ރާއްޖެއިން ކުރިން ނުފެންނަ ވައްތަރުގެ ދޫންޏެއް ފެނިއްޖެ އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ ރާއްޖޭން އަލަށް ފެނިފައި ވަނީ އާންމުކޮށް ޔޫރަޕާއި އުތުރު އެފްރިކާގެ އިތުރުން މެދުއިރުމަތިން ފެންނަ އާންމު ދޫންޏެއް ކަމަށްވާ "ވައިޓް ސްޓޯކް" ކަމަށެވެ. މި ދޫނި ވަރަށް ވަރަށް މަދުން ފިނި މޫސުމުގައި އިންޑިއާ އާއި ސްރީ ލަންކާ އިން ވެސް ފެނެ އެވެ.

ރާއްޖޭން "ވައިޓ ސްޓޯކް" އެއް ފެނުނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 20 ގައި ލ. ހިތަދޫންނެވެ. އަދި މިއީ ބާވަތުގެ ދޫންޏެއް ރާއްޖޭން ފެނުނު ކަމަށް ރެކޯޑްކުރެވުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

މާކަނައާ ވައްތަރު ގޮތަކަށް "ވައިޓް ސްޓޯކް" ގެ ހަށިގަނޑުގެ ބޮޑުބައިގައި ހުންނަނީ ހުދު ކުލަ އެވެ. އަދި ފިޔަގަނޑުގައި ކަޅުކުލަހުރެ އެވެ. އަދި ދިގުކޮށް އިންނަ ތުންގަނޑާއި ފައިގައި ހުންނަނީ ގަދަ އޮރެންޖް ކުލައެކެވެ.