އޮލިވަރ ޖިރޫޑުގެ ދެލަނޑާއި ފްރޭންކް ކެސީގެ ލަނޑުން ސަސޫލޯ 3-0 އިން ބަލިކޮށް، އެގާރަ އަހަރަށްފަހު އިޓާލިއަން ސީރިއޭގެ ޗެމްޕިއަންކަން މަޝްހޫރު އޭސީ މިލާނުން ރޭ ހޯދައި ލީގް ރަސްކަމަށް އެނބުރި އަތުވެއްޖެއެވެ.
އިޓަލީގެ އެންމެ ވަރުގަދަ ބާރުގެ ގޮތުގައި އޮތް އޭސީ މިލާނަށް މީގެ އެގާރަ އަހަރު ކުރިން ކުރިމަތިވި މާލީ އަނޑިގުޑަންތަކުން އަރައިގަނެ މިސީޒަނުގައި ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ. ލީގުގައި ކުޅުނު 38 މެޗުގެ ތެރެއިން 26 މެޗް މިލާނުން ވަނީ ކާމިޔާބު ކޮށްފައެވެ. 8 މެޗުން އެއްވަރުވިއިރު ބަލިވީ އެންމެ ހަތަރު މެޗުންނެވެ.
ރެއާލް މެޑްރިޑަށްފަހު ޔޫރަޕުގެ އެންމެ ވަރުގަދަ ބާރުގެ ގޮތުގައި އޮތް މިލާނުން މިއީ އިޓާލިއަން ސީރިއޭގެ ޗެމްޕިއަންކަން ހޯދި 19 ފަހަރެވެ. ވާދަވެރި އިންޓަމިލާނުންވެސް ވަނީ ހަަމަ މިއަދަދަށް ޗެމްޕިއަންކަން ހޯދާފައެވެ. މިލާނަށް އެންމެފަހުން އިޓާލިއަން ލީގް ޗެމްޕިއަންކަން ހޯދިފައި ވަނީ 2011-2010 ގައެވެ.
މިލާނުގެ މިކާމިޔާބީގެ އެންމެ ބޮޑު އެއްހިއްސާދާރަކީ ތަޖުރިބާކާރު ފޯވާޑް ޒަލްޓަން އިބްރަހިމޮވިޗެވެ. މިހާރު އުމުރުން 40 އަހަރުވެފައިވާ އިބްރަހިމޮވިޗް ވަނީ މީގެ 11 އަހަރު ކުރިން މިލާނުން ޗެމްޕިއަންކަން ހޯދިއިއިރުވެސް މުހިއްމު ދައުރެއް އަދާކޮށްފައެވެ. ލީގް ކާމިޔާބު ކުރުމަށްފަހު އިބްރަހިމޮވިޗް ބުނީ މިކާމިޔާބީ އޭނާ ހާއްސަ ކުރަނީ ދާދިފަހުން މަރުވި އޭނާގެ އެޖެންޓް މިނޯ ރައިއޮލާއަށް ކަމަށެވެ.
މިލާނުން އެނބުރި ރަސްކަމަށް އައިރު މޭސްތެރިޔަކަށް ހުރީ ކުރީގެ ޑިފެންޑަރު ސްޓެފަން ޕިއޯލީއެވެ. މިލާނާއި ޕިއޯލީ ހަވާލުވީ 2020-2019 ސީޒަނުގެ ތެރެއިންނެވެ. އެފަހަރު އޭނާގެ އިރުޝާދުގެ ދަށުން މިލާނުން ލީގުގެ 6 ވަނަ ހޯދިއެވެ. ޖެހިގެން އައި 2020-2021 ސީޒަނުގައި ޕިއޯލީގެ އިރުޝާދުގެ ދަށުން މިލާނުން ދެވަނަ ހޯދިއެވެ.