވްއާ ދެކޮޅަށް މިރޭ ބާސާ ނުކުންނައިރު މުހިއްމު ތިން ޑިފެންޑަރުން ކަމުގައިވާ ޖެރާޑް ޕީކޭ އާއި ސުމެއުލް އުމްޓިޓީ އަދި ރޮނާލްޑް އަރޫޖޯގެ އިތުރުން މިޑްފީލްޑަރު ސާޖިއޯ ބުސްކެޓާއި ނުރައްކާތެރި ޒުވާން ފޯވާޑް އަންސޫ ފާޓީ ހުރީ އަނިޔާގައެވެ.
ކިޔޭވްއާ ދެކޮޅަށް ނުކުންނައިރު ބާސާއަށް އޮތް ހިތްހަމަ ޖެހުމަކީ ތަޖުރިބާކާރު މިޑްފީލްޑަރު ފިލިޕް ކޫޓީނިއޯ އަނިޔާއިން ސަލާމަތްވެފައި ވުމެވެ.
ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކުންވެސް މިހާތަނަށް 3 މެޗް ކުޅެފައިވާއިރު މިރޭ ބަލިނުވެ ފަރުޖައްސައިފިނަމަ ބާކީ ދެމެޗް އޮއްވައި ބާސާއަށް ދެވަނަ ބުރުގެ ޖާގަ ޔަގީން ވާނެއެވެ. އަނެއްކޮޅުން ދެވަނަ ބުރުން ޖާގަ ހޯދުމަށް ދެކޭ ހުވަފެންތައް ކިޔޭވްއަށް ދެމެހެއްޓެން އޮތީ ބާސާ ބަލިކޮށްގެންނެވެ. މިގްރޫޕުގެ އެއްވަނައިގައި ބާސާ އޮތީ 9 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ޔުވެންޓަސް 6 ޕޮއިންޓާއެކު އޮތްއިރު ތިންވަނައިގައި ކިޔޭވް އަދި ހަތަރު ވަނައިގައި ފެރެންކްވަރޮސް އޮތީ އެއްޕޮއިންޓާއެކުއެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް:
1. ކިޔޭވް – ބާސެލޯނާ ( 1:00 )
2. މެން.ޔުނައިޓެޑް – އިސްޓަންބުލް (1:00 )
3. ޕީއެސްޖީ – ލައިޕްޒީގް (1:00 )
4. ލާޒިއޯ – ޒެނިތް (1:00 )
5. ޑޯޓްމަންޓް – ކްލަބު ބުރޫޖް (1:00 )
6. ޔުންޓަސް – ފެރެންކްވަރޮސް (1:00 )
7. ޗެލްސީ – ރޭނިސް (22:55 )
ކްރަސްނޮޑާ – ސެވިއްޔާ (22:55)