ދައުލަތުގެ މުއައްސަސާތަކަށް ފާޑުކިޔާ ކަމަށް ބުނެ ޕާކިސްތާންގެ ސީނިއާ ނޫސްވެރިންގެ މައްޗަށް ދައުލަތުގެ މުއައްސަސާތަކާ ދެކޮޅު ހަރަކާތްތައް ހިންގާކަމުގެ ތުހުމަތުގައި މައްސަލަތަކެއް ހުށަހަޅާފައިވާ ކަން އެނގިއްޖެއެވެ. ޕާކިސްތާން ސަރުކާރުން މައްސަލަ ޖައްސާފައިވާ ނޫސްވެރިންނަކީ އާންމު ގޮތެއްގައި އިމްރާން ޚާން ލީޑް ކުރައްވާ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އާ ސިޔާސީ ފިކުރުގެ ގޮތުން ގާތް ނޫސްވެރިންކަމަށް ވެއެވެ.

ޕީޓީއައިގެ ޗެއާމަން އިމްރާން ޚާން ސިފަ ކުރެއްވި ގޮތުގައި ނޫސްވެރިންނާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހަޅާފައި ވަނީ "ސިޔާސީ ބަދަލު ހިފުމުގެ" ގޮތުންނެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި "ފޭކް އެފްއައިއާރު" ގެ ފަހަތުގައި އޮތީ ޝެހްބާޒް ޝަރީފްގެ ކޮއެލިޝަން ސަރުކާރު ކަމަށާއި އެއީ "އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ.އެގޮތުން ޕާކިސްތާނުގެ މީޑިއާ ރެގިއުލޭޓަރު ޕާކިސްތާން އިލެކްޓްރޯނިކް މީޑިއާ ރެގިއުލޭޝަން އޮތޯރިޓީ (ޕެމްރާ) އިން ހޯމަ ދުވަހު ވަނީ ދައުލަތުގެ މުއައްސަސާތަކަށް، ހާއްސަކޮށް ޝަރުއީ ދާއިރާ އާއި އަސްކަރިއްޔާއަށް ބަދު ބަސްބުނެ ވާހަކަތައް ޝާއިއު ނުކުރުމަށް ޓީވީ ޗެނަލްތަކަށް އިންޒާރު ދީފައެވެ.

ޕެމްރާއިން ބުނީ، އެ އިދާރާއިން ފާސްކޮށްފައިވާ ގައިޑްލައިންތަކާ ޚިލާފަށް އަމަލުތައް ބަހައްޓާނަމަ، ކުރިން އެންގުމަކާ ނުލައި ޓްރާންސްމިޝަން މެދުކަނޑާލުމާއި ޖޫރިމަނާ ކުރުން ފަދަ ފިޔަވަޅު އަޅާނެ ކަމަށެވެ.މިއީ ހަމައެކަނި ޕެމްރާއިން މިފަދަ އިންޒާރެއް ދިން ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ 9 މެއި ކުރިން ވެސް މިފަދަ އިންޒާރެއް ދިނުމަށްފަހު ޕެމްރާގެ މި އެންގުމާ އެއްގޮތަށް އަމަލުކޮށްފައިވެއެވެ.

ޕާކިސްތާން ފެޑެރަލް ޔޫނިއަން އޮފް ޖާނަލިސްޓްސް (ޕީއެފްޔޫޖޭ) އިން ވަނީ ޕާކސްތާންގައި މީޑިއާ ކޮންޓްރޯލު ކުރުމަށް ގެންގުޅޭ ކަޅު ގާނޫނުތައް އުވާލައި މީޑިއާގެ އަނގަ ބަންދުކުރާ ތަންތަން އުވާލުމަށް ސަރުކާރަށް ގޮވާލާކަމަށެވެ. އަދި ޕެމްރާއަށް ފުރިހަމަ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ވެސް އެދިފައިވެއެވެ. އޭގެ އިތުރުން ސަރުކާރަށް ގޮވާލާފައި ވަނީ މީޑިއާގެ ސްޓޭކް ހޯލްޑަރުންނާ އެކު މާނަވީ މަޝްވަރާތަކެއް ސަރުކާރުން ފެށުމަށެވެ.