އިނގިރޭސި ޕްރިމިއަރ ލީގުގެ ރަންބޫޓް ރޭ ހޯދައި، ޕްރިިމިއަރ ލީގުގެ ތާރިހުގައި ރަންބޫޓް ހޯދި އޭޝިޔާގެ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ޓޮޓެންހަމްއަށް ކުޅެމުން އަންނަ ދެކުނު ކޮރެއާގެ ވިންގަރ ސޮން ހިއުން މިންގ ހާސިލް ކޮށްފިއެވެ.

ދެކުނު ކޮރެއާގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަ ސޮން ޕްރިމިއަރ ލީގުގެ ރަންބޫޓް ކަށަވަރު ކުރީ ރޭ ނޯވިޗް ކޮޅަށް 2 ލަނޑު ކާމިޔާބުކޮށް މިސީޒަނުގައި ޖެހި ލަނޑުގެ އަދަދު 23 އަށް އަރުވައިގެންނެވެ. ލިވަޕޫލްގެ މިސްރުގެ ތަރި މުހައްމަދު ސަލާހްވެސް ވަނީ މިއަދަށް މިސީޒަނުގައި ލަނޑު ކާމިޔާބު ކޮށްފައެވެ. މިއާއެކު ސަލާހަށްވެސް ޕްރިމިއަރ ލީގުން ވަނީ ރަންބޫޓް ދީފައެވެ.

ސޮން މިސީޒަނުގައި ޕްރިމިއަރ ލީގުގައި 23 ލަނޑު ހަމަކުރީ އެއްވެސް ޕެނަލްޓީއެއް ކާމިޔާބު ނުކޮށްކަން ފާހަގަ ކޮށްލެވެއެވެ. މިއީ ޕްރިމިއަރ ލީގުގެ ތާރިހުގައިވެސް ޕެނަލްޓީއެއް ކާމިޔާބު ނުކޮށް ރަންބޫޓް ހާސިލް ކުރި ފުރަތަމަ ފަހަރެވެ.

ސޮން ރަންބޫޓް ހާސިލް ކުރުމާއެކު އޭޝިޔާގެ ކުރީގެ މަޝްހޫރު ތަރިންް ވަނީ އޭނާއަށް މަރުހަބާ ކިޔައި، އޭޝިޔާގެ ކުޅުންތެރިންނަށް ޔޫރަޕުގައި ކާމިޔާބު ހޯދިދާނެކަން ދައްކުވައި ދީފި ކަމަށް ބުނެ ސޮންއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.

ނިމިދިޔަ ސީޒަނުގައި ޕްރިމިއަރ ލީގުގެ އެވޯޑްތައް ހާސިލް ކުރި ކުޅުންތެރިން:

1. މޮޅު ކުޅުންތެރިޔާ: ކެވިން ޑިބްރޭނާ (މެންޗެސްޓަރ ސިޓީ)

2. ރަންބޫޓް: ސޮން މިއުން ހިންގ (ޓޮޓެންހަމް) ، މުހައްމަދު ސަލާހް (ލިވަޕޫލް)

3. ގޯލްޑަން ގްލޯވް: އެލިސަން ބެކާ (ލިވަޕޫލް) ، އެންޑަސަން (މެންޗެސްޓަރ ސިޓީ)

4. ޒުވާން މޮޅު ކުޅުންތެރިޔާ: ފިލް ފޯޑެން (މެންޗެސްޓަރ ސިޓީ)