އަފްޣާނިސްތާނުގެ ކުރީގެ މަސްއޫލުވެރިންނާއި ސިޔާސީ ލީޑަރުން އަފްޣާނިސްތާނަށް އަނބުރައި ގެނައުމާ ބެހޭ ކޮމިޝަނެއް އެކުލަވާލައި އެކޮމިޝަނުގެ 15 މާއްދާގެ މައްޗަށް ހިމެނޭ ޗާޓަރު ތާލިބާނުން ހާމަކޮށްފިއެވެ.
ތާލިބާނުންގެ ތަރުޖަމާންގެ ނާއިބް އިންޢާމުﷲ ސަމަންގާނީ ވަނީ ޓުއިޓާގައި މި ޗާޓަރު ޕޯސްޓް ކޮށްފައެވެ. އޭނާ ބުނީ މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި އަފްޣާން ސުލްޙައަށް ތާލިބާނުން ފުންކޮށް ވިސްނާ ފައިވާ ކަމަށެވެ.
މިޗާޓަރުގެ ދެވަނަ މާއްދާގައިވާ ގޮތުން އަފްޣާނިސްތާނުން ބޭރުވެފައިވާ މީހުންގެ ތަފްސީލީ މައުލޫމާތު ކޮމިޝަނުން އެއްކުރާނެއެވެ. ކޮމިޝަންގެ ސެކްރެޓޭރިއެޓަކާއި ފަންނީ ކަންކަމުގައި އެހީތެރިވާނެ އިދާރާއެއްވެސް ހިމެނެއެވެ.
މި ކޮމިޝަނުން ކުރާނެ ކަންތައްތަކުގެ ތެރޭގައި އެނބުރި އަންނަ މީހުންނަށް ރައްކާތެރިކަން ދިނުމާއި، ވަގުތީ ގޮތުން އެމީހުންނަށް ބޯހިޔާވަހިކަން ދިނުން ހިމެނެއެވެ.
މި ފިޔަވަޅުގެ ސަބަބުން އަފްޣާނިސްތާނަށް އެނބުރި ދާން ބޭނުންވާ މީހުން ދެނެގަނެ، އެކަމަށް ހިތްވަރު ދިނުމަށް ބާރުއަޅާނެއެވެ. އަދި އެނބުރި އަންނަ މީހުންގެ މުދަލާއި ފުރާނައާއި "އަބުރު ރައްކާތެރިކޮށްދޭނެ" ކަމަށް ކޮމިޝަނުން ވަނީ ވައުދުވެފައެވެ.
އަދި އެނބުރި އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ގާޑުން ފޯރުކޮށްދޭން ޖެހިއްޖެ ހާލަތެއްގައި ގާޑުން ފޯރުކޮށްދޭން ވެސް އެ މީހުން ތައްޔާރަށް ތިބި ކަމަށް ބުނެ އެވެ.
އެނބުރި އަންނަން ދެކޮޅު ހަދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނީ "ޝަރީއާގެ އުސޫލުން" ކަމަށްވެސް އިންޒާރު ކޮށްފައި ވެއެވެ.
އިހައްދުވަހު ތުރުކީގެ ވެރިރަށް އަންކާރާގައި ބޭއްވި ބައްދަލުވުމެއްގައި، ތާލިބާނުންނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ތައްޔާރަށް އޮތްކަމަށް 40 ވަރަކަށް ނުފޫޒުގަދަ އަފްޣާނީ ސިޔާސީ ޝަހުސިއްޔަތުންނާއި ޕާޓީތަކުގެ ލީޑަރުން ވަނީ އިއުލާން ކުރައްވފައެވެ. އެބޭފުޅުން އެއްވެ ވަޑައިގަތީ ނޭޝަނަލް މޫވްމަންޓް ޕާޓީގެ ލީޑަރު އަބްދުއްރަޝިދު ދޯސްތުމްގެ ގެކޮޅުގައެވެ.
އެބޭފުޅުން ނިންމެވީ އެންމެން ޝާމިލުވާ ސިޔާސީ މަސައްކަތް ފެށުމަށް ތާލިބާނަށް ދައުވަތު ދޭށެވެ. އަދި ދެކޮޅު ހަދައިފި ހާލަތެއްގައި ހަނގުރާމައާއި އަސްކަރީ ކުރިމަތިލުމަކަށް ދިއުމަށެވެ.