ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ އިސްރާއީލުގެ އެމްބަސީތަކާއި ކޮންސިއުލޭޓްތައް ތަޔާރީ ހާލަތަކަށް ގެނަސްފިކަމަށް އިޒްރޭލު މީޑިއާއިން ބުނެއެވެ. އީރާނުގެ ރައީސް އިބްރާހިމް ރައީސީ ވިދާޅުވީ، ކާނަލް ހަސަން ސައްޔާދީގެ މަރަށް އީރާނުން ބަދަލު ހިފާނެ ކަމަށެވެ.

އީރާނުގެ ވެރިރަށް ތެހެރާނުގައި ގޮތް ނޭނގޭ ބަޔަކު ވަނީ އިއްޔެ އީރާންގެ ރިވޮލިއުޝަނަރީ ގާޑުގެ ކާނަލް ހަސަން ސައްޔާދު ޚުދާއީ މަރާލާފައެވެ.

ރައީސީ ވިދާޅުވީ އީރާނުން ޝަހީދުންގެ ލޭގެ ބަދަލު ހިފުމަކީ އެގައުމުން ކުރާނެ އަދި އީރާނަށް ލާޒިމު ކަމެއް ކަމަށެވެ. ރައީސް ރައީސީ މިވާހަކަތައް ވިދާޅުވީ އޮމާނަށް ކުރައްވާ ދަތުރުފުޅުގެ ކުރިން ދެއްވި ބަޔާނެއްގައެވެ.

އީރާނުގެ ދާޚިލީ ވަޒީރު އަޙްމަދު ވާހިދީ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ކާނަލް ސައްޔާދު ޚުދާއީ އަވަހާރަކޮށްލި ހާދިސާގެ ތަޙުޤީޤުތައް ކުރިއަށް ގެންދިޔުމަށް ސަލާމަތީ އަދި އަސްކަރީ އޭޖެންސީތަކުގެ ޖޮއިންޓް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

އީރާންގެ ރިވޮލިއުޝަނަރީ ގާޑުގެ ތަރުޖަމާނަކު ވަނީ ސީރިއާގައި މީގެ ކުރިން ކުރި ހަނގުރާމައިގައި ބައިވެރިވެފައިވާ ކާނަލް ޚުދާއީއަށް އަމާޒުކޮށް އިސްރާއީލުގެ ޖާސޫސީ އިދާރާއާ ގުޅިފައިވާ ޓެރަރިސްޓް އޭޖެންޓުންތަކެއް އޭނާ އަވަހާރަ ކޮށްލަން ހަމަ ދިނީކަމަށް ތުހުމަތު ކޮށްފައެވެ.