އިޒްރޭލުގެ ޒަޔަނިސްޓު ސިފައިން ޝަހީދުކޮށްފައިވާ އަލްޖަޒީރާގެ ނޫސްވެރިޔާ ޝިރީން އަބޫ އަޤްލާ އަވަހާރަކޮށްލުމާ ގުޅޭ ޖަރީމާއާ ބެހޭ ގޮތުން ފަލަސްތީނުން ތައްޔާރު ކުރި ފައިލް، ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓާ ހަވާލުކޮށްފިއެވެ.

ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާޟުލް މާލިކީ މިއަދު ވިދާޅުވީ، މިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ފަލަސްތީނަށް ވަންނަން އުޅުނު ޔޫރަޕިއަން ޕާލަމެންޓުގެ ހާއްސަ ވަފުދުގެ މެމްބަރުންނަށް ފަލަސްތީނަށް އެތެރެވުން އިސްރާއީލުން މަނާކޮށްފައިވާ ކަމަށެވެ.

ފަލަސްތީނުގެ ތަހުގީގުތަކުގެ ނަތީޖާ ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ޖިނާއީ ހާދިސާގެ ފައިލް، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓަރ ކަރީމް ޚާންއާ ހަވާލުކުރުމަށް ފަލަސްތީނުން ފޮނުވީ މީގެ ދެދުވަސް ކުރިންނެވެ.

ޔޫރަޕްގެ ޕާލަމެންޓުގެ ވަފްދު އަދިވެސް އިޒްރޭލުގައި އެބަތިއްބެވެ. އަދި ޔޫރަޕްގެ މަންދޫބެއްވެސް ވަނީ އިޒްރޭލަށް ދަތުރެއް ފައްޓަވާފައެވެ.

އިޒްރޭލުން ވަނީ މި ވަފްދު ހިފާފައިވާ ގުދުސްއަށް ވަނުމަށްވެސް ހުރަސް އަޅާފައެވެ.

ޔޫރަޕިއަން ޕާލަމެންޓްގެ ވަފްދުން ބުނާ ގޮތުން މި ދަތުރުގެ މަގްސަދަކީ ޝީރީން ޝަހީދު ކޮށްލި ހާދިސާއާއި ޖެނީންއާއި ހުލަނގު އައްސޭރީގައި އިޒްރޭލުން ހިންގާފައިވާ އުދުވާނާއި ހިފާފައިވާ ގުދުސްގައި އިންގާފައިވާ އުދުވާނާ ބެހޭ މައްސަލަތައް ބަލައި މީހުންނާ ވާހަކަ ދައްކައި ރިޕޯޓެއް އެކުލަވާލުމެވެ.